ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބާލިންގައި އިއްޔެ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
20 އޯގަސްޓް 2020 - 11:12
ބާލިން (އޮގަސްޓް 20) - ފަލަސްތީނާ އެކު އިޒްރޭލުން ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރުމުން މެނުވީ ޔަހޫދީ ދައުލަތާ އެކު ގުޅުން ގާއިމްކުރުމުގެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
ޖަރުމަނުގެ ބާލިން އަށް ކުރެއްވި ދަތުރެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވީ އިޒްރޭލާ ގުޅުން ގާއިމްކުރުމުގެ ޝަރުތަކީ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ އެއްގޮތަށް ފަލަސްތީނަށް ސުލްހަ ލިބުން ކަމަށެވެ.
ޖަރުމަނުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސްއާ އެކު ވާހަކަ ދައްކަވަމުން ޕްރިންސް ފައިސަލް ވަނީ ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން އަރައިގަންނަމުންދާތީ ފާޑު ވިދާޅުވެފަ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިދިޔަ ހަފުތާގައި ވަނީ އިޒްރޭލާ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ނިންމައިފަ އެވެ.
އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ޔޫއޭއީން ގާއިމްކުރާ އެއްބަސްވުމާ ގުޅޭ ގޮތުން ސައުދީން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް ތަޖްރިބާކާރުން ބުނެފައި ވަނީ ޔޫއޭއީ ފަދައިން އެފަދަ އެއްބަސްވުމެއްގައި އިޒްރޭލާ އެކު ސައުދީން ސޮއި ނުކުރާނެ ކަމަށެވެ.
ގަލްފުގެ އަރަބި އެއްވެސް ގައުމަކާ ވެސް އިޒްރޭލުން މިހާތަނަށް ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ. މިއީ 1948 ވަނަ އަހަރު އިޒްރޭލް އުފެދުނު ފަހުން ގާއިމްކުރި އަރަބި-އިޒްރޭލް ތިން ވަނަ އެއްބަސްވުމެވެ. މިސްރުން ވަނީ 1979 ވަނަ އަހަރު އިޒްރޭލާ އެކު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އަދި ޖޯޑަން އިން ވެސް ވަނީ 1994 ވަނަ އަހަރު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. މޮރިޓޭނިއާ އިން އިޒްރޭލާ އެކު 1999 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމްކުރި ނަމަވެސް 2009 ވަނަ އަހަރު ވަނީ އެ ގުޅުން ކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރު
20 August 2020
ނަމަވެސް އަޑިއަޑިން ގުޅުން އޮވޭ
އިސްލާހު
20 August 2020
މުނާފިޤުން..................................
ދަގަނޑު ދަހަނާ
20 August 2020
މިމީހުންގެ މުނާފިގުކަން ނޭނގޭ ބަޔަކަށް އަލިފާނާ ފެނާވެސް ވަކިނުވާނެ.
އިންމާ
20 August 2020
އެހެންވެގެންދޯ ގުދުސްގަ މުސްލިމުންނަށް ޚާއްސަކޮށްފައޮތް ފަޅީގަ ފަލަސްތީންމީހުން އެކަމާ ދެކޮޅަށް އާދޭސްކޮށްކޮށް ތިއްބަ އިޒްރޭލާއެކު އެމެރިކާ އެމްބަސީ އަޅަން ހެސްކިޔާފަ ކެމްޕޭނުކުރީ؟
ބާބީ
20 August 2020
ސާބަހޭ ސައުދީ. އެކަމަކު ދރަތަންކޮޅަކީ ދޭތެރެދެތެރެއިން އަޑިއަޑިންޑީލުހެދުން. ޢެހެންނަމަވެސް ތިތިވަރުކޮށްލަދިނީތީޝުކުރިއްޔާ.
