އެމެރިކާގެ އުޅަނދު މާސްއަށް، މިފަހަރު ހެލިކޮޕްޓަރެއް ވެސް ހިފައިގެން!

ދުނިޔޭގެ އަވަށްޓެރި އަދި ދުނިޔެއާ ކޮންމެވެސް ވަރެއްގެ އެއްގޮތް ސިފަތަކެއް ވެސް ހުރި މާސް ޕްލެނެޓްގައި އެއްވެސް އިރެއްގައި ދިރުމެއް ވި ހެއްޔެވެ؟ މިއީ ސައިންސްވެރިންގެ ބޮޑު އަދި ޖަވާބެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ސުވާލެކެވެ. އެ މަސައްކަތުގައި އިއްޔެ އަކީ އެމެރިކާގެ ނާސާ އަށް އަނެއްކާވެސް ކާމިޔާބު ދުވަހެކެވެ. މާސްގައި ދިރުމެއް ވި ނަމަ އޭގެ ހެކިތައް ހޯދަން ފޮނުވާލި ޕާސިވިއަރެންސް އުޅަނދު، އެޓްލަސް 5 ގެ ރޮކެޓެއްގައި އުދުއްސާލީ އިއްޔެ އެވެ. މާސްއާ ދިމާއަށް އުޅަނދު މިހާރު ވަނީ މިސްރާބު ޖަހައިފަ އެވެ.


މާސްގައި މިހާރު ވެސް ބައެއް އުޅަނދުތައް އޮޕަރޭޓްކުރަމުން އަންނަ ނާސާގެ ސައިންސްވެރިންގެ މިފަހަރުގެ އަމާޒަކީ، މީގެ އެތައް ބިލިއަން އަހަރެއް ކުރިން ދެމިގެން ދިޔަ ކަމަށް ބެލެވޭ ކޯރެއް އޮތް ސަރަހައްދެވެ. އެތަނަށް ދީފައިވާ ނަމަކީ ޖެޒޭރޯ އެވެ.

މިއަދު މާސްއަކީ ހަނަފަސް އަދި ފިނި ޕްލެނެޓެކެވެ. އެކަމަކު އެއް ޒަމާނެއްގައި އެ ޕްލެނެޓްގެ މާހައުލު ތަފާތުކަން، ޖެޒޭރޯ ސަރަހައްދުގެ ބިންގަނޑުން ސާބިތުވާ ކަމަށް، އެ ދާއިރާގެ ސައިންސްވެރިން ގަބޫލުކުރެ އެވެ. ކޯރެއް ދެމިގެން ގޮސްފައިވާ ކަމުގެ ހެކިތައް، އެމީހުންނަށް އެތަނުން ފެނެ އެވެ. އެހެންކަމުން އެއްވެސް އިރެއްގައި މާސްގައި ދިރުމެއް ވި ނަމަ، އެ ދިރުމެއްގެ ކޮންމެވެސް ވަރެއްގެ ބައިތައް މިހާރު ވެސް އެ ސަރަހައްދުގައި ފޮރުވިފައި އޮންނާނެ ކަމަށް، ސައިންސްވެރިން އުއްމީދުކުރެ އެވެ. ޕާސިވިއަރެންސްގެ ޒިންމާ އަކީ އެ ހެކިތައް ހޯދުމެވެ.

ޖެޒޭރޯ އަކީ މާސްގެ ބިމުގައި އުފެދިފައި އޮތް، ފުޅާމިނުގައި 30 މޭލު ހުރި، ވަޅުގަނޑެކެވެ. މި ވަޅުގަނޑުގެ އެއް ފަރާތާ ގުޅިފައި އޮތީ ކުރިން ފެންގަނޑެއް ދެމިގެންގޮސްފައިވާ މަގެއް ކަމަށް، މީގެ 16 އަހަރު ކުރިން، ނާސާގެ އުޅަނދަކުން ނެގި ފޮޓޯއެއް ދިރާސާކުރެއްވި ސައިންސްވެރިޔާ ކަލެބް ފަސެޓްއަށް އެނގިވަޑައިގަތެވެ. ވަޅުގަނޑުގެ އަނެއް ފަރާތުން އޭނާއަށް ފެނިވަޑައިގަތީ ވެއްޓިފައި އޮތް ބައެކެވެ. އެއީ ދެމިގެން ދިޔަ ފެންގަނޑެއްގެ ބާރުގައި ވެއްޓުނު ފަސްގަނޑެއް ކަމަށް، އޭނާ ގަބޫލުކުރެއްވި އެވެ.

