މުޅި ލަންކާ އިން ކަރަންޓް ކެނޑި ގައުމުގައި "އަނދިރިކަން"

ކޮލަމްބޯ (އޮގަސްޓް 17) - ސްރީ ލަންކާގެ ހުރިހާ ހިސާބަކުން މިއަދު ގާތްގަނޑަކަށް ހަތް ގަޑިއިރަށް ކަރަންޓް ކެނޑި އެތައް ބަޔަކަށް އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.


މިނިސްޓަ އޮފް ޕަވަ ދުލަސް އަލަހައްޕެރުމާ ވިދާޅުވީ މުޅި ގައުމުން ކަރަންޓް ދިޔައީ ކެރަވަލަޕިޓިޔާ ސަބް-ސްޓޭޝަނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. ކަރަންޓް ކެނޑިފައި ވަނީ މެންދުރުގެ ވަގުތާ ދިމާކޮށެވެ.

ކޮލަމްބޯ ސަރަހައްދަށް ހަތްގަޑިއިރު ފަހުން ކަރަންޓް ލިބުނު ނަމަވެސް އެހެން ހިސާބުތަކަށް އަދިވެސް ކަރަންޓެއް ނުލިބެ އެވެ.

މިއީ މާޗް 2016 އަށް ފަހު ލަންކާގެ ކަރަންޓް ނެޓްވޯކަށް ދިމާވި އެންމެ ބޮޑު މައްސަލަ އެވެ. އެ ފަހަރު ވަނީ ސިސްޓަމް ފެއިލްވުމުގެ ސަބަބުން މުޅި ގައުމުން އަށް ގަޑިއިރަށް ކަރަންޓް ކެނޑިފަ އެވެ.

ލަންކާ އިން ކަަރަންޓް ދިޔަ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެކަންވީ ގޮތެއް ސާފު ކުރުމަށް ސިލޯން އިލެކްޓްރިސިޓީ ބޯޑަށް ވަނީ ތިން ދުވަހުގެ މުހުލަތު ދީފަ އެވެ.

ކަަރަންޓް ދިއުމުން ކޮލަމްބޯގެ ޓްރެފިކް ބައްތިތައް ނިވުމުން މަގުތަކުގައި ތޮއްޖެހި އެތައް ބަޔަކަށް ވަނީ އެކަމުގެ އުނދަގޫ ފޯރައިފަ އެވެ. ޓްރެފިކް ހަމައަކަށް އަޅުވަން ޖެހުނީ ފުލުހުން ނެރެގެންނެވެ. ކަރަންޓް ކެނޑުމުން ފެން ނުލިބުމުން ވެސް ގިނަ ބަޔަކު އުޅެން ޖެހުނީ ވަރަށް ހާލުގަ އެވެ.

ލަންކާ އަށް ބޭނުންވާ ކަރަންޓުގެ ދެބައިކުޅަ އެއްބައި އުފައްދަނީ ތާމަލް ޕަވައިންނެވެ. އަނެއް ބައި ޖެނެރޭޓް ކުރަނީ ހައިޑްރޯ އަދި ވިންޑް ޕަވާ އިންނެވެ. މައްސަލަ ޖެހުނު ކެރަވަލަޕިޓިޔާ ސްޓޭޝަނުން އުފައްދަނީ 300 މެގަވޮޓުގެ ކަރަންޓެވެ. އެއީ އެ ލަންކާ އަށް ބޭނުންވާ ކަރަންޓުގެ އެންމެ 12 ޕަސެންޓެވެ.