ޗައިނާގެ ޖަލަކުން ވީގޫރް މުސްލިމަކު ކުރި ވީޑިއޯއެއް އާއްމުކޮށްފި

ޝިންޖިއާން (އޮގަސްޓް 6) - ޗައިނާގައި މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ޖަލެއްގެ ތެރެ ވީގޫރް މުސްލިމް މޮޑެލަކު ވީޑިއޯކޮށް، އޭނާގެ އާއިލާ އަށް ފޮނުވުމުން އެ ވީޑިއޯ އާއްމުކޮށްފި އެވެ.


ޗައިނާގައި ވީގޫރް މުސްލިމުން ދިރިއުޅޭ ޝިންޖިއާންގެ މޮޑެލް މާގަން ގާއްޕާ، 31، އެ ސިޓީ ދޫކޮށް ދެކުނުގެ ފޮޝާން އަށް ބަދަލުވީ 2009 ވަނަ އަހަރު އެވެ. އެ ސިޓީގައި މޮޑެލް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގާއްޕާ ވަނީ ކެނެބިސް ވިއްކި ކަމަށް ބުނެ 2018 ގައި ހައްޔަރުކޮށް، 16 މަސް ދުވަހަށް ޖަލަށްލައިފަ އެވެ. ފޮޝާންގެ ޖަލުން ގާއްޕާ ދޫކޮށްލީ ނޮވެމްބަރު 2019 ގަ އެވެ. އޭގެ އެއްމަސް ފަހުން އޭނާ އަށް ވަނީ ރެޖިސްޓްރޭޝަން ފުރިހަމަ ކުރަން އަންގައިފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އޭނާ ވަނީ ޝިންޖިއާން އަށް އަނބުރާ ގެންގޮސްފަ އެވެ.

ގާއްޕާ "ގެއްލުނުތާ" މަހެއް ފަހުން އޭނާ ވަނީ ޗައިނާގައި މަޝްހޫރު އެޕެއް ކަމަށްވާ "ވީޗެޓް" މެދުވެރިކޮށް އާއިލާ އަށް ގުޅައިފަ އެވެ. ގާއްޕާ ބުނި ގޮތުގައި އޭނާ ހުރީ ޝިންޖިއާންގެ ކޫޗާގެ ޖަލެއްގަ އެވެ.

ގާއްޕާ އާއި އޭނާގެ އާއިލާއާ ދެމެދު ދުވަސްކޮޅެއް ވަންދެން މުވާސަލަތު ކުރުމަށް ފަހު އަނެއްކާވެސް އޭނާ ގެއްލުނެވެ. އޭގެ ފަހުން ގާއްޕާގެ އާއިލާ އިން ވަނީ ޖަލުގެ ވީޑިއޯ ބީބީސީ އަށް ދީފަ އެވެ.

ގާއްޕާ ބުނެފައިވާ ގޮތުގައި ފުލުހުންގެ ޖަލެއްގައި އޭނާ 18 ދުވަސްވަންދެން ގެންގުޅުނެވެ. އެ ޖަލުގައި އެންމެން ވެސް ގެންގުޅުނީ ބޮލުގައި ހުޑް އަޅުވައި ދެއަތުގައި ބިޑި އަޅުވައި ފައިގައި ޗޭނު ޖަހައިގެންނެވެ. ގާއްޕާ ބުނެފައިވާ ގޮތުގައި އެ ޖަލުގެ ތެރޭން ރުއިމާއި ހަޅޭއްކުގެ އަޑު އިވުމަކީ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ. ގާއްޕާ ބުނެފައި ވަނީ އޭނާ ވެސް ގެންގުޅުނީ އެނދާ އެއްކޮށް ޗޭނު ޖަހައިގެން ކަމަށެވެ.

ޖަލުގެ ގޮޅިއަށް ގާއްޕާ ފޯނެއް ވެއްދި ގޮތެއް ނޭނގެ އެވެ. އާއިލާއާ އޭނާ ކޮމިއުނިކޭޓްކޮށް، ޖަލުގެ މަންޒަރުތައް ފޮނުވީ އެ ފޯނު މެދުވެރިކޮށެވެ. ގާއްޕާގެ ޚަބަރެއް ނުވާތާ ދުވަސްކޮޅެއްވީ ފަހުން އޭނާގެ އާއިލާ އިން ވަނީ ހަތަރު މިނިޓް ބައިގެ އެ ވީޑިއޯ ބީބީސީ އަށް ދީފަ އެވެ. ތަޖްރިބާކާރުން ބުނަނީ އެއީ ސައްހަ ވީޑިއޯއެއް ކަމަށް ބެލެވޭ ކަމަށެވެ.

ވީގޫރް މުސްލިމުންގެ އެއްމިލިއަން މީހުން އެއްވެސް ކުށެއް ނެތި ޗައިނާ އިން ބަންދުކޮށްގެން ގެންގުޅޭ ކަމަށްވެ އެވެ. ޗައިނާ އިން ބުނެފައި ވަނީ އެ މީހުން ގެންގުޅެނީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކެއްގައި ކަމަށެވެ.