މި ދެ ފަރާތުގެ މެދުގައި އޮތީ ވައް ވަޅުގަނޑެކެވެ. ޖެޒޭރޯގެ ނަން މިހާރު ދީފައި އެވަނީ އެ ސަރަހައްދަށެވެ.

"އެ ސިފަތަކަށް ބަލާ ނަމަ އެއީ ކޯރެއް އޮތް ހިސާބެއް،" މިހާރު ނާސާގެ ޕްލެނެޓަރީ ސައިންސްވެރިއެއްގެ މަގާމުގައި ހުންނެވި ފަސެޓް ވިދާޅުވި އެވެ.

ޕާސިވިއަރެންސް އުޅަނދަކީ، މީގެ އަށް އަހަރު ކުރިން ނާސާ އިން މާސްއަށް ފޮނުވި ކިއުރިއޮސިޓީއާ ދާދި އެއްގޮތް އެއްޗެކެވެ. އެކަމަކު ޕާސިވިއަރެންސްގައި ހިމެނޭ އާލާތްތައް ވަރަށް ތަފާތެވެ. އެ އާލާތްތައް ބޭނުންކޮށްގެން ސައިންސްވެރިން ޖަވާބު ހޯދަން ބޭނުންވަނީ އެއްވެސް އިރެއްގައި މާސްގައި ދިރުމެއް ވީ ހެއްޔެވެ؟ މި ސުވާލަށެވެ.

ޕާސިވިއަރެންސް އުޅަނދުން މާސްގެ ބިންގަނޑުން ސާމްޕަލް ނަގާ ގޮތް ދައްކައިދޭ ވީޑިއޯއެއް

ދުނިޔޭގެ ބިމު އަޑީގައި ފޮރުވިފައި ހުންނަ ކަހަލަ ޑައިނަސޯގެ ބައިތަކާއި މިޔަރުގެ ދަތްތައް ފަދަ އެއްޗެއް މާސް އިން ފެންނާނެ ކަމަކަށް ސައިންސްވެރިން ގަބޫލެއްނުކުރެ އެވެ. އެއްވެސް އިރަކު މާސްގައި ދިރުމެއް ވީ ނަމަ އެ ދިރުމެއް ބިނާވެފައި އޮތުން ކައިރީ އެންމެ ސެލްއެއްގެ މައްޗަށެވެ. އަދި އެއެއްޗެހި އުޅެފައި ވާނީ، ބިންގަނޑަށް ވުރެ، ކަނޑުގައި، ކޯރުގައި ނުވަތަ ފެންގަނޑުތަކުގަ އެވެ.

އެ ކުދިކުދި ބައިތައް، ނުވަތަ ނިޝާންތައް ހޯދުމަކީ އުނދަގޫ މަސައްކަތެކެވެ. ދުނިޔޭގައި ކުރިން އުޅުނު އެފަދަ ކުދިކުދި ދިރުންތަކުގެ ބައިތައް ވެސް ހޯދޭ ވަރެއް ނުވެ އެވެ. އެހެންކަމުން މާސްގެ ބިމުން އެފަދަ ހެކިތަކެއް ދެނެގަތުމަކީ، ޕާސިވިއަރެންސްއަށް އޮތް ވަރަށް ބޮޑު މަސައްކަތެކެވެ.

މާސްއާ ބެހޭ ސައިންސްވެރިން ގަބޫލުކުރަނީ، 3.5 ބިލިއަން އަހަރު ކުރިން އޮތް ކޯރުގެ ހިލަތަކުގައި އެފަދަ ދިރުންތަކުން އުފެދިފައިވާ ނިޝާންތައް ހޯދިދާނެ ކަމަށެވެ.

