13 ސެޕްޓެމްބަރ 2020 - 09:20
އެމެރިކާގެ "ގޮނޑި ކޮއްކޮ" ސަރުކާރު ކަމަށް ބުނެ، މި އޮތް ހުރިހާ ދުވަހު އެއްވެސް ވާހަކައެއް ދައްކަން ދެކޮޅުހެދި ތާލިބާނުން އެންމެ ފަހުން އަފްގާނިސްތާނުގެ ސަރުކާރާ އެކު އިއްޔެ ގަތަރުގައި މަޝްވަރާ ފަށައިފި އެވެ.
މިއީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް މީގެ 19 އަހަރު ކުރިން އަލްގައިދާއިން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތާލިބާންގެ ވެރިކަން ނިމުމަކަށް ގެނައި ފަހުން، ހަނގުރާމަވެރި ޖަމާއަތް، ސިޔާސީ ހަރަކާތުގެ ތެރެއަށް ވަދެ، އަފްގާނިސްތާނަށް ސުލްހަވެރި މުސްތަގުބަލެއް ހޯދައިދޭން ރަސްމީ މަސައްކަތެއްގައި، ސަރުކާރާ އެކު ބައިވެރިވާ ފުރަތަމަ ފަހަރެވެ.
އެކަމަކު އެމެރިކާ އާއި އަފްގާން ސަރުކާރު ބޭނުންވާ ގޮތަށް ތާލިބާނުން ހުރިހާ ކަމަކަށް އެއްބަހެއް ނުވެ އެވެ.
ސަރުކާރުގެ ފަރާތުން ބައިވެރިވާ އެންމެ އިސް މަންދޫބު، އަބްދުﷲ އަބްދުﷲ ގޮވާލެއްވީ ހަނގުރާމަ ހުއްޓާލައި، ސުލްހަވުމަށެވެ. އެކަމަކު ތާލިބާނުން ސުލްހައިގެ އެއްވެސް ކަހަލަ އެއްބަސްވުމަކާ ބެހޭ ވާހަކައެއް ނުދައްކަ އެވެ. އެ ޖަމާއަތުން ބުނީ އަގްފާނިސްތާން އޮންނަން ޖެހޭނީ އިސްލާމީ ގާނޫނުގެ ތެރޭގައި ކަމަށެވެ.
އެމެރިކާ އިން ގޮވާލީ ދެ ފަރާތުން އެއްބަސްވުމަކާ ހަމައަށް ދިއުމަށެވެ. "ތިޔަ ބައި މީހުންނަށް ކާމިޔާބު ލިބެން މުޅި ދުނިޔެ ބޭނުންވާ ކަމަށް،" ވެސް އެމެރިކާ އިން ބުންޏެވެ.
މިއީ އަފްގާނިސްތާން ސަރުކާރާއި ތާލިބާނުންނާ ދެމެދު ސީދާ ވާހަކަތައް ބާއްވާ ފުރަތަމަ ފަހަރެވެ. ސަރުކާރާ އެކު އެއްވެސް ކަހަލަ ވާހަކަ ދައްކަން މީގެ ކުރިން ތާލިބާނުން އުޒުރު ދައްކަނީ "ބާރެއް ނެތް އަދި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް" ކަމަށް ބުނެ އެވެ.
އަފްގާނިސްތާނުގައި އަދިވެސް ހަނގުރާމަ ދަނީ ކުރިއަށެވެ. ސަރުކާރުން ބުނާ ގޮތުގައި ފެބްރުއަރީން ފެށިގެން މިހާތަނަށް 12،000 އާންމުން ވަނީ މަރުވެފަ އެވެ.
ނިއުސް އެޖެންސީއެއް ކަމަށް ވާ ރޮއިޓާސްއާ ވާހަކަ ދައްކަވަމުން އަބްދުﷲ އަބްދުﷲ ވިދާޅުވީ އަފްގާނިސްތާނުގެ އާންމުން އެންމެ ބޮޑަށް ބޭނުންވަނީ ހަމަނުޖެހުންތައް ވީހާވެސް މަދުކުރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާތަކުގައި ސަރުކާރުން ހުށައަޅަނީ، ތަފާތު ނަސްލުތަކާއި ސަގާފަތާއި އިޖުތިމާއީ ގުޅުންތަކަށް ލޯބިކުރާ އެތައް މިލިއަން އަންހެނުންނާއި ފިރިހެނުންގެ ތާއީދު ލިބިފައިވާ ސިޔާސީ ނިޒާމެއް ކަމަށެވެ.
ތާލިބާންގެ ލީޑަރު ބަރާދަރު އަހޫދު ވިދާޅުވި ގޮތުގައި އޭނާގެ އުއްމީދަކީ "ކެތްތެރިކަމާ އެކު މަޝްވަރާތައް ކުރިއަށް ދިއުމެ"ވެ.
އޭނާ ވިދާޅުވީ ބޭނުންވަނީ އެއްވެސް މީހަކު ތަފާތުކުރުމެއް ނެތް މިނިވަން، އެކުވެރި، އިސްލާމީ ނިޒާމެއް ކަމަށެވެ.
ވާހަކަތަކުގައި ބައިވެރިވާ އެންމެން ވެސް ގަބޫލުކުރަނީ ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ. އެތައް ބަޔަކު ދެކޭ ގޮތުގައި ތާލިބާނުންނާ އެކު އެއްބަސްވުމަކަށް ދާ އިރު، އަންހެނުންގެ ހައްގުތައް ގުރުބާންކުރަން ޖެހިދާނެ އެވެ. އޭގެ މިސާލަކަށް އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ދެއްކީ، ތާލިބާންގެ ވަފުދުގައި އެންމެ އަންހެނަކު ވެސް ނެތުމުން އެކަމެވެ.
ތާލިބާނުންނަށް ވެސް މި ވާހަކަތަކުގައި ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އެގޮތުން ތާލިބާނުން އަފްގާނިސްތާނުގައި ބިނާކުރާނެ ސިޔާސީ ކުރިމަގެއްގެ ތަސައްވުރު، މި ބައްދަލުވުމަށް ހުށައަޅަން ޖެހެ އެވެ. މިހާތަނަށް އެކަން އެހާ ސާފުކޮށް ބުނެދީފައެއް ނުވެ އެވެ. ތާލިބާނުން ހަމައެކަނި ބުނަމުން އަންނަނީ "އެންމެން ހިމެނޭ" އަދި "އިސްލާމީ" ވެރިކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަގަނޑު ދަހަނާ
14 September 2020
ތީ އިސްލާމްދީނަށް ހުތުރު އަރުވަން އުޅޭ ޔަހޫދީ އެޖެންޓުން.
ރަދީފްއޮފިޝިއަލް
13 September 2020
ތާލިބާނުން އެއީ އިތުބާރު ކުރެވޭ ކަހަލަ ބައެއް ނޫން.ސުލްހައިގެ ވާހަކަ ދައްކަމުންދަނިކޮށްވެސް މިސްކިތެއް ނުވަތަ އެހެންތަނެއްގަ ބޮމެެއް ގޮއްވާލަފާނެ.ބުނާބަހުގަ އިތުބާރެއް ނެތް.5000 ކުށްވެރިން މިނިވަންކުރުން ޝަރުތަކަށް މިހާރުވެސް މޭޒުމަތީގަ އެބައޮތް.އަފްއާންގަ ސުލްހަ ގާއިމްވުން އެއީ އަހަރުމެން ދިވެހިންގެވެސް އެދުން.