ރިޔާޒް (ޖުލައި 22) - ހޮސްޕިޓަލްގައި އެޑްމިޓްވެ އޮންނަވައިގެން ވެސް ރަސްގެފާން ސަލްމާން ވަނީ ކެބިނެޓުގެ ރިޔާސަތު ބަލަހައްޓަވާފައި ކަމަށް އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީން ބުނެފި އެވެ.
ރިޔާޒުގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ރަސްގެފާނަށް ޚާއްސަކޮށްފައިވާ އޮފީހުގައި އިންނަވައި ކެބިނެޓުގެ ރިޔާސަތު ބެލެހެއްޓެވީ ވާޗުއަލްކޮށް އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. ހޮސްޕިޓަލުގެ ތަނަވަސް އޮފީހުގައި ރަސްގެފާން އިންނެވި ފޮޓޯއެއް ރަސްމީ މީޑިއާ އިން ވަނީ ޓްވީޓްކޮށްފަ އެވެ. ރަސްގެފާން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލަތާ މެދު ހެޔޮ އެދުންތައް ފޮނުވި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ކެބިނެޓުގެ ބައްދަލުވުމުގައި ވަނީ ހައްޖުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާނީ 1،000 މީހުން ކަމަށް ސައުދީން ބުނި ނަމަވެސް އެ ގައުމުގެ މީޑިއާތަކުން ބުނެފައި ވަނީ 10،000 މީހުން ބައިވެރިވާނެ ކަމަށެވެ.
ރަސްގެފާން ހޯމަ ދުވަހު އެޑްމިޓްކޮށްފައި ވަނީ ގޯލް ބްލެޑާގެ މައްސަލައަކާ ގުޅިގެންނެވެ. ސައުދީ ރަސްގެފާނުގެ ސިއްހީ ހާލަތު ރިޕޯޓްކުރުމަކީ އެ ގައުމުން އާއްމުކޮށް ކުރާ ކަމެއް ނޫނެވެ. އެކަމަކު ރޯޔަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޔާޒުގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ރަސްގެފާން އެޑްމިޓްކޮށްފައި ވަނީ ގޯލް ބްލެޑާ ދުޅަވުމާ ގުޅިގެން ކަމަށެވެ.
ސަލްމާން ރަސްގެފާން 2015 ވަނަ އަހަރު ތަޚުތަށް އިސްވެވަޑައިގެންނެވީ ކުރީގެ ރަސްގެފާން އަބްދުﷲ، 90، އަވަހާރަވުމާ ގުޅިގެންނެވެ. އަދި ޖޫން 2017 ގައި ރަސްގެފާން ސަލްމާން ވަނީ ދަރިކަލުން މުހައްމަދު ބިން ސަލްމާން، ވަލީ އަހުދުގެ މަގާމަށް ހަމަޖައްސަވައިފަ އެވެ.