އުއްމުޖަރީމާ
20 August 2020
ސައޫދީ އޯޑަރަށް ރާއްޖެއިންވަނީ އީރާނާ ގަތަރާ ގުޅުން ކަނޑާލާފައި، ސައޫދީން މިހާރު އިސްލާމީ ގައުމުތަކަށް އަންގަމުންދަނީ އެކިފެންވަރުގައި އިޒްރޭލާ ގުޅުންގާއިމު ކުރަން. ފާޅުގަޔާއި ސިއްރިޔާތުގައި، ޔޫއޭއީ ކުރިއަށް ނެރުނީ، އެގައުމުން އިޒްރޭލާ ގުޅުން ގާއިމުކުރުމުން، އެގޮތަށް އަމަލު ކުމުރަށް އެހެންގައުމުތަކަށް ފަސަހަވާނެތީ. ދެންއޮތީ، ބަހްރައިން، އެއަށްފަހު ފުލުފުލުން ސައޫދީގެ އޯޑަރަށް އިސްލާމީ ގައުމުތަކުން އިޒްރޭލާ ޑީލް ހަދާނެ
ތެދުދުންމާރި
20 August 2020
ވަގުން ހިފަން އަދުރޭ ގޮވާލުން އުފަލުން އަތްޖަހަންހުއްޓާ މިހަބަރު ލިބުނީ، ލިބުނު އުފާވެރިކަމެއްގެ ބޮޑުކަމުން އަތްޖަހާޖަހާ އަތްވާޅުވެއްޖެ. އަތް ރަނގަޅު ކުރަން ސައޫދީން ލާރިކޮޅެއް ފޮނުވާނެކަމަށް އުއްމީދުކުރަން
އުއްމީލުލްބާބް
20 August 2020
އަބަދުވެސް މުސްލިމުން ދައްކަނީ ޔަހޫދީންގެ ނުބައި ވާހަަކަ. އެކަން މުޅިން ގޯހެއްނޫން. އެކަމު އަޅުގަނޑު ހިތަށް އަރަނީ ސައޫދީ-އިޒްރޭލް ކޮމްޕރިޒަންއެއް ހަދާލުން ކިހިނެއްވާނެބާއޭ؟ މިސާކަލަށް ފާހިޝް އަމަލު ހިންގުމުގައި ކުރީގައި އުޅެނީ ސައޫދީވެރިންތޯ، އިޒްރޭލުގެ ވެރިންތޯ؟ ދައުލަތުން ވައްކަންކުރުމުގައި ކުރީގައި އުޅެނީ ސައޫދީވެރިންތޯ، އިޒްރޭލުގެ ވެރިންތޯ؟ ރައްޔިތުންނަށް އަނިޔާވެރިވުމުގައި ކުރީގައި އުޅެނީ ސައޫދީވެރިންތޯ، އިޒްރޭލުގެ ވެރިންތޯ؟
އަމީސްހަބޭށް
20 August 2020
ހަޝޯޖީ ގަތުލުކުރުގެ ކުރިން ސައޫދީ، އިޒްރޭލް، އެެމެރިކާވަނީ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނެއް އެކުލަވާފަ. މިޕްލޭންގެ ދަށުން އެމެރިކާގެ އެމްބަސީ ދުގުސް އަށް ބަދަލު ކުރީ. ޕްލޭނަށް ފަލަސްތީނުން ދެކޮޅު ހެދުމުން ސައޫދީިއިން އަމަލު ކުރިގޮތް ސިޔާސީ ލީޑަރުންނަށް އެގޭނެ. މަހުމޫދު އައްބާސް ސައޫދީއަށް ގެންގޮސް އިންޒާރު ދިންކަންވެސް އެގޭނެ
ނަން
20 August 2020
ޔޫއޭއީގެ އާބާދީގަ އަސްލު އެގައުމުގެ މީހުންނަކީ އެއްމެ ދިހަ ޕަސެންޓް ވަރު. ދެން ހުސް ބޭރު މީހުން. ސާޅީސް ޕަސެންޓް ވަރު އެއީ އިންޑިޔާ މީހުން. ގައުމުގެ އިގްތިސާދުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ މި ބޭރު މީހުން. ދެން އިޒްރާއީލާ ގުޅުނަސް ރައްޔިތުން އެކަމާ ނުރުހުނަސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. ސައުދީގަ މިހެން ފާޅުގަ މިކަން އަދި ނުކުރެވޭނެ. މިހެން ބުންޏަސް ސައުދީއާ ގަލްފުގެ ގައުމުތަކުން ވަނީ އެމެރިކާއާ އިޒްރާއީލާއެކު އީރާނާ ދެކޮޅަށް ނިކުމެފަ.