ދިރުމަކަށް އެންމެ މުހިންމު ބަޔަކީ ދިޔާ ފެނެވެ. ޖެޒޭރޯ އަކީ މާސްއިން މިހާތަނަށް ފެނިފައިވާ އެތައް ސަތޭކަ ކޯރެއް ދެމިގެން ގޮސްފައިވާ ކަމަށް ބެލެވޭ ސަރަހައްދުތަކުން އެއް ސަރަހައްދެވެ. އެކަމަކު ޖެޒޯރާ ތަފާތުވަނީ ކޮންމެވެސް ޒަމާނެއްގައި އުފެދިފައިވާ ކިސަޑުގެ ބައިތައް ވެސް އެހިސާބުގައި ހުރުމެވެ. އެބައިތަކުގެ ތެރެއިން އެންމެ ކުރީގެ ދިރުމެއްގެ ހެކިތައް ފެނުން އެކަށީގެންވާ ކަމަށް، ޕާސިވިއަރެންސްގެ ސައިންސްވެރިން އުއްމީދުކުރެ އެވެ.

އުޅަނދުގައި ހަރުކޮށްފައިވާ ކެމެރާ އާއި މައިކްރޮސްކޯޕުން ވަރަށް ކުދިކުދި ތަފުސީލުތައް ދެނެގަނެވެ އެވެ. އަދި ދިރާސާކުރަން ކަނޑައަޅާ ހިލަތަކަށް އެކްސް-ރޭގެ އަލި ދޫކޮށްލާ އާލާތުން، ހިލަތަކުގެ އެކި ފަށަލަތައް އުފެދިފައި އޮތް ގޮތާއި އޭގައި ހިމެނޭ މިނެރަލްގެ މައުލޫމާތު ވެސް ހޯދެ އެވެ.

ޕާސިވިއަރެންސްގައި އެހެން ގާބިލްކަމެއް ވެސް ވަނީ ހިމަނައިފަ އެވެ. އެއީ ހިލަތަކުގެ ބައިތައް ނަގައި ރައްކާކުރުމެވެ. އެ ބައިތައް، މާސްއަށް ފޮނުވާ އެހެން އުޅަނދަކުން ދުނިޔެއަށް ފަހުން ގެންނާނެ އެވެ. އޭރުން، އެއްވެސް އިރެއްގައި މާސްގައި ދިރުމެއް ވީ ކަމުގެ ހެކިތައް ހޯދުމުގެ ދިރާސާގައި ސައިންސްވެރިންނަށް ފަސޭހަވާނެ އެވެ.

ކުރިން މާސްއަށް ފޮނުވި ކިއުރޮސިޓީގެ ޒިންމާއަކަށް ވެފައި އޮތީ ދިރުމެއް އުފެދުން އެކަށީގެންވާ ސަރަހައްދުތައް ދެނެގަތުމެވެ. އެގޮތުން ކޯރެއް އޮތްކަމުގެ ހެކިތައް އެ އުޅަނދުން ހޯދި އެވެ. ޕާސިވިއަރެންސް އިން ބަލާނީ އެއަށް ވުރެ ފުނަށް ދިރާސާކޮށް، ޖެޒޭރޯގައި އެއްވެސް އިރެއްގައި ދިރުމެއް ދެމިގެންގޮސްފައި ވާ ނަމަ އެ ސިއްރެވެ.

މާސްގައި ހެލިކޮޕްޓަރެއް ވެސް ދުއްވަނީ!

ޕާސިވިއަރެންސްގައި ހިމެނޭ އެކައްޗަކީ ދުނިޔެއިން ބޭރު ބިމަކަށް އިންސާނުން ފޮނުވި ފުރަތަމަ ހެލިކޮޕްޓަރެވެ. މިއީ އާ ޓެކްނޮލޮޖީއެއް ޓެސްޓްކުރުމުގެ މަރުހާއެއްގެ ފެށުމެވެ. ހަތަރު ޕައުންޑްގެ ބަރުދަން ހުރި މާސްކޮޕްޓަރު ވާނީ އެހެން ބިމެއްގައި އިންސާނުން އުދުއްސާލާ ފުރަތަމަ އުޅަނދަށެވެ. މި ހެލިކޮޕްޓަރަށް ދީފައިވާ ނަމަކީ އިންޖެނުއިޓީ އެވެ.

