އޭޝިއާގެ އިގްތިސާދަށް މިއީ ހީނަރު އަހަރަކަށް ވިޔަސް އަންނަ އަހަރު ރަނގަޅުވާނެ ކަމަށް ބެލެވޭ
16 ސެޕްޓެމްބަރ 2020 - 06:05
އޭޝިއާގެ ކުރިއަރަމުން އަންނަ އިގްތިސާދުތައް ކޮވިޑް-19 ގެ ސަބަބުން ރިސެޝަނަކަށް ގޮސްފައިވާ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފި އެވެ. މިއީ "ޑިވެލޮޕިން އޭޝިއާ" ގެ ގޮތުގައި ބަލަމުން އަންނަ 45 ގައުމަށް މިދިޔަ 60 އަހަރު ތެރޭ ޖުމްލަކޮށް މިގޮތަށް ދިމާވި ފުރަތަމަ ފަހަރެވެ.
ރިސެޝަނަކީ ޖުމްލަކޮށް އިގްތިސާދީ ހުރިހާ ހަރަކާތެއް ވިދިވިދިގެން ދެ ކުއާޓާގައި މާބޮޑަށް ދަށަށް ގޮސްފައި ހުރުމެވެ.
އޭޑީބީން ބުނީ "ޑިވެލޮޕިން އޭޝިއާ"ގެ އިގްތިސާދު މި އަހަރު 0.7 ޕަސެންޓަށް ދަށަށް ދާނެ ކަމަށެވެ. ކުރިން ލަފާކޮށްފައި އޮތީ މި އަހަރު އޭޝިއާގެ ޖީޑީޕީ އަށް 0.1 ޕަސެންޓުގެ ކުޑަކުޑަ ކުރިއެރުމެއް އަންނާނެ ކަމަށެވެ.
ގައުމުތަކުގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް އޭޑީބީން ލަފާކޮށްފައިވަނީ އަންނަ އަހަރު ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެ އިދާރާ އިން ލަފާކޮށްފައި ވަނީ 6.8 ޕަސެންޓުގެ ކުރިއެރުމާ އެކު އިގްތިސާދަށް ދިރުން އަންނާނެ ކަމަށެވެ.
އޭޑީބީގެ އައުޓްލުކް އަޕްޑޭޓްގައިވާ ގޮތުން އޭޝިއާގެ ގައުމުތަކުގެ ތެރެއިން ހަތަރުބައިކުޅަ ތިން ބައި ގައުމުތަކުގެ އިގްތިސާދު މި އަހަރު ދަށަށް ދާނެ ކަމަށް ބެލެވެ އެވެ.
"އޭޝިއާގެ ގިނަ ގައުމުތަކަށް މި އަހަރު ވާނީ އިގްތިސާދު ކުރިއަށް ގެންދަން ވަރަށް ދަތި އަހަރަކަށް،" އޭޑީބީގެ ޗީފް އިކޮނޮމިސްޓް ޔަސޫކީ ސަވާޑާ، އޭޑީބީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އޭޑީބީން މިގޮތަށް ލަފާކޮށްފައި ވާއިރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ މިއާ ދާދި އެއްގޮތަކަށް އޭޝިއާގެ އިގްތިސާދާ މެދު ލަފާކޮށްފަ އެވެ.
މި ހީނަރުކަން އެންމެ ބޮޑަށް ތަހަންމަލްކުރަންޖެހޭނީ ދެކުނު އޭޝިއާ ސަރަހައްދަށް ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. އިންޑިއާގެ އިގްތިސާދު ނުވަ ޕަސެންޓް ދަށަށް ދާނެ ކަމަށް ބެލެވިފައި ވާއިރު އެހެން ގިނަ ގައުމުތަކާ ހިލާފަށް ޗައިނާ އިން 1.8 ޕަސެންޓުގެ ކުރިއެރުމެއް ފެނިދާނެ ކަމަށް އޭޑީބީން އަންދާޒާކުރެ އެވެ.
މުޅި ދެކުނު އޭޝިއާ އަށް ބަލާއިރު ތިން ޕަސެންޓަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ގެއްލުންވާނެ ކަމަށް ބަލާފައި ވަނީ ޓޫރިޒަމްގެ މައްޗަށް އިގްތިސާދު ބިނާވެފައިވާ ގައުމުތަކަށެވެ. -- ބީބީސީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy