30 ޖޫން 2020 - 12:45
ބެއިޖިން (ޖޫން 30) - ޗައިނާގެ ޝިންޖިއާންގައި ދިރިއުޅޭ ވީގޫރް ދަރިކޮޅުގެ މުސްލިމުންގެ އާބާދީ އިތުރުވިޔަ ނުދިނުމަށްޓަކައި، ވީގޫރް މުސްލިމުން ދޭތެރެ ދުރުކުރުމަށް ޗައިނާ އިން މަޖްބޫރު ކުރަމުންދާ ކަމަށް އާ ރިސާޗަކުން ދައްކައިފި އެވެ.
ދިރާސާ ކުރާ ޗައިނާގެ ބޭފުޅެއް ކަމަށްވާ އެޑްރިއަން ޒެންޒް ތައްޔާރުކުރި ރިޕޯޓާ ގުޅިގެން އދ. އިން އެކަން ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ޗައިނާ އިން ވަނީ އެ ރިޕޯޓް ދޮގުކޮށް، އެއީ އަސްލެއް ނެތް އެއްޗެއް ކަމަށް ބުނެފަ އެވެ.
ޒެންޒްގެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ރަސްމީ ޑޭޓާ އާއި އެކިއެކި ސިޔާސަތުތަކާ ބެހޭ ލިޔުންތަކާ އަދި ޝިންޖިއާންގެ މުސްލިމް އަންހެނުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުދިން ހޯދަން އޮންނަ ކޯޓާ އަށް ވުރެ އިތުރަށް ޝިންޖިއާންގެ އަންހެނުން ކުދިން ހޯދާ ނަމަ އެ މީހުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދޭ ކަމަށް ބުނެފައިވެ އެވެ. ދެ ކުދިން ތިބި މީހެއް ނަމަ ނުވިހާ އޮޕަރޭޝަން ކުރަން މަޖްބޫރު ކުރާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ވީގޫރް ދަރިކޮޅުގެ ގާތްގަނޑަކަށް މިލިއަނެއްހާ މުސްލިމުން ޗައިނާ އިން ބަންދުކޮށްގެން، ގެންގުޅޭ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ އާއްމުވެފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެ މީހުން ތިބީ ބަންދުގައި ނޫން ކަމަށާއި އެކަމަކު ތައުލީމް ދޭ މަރުކަޒުތަކެއްގައި އެ މީހުން ކިޔަވަނީ ކަމަށެވެ. އެ ގޮތަށް ހަދަން ޖެހުނީ ޝިންޖިއާންގައި މުސްލިމުންގެ ބައެއް ކަންކަން ހައްދުފަހަނަޅައިދިއުމުން ކަމަށް ބުނެފައިވެ އެވެ.
ޑޭޓާ އެނަލައިޒް ކުރުމަށް ފަހު ޒެންޒް ބުނެފައި ވަނީ ޝިންޖިއާންގެ އާބާދީ އިތުރުވާ ރޭޓް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި 84 ޕަސެންޓް ދަށްވެފައި ކަމަށެވެ.
ޝިންޖިއާންގެ ކޭމްޕްތަކުގައި ބަންދުކޮށްފައި ދޫކޮށްލި ބައެއް އަންހެނުން ބުނެފައިވާ ގޮތުގައި އެ މީހުންނަށް ވަނީ ނުވިހާ އިންޖެކްޝަން ޖަހައިފަ އެވެ.
އެމެރިކާ އިން ވަނީ ވީގޫރް މުސްލިމުންނާ މެދު ޗައިނާ އިން އަމަލުކުރަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހުއްޓާލުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށްފުށުމީހާ
01 July 2020
ނަން ވާނީ އިންޑިއާ.
ތުއްތުނާ 1
01 July 2020
އިންޑިޔާ ވެސް ސަހަލު ބައެއްނޫން........ އެކަމަކުވެސް ޗައިނާ މިއީ މުސްލިމުންނަށް ވަރަށް ނުރައްކާތެރި ގައުމެއް...... ރަމަޟާން މަހު ރޯދައަށް ތިބޭ މީހުންނަށް ގަދަކަމުން ކާންދީ އެތަކެއް އަނިޔާއެއް އެބަކުރޭ...... މުސްލިމުން ހައްޔަރުކޮށް ކޭމްޕްތަކުގައި ބަންދުކޮށްފައި އެބަތިބި ........
ރަަދީފްއޮފިޝިއަލް
30 June 2020
ޗައިނާއިން މުސްލިމުން ނައްތާލުމަށް ހާދަހާ ގިނަ ކަންތައްތަކެއް ކުރެޔޭ. ސަރުކާރުން މީޑިޔާ ހިސޯރުކޮއްފަ އޮންނަ ގައުމަކަށްވާތީ ވަރަށް މަދު ފަހަރަކު ނޫނީ މިފަދަ އަނިޔާ މުސްލިމުންނަށް ދޭކަން ނޫސްވެރިންނަކައްވެސް ލިޔާކަށް ނުކެރޭ.
ސަމަދު
30 June 2020
ބުރޯ މީތި ކަޑައޭ.