ދުނިޔެއާ އަޅާބަލާއިރު ވައިގެ އަސަރު ކުޑަ މާސްގައި ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި ހިފެހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބިމަށް ދަމާބާރު ވެސް ކުޑަކަމުން މާސްގައި އެއްޗެއް އުދުއްސާލުން ފަސޭހަވެ އެވެ. އެކަމަކު އެއީ ދުނިޔޭގައި ނަމަ، 100،000 ފޫޓް މަތިން ދަތުރުކުރުން ފަދަ ކަމެކެވެ. މިއީ ޖެޓްތައް އުދުހޭ ނިސްބަތަށް ވުރެ ވެސް ދެ ގުނަ މައްޗެވެ. އަދި އެހާ މަތީގައި ދުނިޔޭގައި މިހާތަނަށް އެއްވެސް ހެލިކޮޕްޓަރެއް ދުއްވާފައެއް ނުވެ އެވެ.

މާސްގައި އިންޖެނުއިޓީ ހެލިކޮޕްޓަރު މަސައްކަތްކުރާނެ ގޮތް ދައްކައިދޭ ވީޑިއޯއެއް

ނާސާގެ އެޑްމިިނިސްޓްރޭޓަރު ޖިމް ބްރިޑެސްޓީން ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރަކީ އޭނާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"ނާސާގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުން އަހަންނަށް އެންމެ ބޮޑު އުފަލެއް ލިބޭނެ އެއް ކަމަކީ އެހެން ބިމެއްގައި ހެލިކޮޕްޓަރެއް ދުއްވާތަން ފެނުން،" މިދިއަ ހަފުތާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.

އިންޖެނުއިޓީގައި ހިމެނެނީ، ހަތަރު ފޫޓު ދިގު ދެ ފިޔަގަނޑެވެ. ކޮންމެ ފިޔަގަނޑެއް ވެސް އެނބުރޭނީ އަނެއް ފިޔަގަނޑާ ދެކޮޅަށެވެ.

މިއީ ވިއްސަކަށް އަހަރުގެ މަސައްކަތެވެ. މީގެ ހަ އަހަރު ކުރިން 2014 ގައި ނާސާގެ އިންޖިނިއަރުން ވަނީ އިންޖެނުއިޓީއާ ވައްތަރުގެ ޓެސްޓް ހެލިކޮޕްޓަރެއް އުފައްދައި، ހާއްސަ ޗެމްބަރެއްގައި ޓެސްޓްކޮށްފަ އެވެ. މާސްގެ މާހައުލު ކަހަލަ، ވައި ނެތް އެ ޗެމްބަރުގައި ހެލިކޮޕްޓަރު އުދުއްސާލެވުނެވެ. އެކަމަކު ކޮންޓްރޯލެއް ނުވި އެވެ.

ވައިގެ އަސަރު ކުޑަ އެ މާހައުލުގައި މިނިޓަކު 2،000 އާއި 3000 ފަހަރު ބުރަފަތިތައް އެނބުރި ގަންނަ އިރު ދެ ބުރަފަތި ތިރިއަށާއި މައްޗަށް ތެޅޭ ގޮތަށް ގުނޑުންއެރީ އެވެ. އެކަމަކު ދުނިޔޭގައި ނަމަ ވާ ގޮތަކީ ވައިގެ ޕްރެޝަރުގައި ބުރަފަތިތައް އެގޮތަށް ތެޅުނަނުދީ ހިފަހައްޓައިދެ އެވެ. އެހެންކަމުން ޓެސްޓް ހެލިކޮޕްޓަރުގައި ހަރުކުރި ކަހަލަ ބުރަފިތަކުން މާސްގެ މާހައުލުގައި ހެލިކޮޕްޓަރު ކޮންޓްރޯލްނުވާނެކަން ކަށަވަރުވި އެވެ.

