ބަންދުގެ އުސޫލާ ހިލާފު ވެއްޖެ ނަމަ 10،000 ޕައުންޑްގެ ޖޫރިމަނާއެއް

އިންގްލޭންޑްގައި ކޮވިޑުން ރައްކާތެރިވާން އެކަހެރިވާން ދެކޮޅު ހަދާ މީހުންނާއި އެކަމަށް ހުރަސް އަޅާ ފަރާތްތައް 10،000 ޕައުންޑް (ގާތްގަނޑަކަށް 200،000ރ)ގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް، ސަރުކާރުން އިއްޔެ ބުނެފި އެވެ.


ސެޕްޓެމްބަރު 28 ގައި އަމަލްކުރަން ފަށާ އާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ އަމިއްލައަށް އެކަހެރިވާން ޖެހޭ މީހުންގެ އިތުރުން ގާތް ކޮންޓެކްޓުންގެ ގޮތުގައި ކަނޑައަޅާ މީހުން ވެސް އެކަހެރިވާން ޖެހޭނެ އެވެ. އެކަމާ ދެކޮޅުހަދައިފި ނަމަ، ބޮޑު ޖޫރިމަނާއަކާ ކުރިމަތިވާނެ ކަމަށް، ސަރުކާރުން ބުނެ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑްގެ އާ ކޭސްތައް ފެނުން މިހާރު ވަނީ ގިނަވެފަ އެވެ.

އާ އުސޫލުގައި، އާމްދަނީގެ ގޮތުން އެންމެ ދަށް ފަންތީގެ މީހުން އެކަހެރިވާން ޖެހިއްޖެ ނަމަ، އެހީގެ ގޮތުން 500 ޕައުންޑް (10،000ރ)ގެ މާލީ އެހީއެއް ލިބޭނެ އެވެ. އަދި މުވައްޒަފަކު އެކަހެރިވާން ދެކޮޅުހަދާ ކުންފުނިތައް ނުވަތަ ވިޔަފާރިތަކަށް އަދަބު ވެސް ވަނީ ކަނޑައަޅައިފަ އެވެ. ޖޫރިމަނާގެ އެންމެ ހަރުކަށި އަދަބު ބޮޑަށް އަމާޒުކޮށްފައި ވަނީ، މުވައްޒަފުން އެކަހެރިވާން ދެކޮޅުހަދާ ފަރާތްތަކަށެވެ.

އިއްޔެ އިންގްލެންޑްގައި އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 4،422 އަށް އަރަ އެވެ. އަދި 27 މީހުން މަރުވި އެވެ.

އާ ޖޫރިމަނާ ފަށަނީ 1،000 ޕައުންޑުންނެވެ. އެކަމަކު ތަކުރާރުކޮށް ހިލާފުވާ ނަމަ އެ އަދަދު 10،000 ޕައުންޑަށް ބޮޑުކުރެވެ އެވެ.

އާ އުސޫލު އާންމުކުރައްވަމުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ބަލިން ރައްކާތެރިވުމުގެ އެންމެ މުހިންމު ފިޔަވަޅަކީ އުސޫލުތަކަށް ތަބާއަވުން ކަމަށެވެ.

"މީގެ މުހިންމުކަން އެއްވެސް މީހަކު ނުވާނެ އާދައިގެ ކަމަކަށް ނަގައިގެންނެއް. އާ އުސޫލުތަކުގެ މާނައަކީ ގާނޫނީ ގޮތުން އެންމެން ވެސް އެއަށް ބޯލަނބަން ޖެހޭކަން،" ޖޯންސަން ވިދާޅުވި އެވެ.

"މި ވައިރަސް ފެތުރުނަނުދޭން އަހަރެމެންނަށް ކުރެވެން އޮތް މަސައްކަތެއް ކުރަން ޖެހޭ."