އިންޑިއާގައި މިއަދު ވަނީ ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް މިލިއަނަށް އަރާފައި
16 ސެޕްޓެމްބަރ 2020 - 21:31
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިއަދު ފަސް މިލިއަން ފަހަނަަޅައި ހިނގައްޖެ އެވެ.
މުޅި ދުނިޔެއިން ވެސް ދެ ވަނަ އަށް އެންމެ ގިނައިން ކޮވިޑް ކޭސްތައް ފެނުނު ގައުމަކަށް އިންޑިއާ ވެފައި ވާއިރު، ފަގީރު އަދި އެކަހެރި އަވަށްތަކުގައި ވެސް ޓެސްޓްކުރުން ކުރިއަށް ދާތީ މި އަދަދު އަދިވެސް ދާނީ މައްޗަށް ކަމަށް ބެލެވެ އެވެ.
މިދިޔަ މަހެއްހާ ދުވަހު އިންޑިއާ އިން ވަނީ ކޮވިޑަށް ޕޮޒިޓިވް އެއް މިލިއަން މީހުން ފެނިފަ އެވެ. އެހެންވެ މިހާރު ކޭސްތައް ފެންނަ ރޭޓަށް ބަލާއިރު މުޅި ދުނިޔެ އިން ވެސް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނީ އިންޑިއާގައި ކަމަށް ވެދާނެ އެވެ. މިހާރު ކޮވިޑް ކޭސްތައް އެންމެ ގިނައިން ފެނިފައިވާ އެމެރިކާގެ އަދަދަކީ 6.6 މިލިއަނެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ މިދިޔަ 24 ގަޑިއިރު ތެރޭގައި 90،123 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. މި އަދަދާ އެކު މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5,020,359 އަށް އަރައިފަ އެވެ. މިއީ ގާތްގަނޑަކަށް 1.4 ބިލިއަނުގެ އާބާދީއެއް އޮތް އިންޑިއާގެ 0.35 ޕަސެންޓެވެ. މިހާތަނަށް އިންޑިއާ އިން އެއް ދުވަސް ތެރޭ އެންމެ ގިނަ ކޭސް ފެނުނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެއީ 97،570 އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ވަނީ ކޮވިޑް ޖެހިގެން 1،290 މީހުން މަރުވެފަ އެވެ. މިއާ އެކު އިންޑިއާ އިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 82,066 އަށް އަރައިފަ އެވެ. މިއީ ދުނިޔޭގެ ނިސްބަތުން ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ.
އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ގިނަ ނަމަވެސް މަރުވާ ރޭޓް ނިސްބަތުން މަދެވެ. ނަމަވެސް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ނުރައްކާ އެންމެ ބޮޑަށް އޮތް ސަރަހައްދުތައް ފިޔަވައި އެހެން ހިސާބުތަކުގައި ލޮކްޑައުން އަށް ލުއި ދިނުމުން، ކުރިއަށް އޮތް ހަފުތާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ އެވެ.
ލޮކްޑައުން އަށް ދިން ލުޔާ އެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވި ނަމަވެސް ސަރުކާރުން ވަނީ އަލުން ފުލް ލޮކްޑައުންއަކަށް ނުދާނެ ކަމަށް ބުނެފަ އެވެ. އެއީ ބަލިން ރަނގަޅުވާ ރޭޓް 78 ޕަސެންޓަށް ވުރެ ވެސް މަތީގައި ހުރުމާ އެކުގަ އެވެ. މަރުވާ ރޭޓް ހުރީ 1.6 ޕަސެންޓުގަ އެވެ. އެމެރިކާ އާއި ބްރެޒިލްގައި މި ބަލީގައި މީހުން މަރުވާ ރޭޓަކީ ތިން ޕަސެންޓެވެ.
މުޅި ދުނިޔެއިން މިހާތަނަށް ވަނީ 29 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 21 މިލިއަނަށް ވުރެ ގިނަ މީހުން ރަނގަޅުވެ 940،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައި ވާއިރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ހުރީ ހަތް މިލިއަނުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
17 September 2020
ޓައިޕް މިސްޓޭކަކަށް ވެދާނެ. އިންޑިއާގައި މަރުވާ ނިސްބަތް އުޅެނީ 6.1 ގައި. ރާއްޖެ 6.4 ގައި. ބީބީސީއިން ނަގާފަ. އިންޑިއާ ގެ ހާލަތަށް ބަލާފަ މިވަރުވާކަން ކިތަންމެހާވެސް ރަނގަޅު. ޓެސްޓުކުރެވޭ މިންވަރުވެސް ރަނގަޅު.