ސައުތު އެފްރިކާގެ ރަން ނަގާ ވަޅު ބަންދުކުރީ 164 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން. --ފޮޓޯ:ރޮއިޓާސް
25 މެއި 2020 - 13:28
ޖޮހަނަސްބާގު (މެއި 25) - ދުނިޔޭގެ އެންމެ ފުން ރަންވަޅު ކަމަށް ބެލެވޭ ސައުތު އެފްރިކާގެ އެމްޕޮނެންގައި މަސައްކަތް ކުރާ 164 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ތަން ބަންދުކޮށްފި އެވެ.
ސައުތު އެފްރިކާ ލޮކްޑައުން ކުރުމާ ގުޅިގެން އެ ގައުމުގެ ރަން ނަގާ އެހެން ވަޅުތަކެކޭ އެއްގޮތަށް އެމްޕޮނެން ވެސް މާޗް މަހު ބަންދުކުރި އެވެ. ނަމަވެސް އޮޕަރޭޝަން ފަށާފައި ވަނީ މިދިޔަ މަހު އެވެ. އެ ރަންވަޅުގެ މަސައްކަތް ކުރިއަށް ގެންދިޔައީ 50 ޕަސެންޓް ކެޕޭސިޓީގަ އެވެ. އޭރު ވެސް ބައެއް މުވައްޒަފުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ސުވާލު އުފައްދައިފަ އެވެ.
ޕޮޒިޓިވްވި ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައެއް ނުވެ އެވެ. ރަން ނަގާ ވަޅުގެ ވެރި ފަރާތް ކަމަށްވާ އެންގްލޯގޯލްޑް އަޝަންޓީން ބުނީ ޕޮޒިޓިވްވި އެންމެން އައިސޮލޭޓްކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ބުނެފައި ވަނީ ފުރަތަމަ ކޭސް މިދިޔަ ހަފުތާގައި ފެނުނު ފަހުން މިހާތަނަށް 650 މުވައްޒަފުން ޓެސްޓްކޮށްފައިވާ ކަމަށެވެ.
ސައުތު އެފްރިކާ އިން މިހާތަނަށް ވަނީ 22,583 މީހުން ޕޮޒިޓިވްވެ 429 މީހުން މަރުވެފަ އެވެ.
ސައުތު އެފްރިކާ އަކީ ދުނިޔޭގައި އެންމެ ގިނައިން ރަން ނަގާ ގައުމު. --ފޮޓޯ:ގެޓީ އިމޭޖަސް
ޖޮހަނަސްބާގުގެ ހުޅަނގު ދެކުނުން 75 ކިލޯ މީޓަރު (50 މޭލު) ދުރުގައިވާ އެމްޕޮނެން ރަން ވަޅުގެ ފުން މިނުގައި ހަތަރު ކިލޯ މީޓަރު ހުރެ އެވެ. އެއީ ދުނިޔޭގެ އެންމެ ފުން ރަންވަޅެވެ. ރަން ނަގާ މީހަކު ގެއްލިއްޖެ ނަމަ ހޯދުމަށް ބޭނުން ކުރަނީ އިލެކްޓްރޯނިކް ޓްރެކިން އެވެ. ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ވަނީ އެ ސިސްޓަމް ބޭނުންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުބެހެވޭ
26 May 2020
ވައިރަސްގެ ނެޗުރަލް ޕްރޮސެސްއާ ބެހެވޭނެތަ ދުނިޔޭގެ އެންމެ ފުންމިނުގެ ވަޅަކަށްވިއަސް؟ ވައިރަސްގެ ގުދުރަތީ ފެތުރުން ހުއްޓުވަން އިންސާނުން ކިތަންމެ މަސައްކަތެއް ކުރިއަސް އެ ފެތުރޭނެ ވަރަކަށް ފެތުރޭނެ. އޭތި ނުހުއްޓުވޭނެކަން ކިތައް ގޮތަށް ދައްކަމުން އެދަނީ؟ އޭތީގެ ނެޗުރަލް ޕްރޮސެސް ފުރިހަމަ ކުރުމަށް ހުރަސްއަޅަން އިންސާނުން ނުކުޅެދުންތެރި.