ދުބާއީ (ޖޫން 22) - ތިން މަސް ދުވަހަށް ފަހު، އަންނަ ޖުލައި މަހު 7 ވަނަ ދުވަހުން ފެށިގެން ދުބާއީ ޓޫރިސްޓުންނަށް ހުޅުވާލަން ނިންމައިފި އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދުބާއީ ލޮކްޑައުން ކުރުމަށް ފަހު އަލުން ހުޅުވާލަން ނިންމާފައި ވަނީ އެ ގައުމުގެ ސުޕްރީމް ކޮމިޓީ އޮފް ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓުންނެވެ.
ދުބާއީ އަށް ދަތުރު ކުރަން ބޭނުންވާ ޓޫރިސްޓުން އަމަލު ކުރާނެ ގޮތުގެ ޕްރޮޓޮކޯލް ވަނީ ކޮމިޓީން އާއްމުކޮށްފަ އެވެ. ދުބާއީ އަށް ދަތުރު ކުރަން ބޭނުންވާ މީހުންގެ އަތުގައި ކޮވިޑް-19 އަށް ނެގެޓިވްވި ކަމުގެ ފަހުގެ ސެޓްފިކެޓެއް އޮންނަން ޖެހޭނެ އެވެ. ނޫން ނަމަ އެއާޕޯޓުގައި ޓެސްޓް ހަދާނެ އެވެ. ޓެސްޓުން ޕޮޒިޓިވްވެއްޖެ ނަމަ 14 ދުވަހަށް ކަރަންޓީން ކުރާނެ އެވެ.
"ކޮރޯނާވައިރަހަށް ޓެސްޓް ކުރުމަކީ މަޖްބޫރު ކަމެއް. އެ ޓެސްޓް ވާން ޖެހޭނީ ދުބާއީ އަށް ދަތުރު ކުރުމުގެ 96 ގަޑިއިރު ކުރިން ހަދާފައިވާ ޓެސްޓަކަށް. ނޫން ނަމަ އެއާޕޯޓުން ޓެސްޓްކުރާނެ،" އެމިރޭޓްސްގެ މީޑިއާ ސެންޓަރުން ބުނެފައިވެ އެވެ.
ދުބާއީ އަށް ދަތުރުކުރާ މީހުން އިންޓަނޭޝަނަލް ހެލްތު އިންޝުއަރެންސް ޕެކޭޖެއް ނަގާފައިވުމާއި އެ މީހާއާ ގުޅޭ ތަފްސީލްތައް ހިމެނޭ ފޯން އެޕްލިކޭޝަނެއް ޑައުންލޯޑް ކުރުން އަދި ހެލްތު ޑިކްލަރޭޝަން ފޯމެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ.
ދުބާއީން ވަނީ އެ ގައުމުގެ ރައްޔިތުން ވެސް އަންގާރަ ދުވަހުން ފެށިގެން އެހެން ގައުމުތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފަ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ 44,925 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 302 މީހުން މަރުވެފަ އެވެ. އިއްޔެ ވަނީ 392 މީހުން ޕޮޒިޓިވްވެ އެކަކު މަރުވެފަ އެވެ.