އަންކާރާ (އޮގަސްޓް 16) - އިޒްރޭލާ ގުޅުން ގާއިމްކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމުމާ ގިޅިގެން، އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލަން ޖެހިދާނެކަމުގެ އިންޒާރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްވައިފި އެވެ.
ތުރުކީން މިހާރު ވަނީ ޔޫއޭއީގައި ހުންނަ ސަފީރު އަނބުރާ ގެންނަން ޖެހިދާނެ ކަމަށް ވެސް ބުނެފަ އެވެ. ތުރުކީގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އިޒްރޭލާ ގުޅުން ބަދަލު ކުރަން ނިންމުމުން، ޔޫއޭއީގެ ދެފުށްދެގޮތް ކަމަށް ތާރީޚު ދުވަހަކު ވެސް މައާފް ނުކުރާނެ ކަމަށެވެ.
އިޒްރޭލާ ގުޅުން ބަދަހި ކުރަން ޔޫއޭއީން ނިންމުމުން ފަލަސްތީނުގެ ލީޑަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"ފަލަސްތީނާ ދެކޮޅަށް ޔޫއޭއީން ކުރި ކަންތައް ބަލައެއް ނުގަނެވޭނެ. ޔޫއޭއީއާ ގުޅުން ކަނޑާލަަން ޖެހިދާނެ ކަމަށް ފޮރިން މިނިސްޓަރަށް ވާނީ އަންގާފައި،" އުރުދުޣާން ވިދާޅުވި އެވެ.
އެމެރިކާ މެދުވެރިވެގެން ޔޫއޭއީ އާއި އިޒްރޭލާ ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ހުޅަނގު އައްސޭރީގެ ބިންތައް ހިފުން އިޒްރޭލުން ހުއްޓާލަން ޖެހެ އެވެ.
ތުރުކީ އާއި އިޒްރޭލާ ދެމެދު ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ވަނީ ގާއިމްކޮށްފަ އެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި އެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.