ނާސާ އިން މާސްއަށް ފޮނުވި ހެލިކޮޕްޓަރު، އިންޖެނުއިޓީ ދައްކައިދޭ ކުރެހުމެއް: މިއީ ދުނިޔެއިން ބޭރުގެ ބިމަކަށް އިންސާނުން ފޮނުވި އުދުހޭ ފުރަތަމަ އުޅަނދު

"އެކަމަށް އެންމެ ރަނގަޅު ޑިޒައިނެއް ތައްޔާރުކުރުމަކީ ފުރަތަމަކޮޅު ދިމާވި އެންމެ އުނދަގޫ އެއް މަސައްކަތް،" ހެލިކޮޕްޓަރު އުފެއްދުމުގެ މަޝްރޫއުގެ އިންޖިނިއަރެއް ކަމަށް ވާ ހާވާޑް ގްރިޕް ވިދާޅުވި އެވެ.

އޭގެ ދެ އަހަރު ފަހުން 2016 ގައި އުފެއްދި ހެލިކޮޕްޓަރު، ވައި ނެތް ޗެމްބަރުގައި، ކޮންޓްރޯލްކުރަމުން ދުއްވުނެވެ. އަދި އެއަށް ބޭނުންވާ ހަކަތަ އާއި ކޮމްޕިއުޓަރު ފަދަ ސާމާނު އޭގައި ހަރުކޮށްގެން، ފުރިހަމަ ހެލިކޮޕްޓަރެއް އުފެއްދުނީ 2018 ގަ އެވެ.

ޕާސިވިއަރެންސްގެ އެތެރޭގައި އޮވެގެން، އިންޖެނުއިޓީ ވެސް މިހާރު މިސްރާބު ޖަހާފައި އެވަނީ މާސް އަށެވެ. އެ އުޅަނދު މާސްއަށް ފޯރާނީ، ހަ މަސް ދުވަހުގެ ދަތުރަކަށް ފަހު، ފެބްރުއަރީ މަހު އެވެ. ހެލިކޮޕްޓަރު ދުއްވަން ފަށާނީ ބިމަށް އުޅަނދު ޖައްސާތާ ދެ މަސް ފަހުންނެވެ. ހެލިކޮޕްޓަރު ނެރެފައި ބަހައްޓާނެ އޮމާން ތަންކޮޅެއް، ޕާސިވިއަރެންސް އިން ހޯދާނެ އެވެ. އޭގެ ފަހުން ހެލިކޮޕްޓަރު އެތަނެއްގައި ބަހައްޓާފައި، ޕާސިވިއަރެންސް، މަދުވެގެން 100 ޔާޑް ދުރަށް ޖެހިލާނެ އެވެ. އޭގެ ފަހުން ހެލިކޮޕްޓަރާއި މައި އުޅަނދު ވަކިވީ އެވެ.

ދެން އަންނަ 30 ދުވަހުގެ ތެރޭގައި ފަސް ފަހަރަށް އިންޖެނުއިޓީ އުދުއްސާލަން ވަނީ ރާވައިފަ އެވެ. ފުރަތަމަ ފަހަރު ދެތިން ފޫޓު މައްޗަށް އަރާ، ހޭދަކުރާނީ އެންމެ 30 ސިކުންތެވެ. އޭގެ ފަހުން، ދުނިޔޭގައި ތިބި ސައިންސްވެރިން، އެކި އުސްމިންތަކަށް، ހެލިކޮޕްޓަރު ދުއްވާނެ އެވެ.

ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ، އެންމެ ފަހު ދަތުރު، ނުވަތަ ފަސް ވަނަ އުދުހުމުގައި 15 ފޫޓު މައްޗަށް އަދި 500 ފޫޓު ދުރަށް އުދުހި، މާސްގެ ބިންގަނޑާއި ވަށައިގެންވާ މާހައުލުގެ ފޮޓޯތައް ނަގާނެ އެވެ. އަދި ދޮޅު މިނިޓްގެ އެ ދަތުރަކަށް ފަހު، އުދުއްސާލި ހިސާބަށް އެނބުރި ޖައްސާނެ އެވެ. އެހާ ހިސާބުން އޭގެ ބޭނުން ދިޔައީ އެވެ.