ސައުތު ޗައިނާ ކަނޑަށް ޗައިނާ އިން އަތްގަދަކުރުން ގާނޫނާޚިލާފު: އެމެރިކާ

ވޮޝިންޓަން (ޖުލައި 29) - ސައުތު ޗައިނާގެ ކަނޑުގެ ވަސީލަތްތައް ޗައިނާ އިން ބޭނުން ކުރަމުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް އެމެރިކާ އިން މިދިޔަ ހަފުތާގައި ބުނެފި އެވެ.


އެމެރިކާގެ މި ކޮމެންޓާ އެކު ސައުތު ޗައިނާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ އައްސޭރި ފަށުގެ ގައުމުތަކަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

ކެލިފޯނިއާގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ސަައުތު ޗައިނާ ކަނޑަށް ޗައިނާ އިން ނުފޫޒް ފޯރުވުމުން ހުއްޓުވުމަށް މިނިވަން ގައުމުތަކުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"މިނިވަން ގައުމުތަކުން ކޮމިއުނިސްޓް ޗައިނާ ބަދަލު ކުރަން މަސައްކަތް ނުކޮށްފި ނަމަ، ކޮމިއުނިސްޓް ޗައިނާ އިން އެ ގައުމުތައް ބަދަލު ކުރާނެ،" ރިޗަޑް ނިކްސަން ޕްރެޒިޑެންޝަލް ލައިބްރަރީގައި ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވި އެވެ.

ސައުތު ޗައިނާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ވޫޑީ އައިލެންޑް ހިއްކުމަށް ފަހު، ޗައިނާ އިން ހަދާފައިވާ އެއާޕޯޓެއް. --ސެޓެލައިޓް ފޮޓޯ: ގެޓީ އިމޭޖަސް

ސައުތު ޗައިނާ ކަނޑުގެ ރަށްތަކުގައި ޗައިނާ އިން ދަނީ އަސްކަރީ ކަރުކަޒުތައް ގާއިމްކުރަމުންނެވެ. ޕޮމްޕެއޯ ވިދާޅުވެފައި ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ހިންގަމުންދާ ހަރަކާތްތަކާ އެމެރިކާ އިން މީގެ ކުރިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް އެއީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް އެ ގައުމުން ބުނި މިއީ ފުރަތަމަ ފަހަރެވެ.

"ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ރަސްކަން ކުރުމުގެ ފުރުސަތު ދުނިޔެ އިން ނުދޭނެ،" ޕޮމްޕެއޯ ވިދާޅުވެފައިވެ އެވެ.

ސައުތު ޗައިނާ ކަނޑު ވެރިކުރުމަށް ޗައިނާ އިން ކުރަމުންދާ މަސައްކަތަށް ބުރުނާއީ، މެލޭޝިއާ، ފިލިޕީންސް، ޓައިވާން އަދި ވިއެޓްނާމުން ދަނީ ދެކޮޅު ހަދަމުންނެވެ.