ސައުތު ކޮރެއާގެ ބައެއް ސްކޫލްތައް އަނެއްކާވެސް ފަޅަށް. --ފޮޓޯ: ގެޓީ އިމޭޖަސް
30 މެއި 2020 - 12:08
ސޯލް (މެއި 30) - ކޮރޯނާވައިރަސް ކޮންޓްރޯލް ވެއްޖެ ކަމަށް ބަލައި ސައުތު ކޮރެއާގެ ސްކޫލްތައް ހުޅުވިތާ މާގިނަ ދުވަހެއް ނުވަނީސް، އާ ކޭސްތައް ފެންނަން ފެށުމުން 200 އަށް ވުރެ ގިނަ ސްކޫލް ބަންދުކޮށްފި އެވެ.
ސައުތު ކޮރެއާގައި ވައިރަހުގެ އާ ކޭސްތައް ގިނައިން ފެންނަން ފަށާފައި ވަނީ ވެރިރަށް ސޯލްގެ ބޭރުގައިވާ ޑިސްޓްރިބިއުޝަން ސެންޓަރަކުންނެވެ. ބުރާސްފަތި ދުވަހު އެކަނި ވެސް ވަނީ ވޭތުވެދިޔަ ދެ މަސް ދުވަސްތެރޭ އެއް ދުވަހާ ޕޮޒިޓިވް ނުވާ ވަރަށް ކޭސްތައް ފެނިފަ އެވެ. ބޫޗަންގައި ހުންނަ އެ ސެންޓަރު ހިންގަނީ ކޮރެއާގެ އެންމެ ބޮޑު އީ-ކޮމާސް ކުންފުނި ކޫޕަން އިންނެވެ. އޮފިޝަލުން ބުނެފައި ވަނީ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގައިޑްލައިންތައް އެ ތަނުން ފޮލޯކޮށްފައި ނުވާ ކަމަށެވެ. އޮންލައިން ޑިސްޓްރިބިއުޝަން އެ ސެންޓަރުގެ އެތައް ހާސް މުވައްޒަފުން ޓެސްޓް ކުރަމުންދާ އިރު އިތުރު ކޭސްތައް ފެނުމަކީ އެކަށީގެންވާ ކަމަށެވެ.
ސައުތު ކޮރެއާގެ އޮންލައިން ޑެލިވަރީ ޚިދުމަތް ދޭ ކޫޕަންގެ ޑިސްޓްރިބިއުޝަން ސެންޓަރު: އެ ތަނުން ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައި. --ފޮޓޯ:އޭއެފްޕީ
ބޫޗަން އިން ވަނީ 251 ސްކޫލް ބަންދުކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓަރާ ހަވާލާދީ ކޮރެއަން ޓައިމްސް އިން ބުނެފައި ވަނީ ވެރިރަށް ސޯލް އިން ހުޅުވަން ނިންމި 117 ސްކޫލެއް ވެސް މިހާރު ވަނީ ނުހުޅުވާ ގޮތަށް ހަމަޖައްސާފައި ކަމަށެވެ. ސޯލްގެ ދަރިވަރަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ދަރިވަރުގެ މަންމަ މަސައްކަތް ކުރަނީ ކޫޕަން ސެންޓަރުގަ އެވެ.
ސޯލް އާއި އަދި ވަށައިގެންވާ ސިޓީތަކުގެ ޕާކްތަކާއި މިއުޒިކްތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ކޮރޯނާވައިރަސް އެހެން ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރިގެން ދިޔަ އިރު ސައުތު ކޮރެއާގައި ޓެސްޓް ކުރުމާއި ޓްރޭސް ކުރުމުގެ ޕްރޮގްރާމް ކާމިޔާބުވުމުން އެ ގައުމަށް އެތައް ބައެއްގެ ތައުރީފް ލިބުނެވެ. ނަމަވެސް ފަހަކަށް އައިސް ވަނީ އާ ކްލަސްޓަތައް ފެންނަން ފަށައިފަ އެވެ.
ސައުތު ކޮރެއާ އިން ވަނީ ކޮރޯނާވައިރަހަށް 11,402 މީހުން ޕޮޒިޓިވްވެ 269 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
30 May 2020
އެކަމަކު އަހަރުމެން ދިވެހިން މިއުޅެނީ ހިތްހަމަ ޖެހޭވަރުގެ ލުޔެއް ނުލިބިގެން ! ލުއި ދިނީމަ ވާގޮތް މިހިރަ ފެންނަނީ ! ކެތްތެރިކަން އިސްކޮށްބަލަ !
ސްކިޕަރ
30 May 2020
ސްކޫލުތަކާއި ޔުނިވާސިޓީ ކޮލެޖުތަކަށް ކުދިން ދާން މަޖުބޫރުވާގޮތަށް އެތަންތަން ހުޅުވުމަކީ އެކުދިން ނުރައްކަލަކަށް ވައްޓާލުން.
ވިސްނަންޏާ ވިސްނޭނެ
30 May 2020
ޓެކްނޮލޮޖީއާއި، ކޮންޓެކްޓް ޓްރޭސިންގ އާއި މީހުންގެ ހޭލުންތެރިކަމާއި ގާނޫނުތަކަށް ބޯލަނބާ ފަރުދީ ޒިންމާ ނެގުމުގައި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ކުރީގައި އުޅޭ އެއް ގައުމުގައި މިއޮތީ ވީގޮތް. ލަންކާގައިވެސް. ދެން ވިސްނާލަ ރާއްޖެކަހަލަ ގައުމެއްގަ ވާނެ ގޮތް. މިތާ ހުރިހާ ކަމެއްވެސް ވާންޖެހޭނީ ސިޔާސީ މީހުންނާއި މަހުޖަނުންގެ މަސްލަހަތު ހިމާޔަތްކުރަން.
ދޭސީ
30 May 2020
މިގައުމުގަ ނަމަ ވާނީ ތިހެނެއް ނޫން. މިގައުމުގަ ނަމަ އެޗްޕީއޭ ފަރާތުން ޑޮކްޓަރަކު އަރުވާ ބުނާނެ މިހާރު މިފެންނަމުންދާ އަދަދަކީވެސް ލޮކްޑައުން ކުޑަކުރަން ރަނގަޅު އަދެދެކޭ. ވިޔަފާރިވެރިން ބޭނުންވީމަ ހުރިހާ ކަމެއްވެސް މިގައުމުގަ ވާނެ.