ދުނިޔެ / ސިއްހަތު

ބައެއް ވައިރަސްތައް ފަސޭހައިން ނެތިދަނީ ކީއްވެ؟

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު، ރައްކާތެރިކަމާ އެކު ގެންދަނީ: އެބޯލާ ވައިރަސް ދޭތެރެ ދޭތެރެއިން އިންސާނުންގެ ތެރޭގައި ފެތުރޭ

23 ސެޕްޓެމްބަރ 2020 - 08:18

1 comments

މީގެ ހާހެއްހާ އަހަރު ކުރިން، އިންގްލެންޑްގެ ރަސްކަލަކު އޭރު އެ ގައުމުގައި ދިރިއުޅުނު ވައިކިންގްސް ހުރިހާ ފިރިހެނުން ގަތުލުކުރި އެވެ. ނޮވެމްބަރު 13، 1002 އަކީ ވައިކިންގްސް އަށް ނަސީބުދެރަ އަދި ހިތާމައިގެ ދުވަހެކެވެ. ނަމަވެސް މިއަދުގެ ސައިންސްވެރިންނަށް އެ ހާދިސާއިން އިލްމީ ގޮތުން ވަރަށް ބޮޑު ހަދިޔާއެއް ވަނީ ލިބިފަ އެވެ.

އޭގެ އެއް ހާސް އަހަރު ފަހުން އޮކްސްފޯޑްގައި ހުންނަ ޖޯންސް ކޮލެޖްގެ ބިމު އަޑިން 37 އިންސާނުންގެ ކަށިގަނޑު ހޯދި އެވެ. އޭގެ ތެރޭގައި އެ ގަތުލުއާންމުގައި މަރާލި މީހުން ވެސް ހިމެނެ އެވެ.

މި އަހަރުގެ ކުރީކޮޅު އެ ކަށިތަކުގެ ޑީއެންއޭ ދިރާސާތަކެއް ހެދި އެވެ. އެ ދިރާސާތަކުން ފެނުނީ އޭގެ ތެރެއިން އެކެއްގެ ބަދުނަސީބަކީ ހަމައެކަނި ގަތުލުވުން ނޫން ކަމެވެ: އޭނާއަށް ކަށިވިދުރި ޖެހިފައި ހުރިކަން ވެސް ތަހުލީލުތަކުން ކަށަވަރުވެ އެވެ.

މި ހޯދުމުން ލިބުނު އަނެއް ހައިރާންކަމަކީ، އޭނާ ތަހައްމަލްކުރަމުން ދިޔަ ކަށިވިދުރިއަކީ، 1970ގެ އަހަރުތަކުގައި ދުނިޔެއިން ނައްތާލި ކަށިވިދުރީގެ ވައިރަސްއާ ތަފާތު އެއްޗަކަށް ވުމެވެ. އެއީ ސައިންސްވެރިންނަށް މިހާތަނަށް އެނގިފައި އޮތް ވައިރަސްއަކަށް ވެސް ނުވި އެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އެ ވައިރަސް ވަނީ އިންސާނުންގެ ތެރެއިން ނެތިގޮސްފަ އެވެ. އެެހެންކަމަށް ވާ ނަމަ، އިންސާނީ ދިރިއުޅުމުން ކަށިވިދުރި ފައްސާލެވިފައި މިވަނީ ދެވަނަ ފަހަރަށެވެ.

ވައިރަސްތައް ފެތުރޭ ގޮތުގެ ސަބަބުތައް މިހާރު އަހަރެމެންނަށް ވަރަށް ބޮޑަށް އެނގެ އެވެ. ޖަނަވާރުންގެ ފަރާތުން "ޕޭޝަންޓް ޒީރޯ" (ބަލިޖެހޭ ފުރަތަމަ މީހާ) ގަޔަށް އަރަނީ އެވެ. އޭގެ ފަހުން "ސުޕަ-ސްޕްރެޑާސް" މެދުވެރިކޮށް ގިނަ ބައެއްގެ ތެރެއަށް ފެތުރެނީ އެވެ. އެކަމަކު ވައިރަސްއެއް ފަސޭހަކަމާ އެކު ގެއްލިދާ ގޮތުގެ މައުލޫއުގެ ޝައުގުވެރިކަން ބޮޑުވެގެން މި އުޅެނި އަދި ކިރިޔާ އެވެ. ސުވާލަކީ ބައެއް ވައިރަސްތައް ނެތިދަނީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟ އެ ވައިރަސްތަކަށް އަސްލު އެވަނީ ކިހިނެއް ހެއްޔެވެ؟

ލޮލަށް ނުފެންނަ ކުދިކުދި މި ވައިރަސްތަކުން އިންސާނުންނަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާ ހެދި ސައިންސްވެރިންގެ އެއް މަސައްކަތަކީ، ބައެއް ވައިރަސްތައް ފަސޭހައިން ނެތިދާ ސަބަބުތައް ދެނެގަތުމެވެ.

މި ފަހުން އެގޮތަށް ނެތިދިއަ ވައިރަސްއަކީ ސާސް އެވެ. މި ވައިރަސްގެ ހަބަރު ދުނިޔެއަށް ފުރަތަމަ އިވުނީ ފެބްރުއަރީ 10، 2003 ގަ އެވެ. އެއީ ބާރަށް ފެތުރޭ އަދި ގޮތް ނޭނގޭ ބައްޔެއްގައި ހަފުތާއެއްގެ ތެރޭގައި 100 މީހުން މަރުވި ކަމަށް ބުނެ، ޗައިނާގެ ބެއިޖިންގައި ހުންނަ ޑަބްލިޔުއެޗުއޯގެ އޮފީހަށް ލިބުނު އީމެއިލްއެއް މެދުވެރިކޮށެވެ.

އޭގެ ފުރަތަމަ ކޭސް ފެނުނީ އެކި ވައްތަރުގެ މަހުގެ ކެއުންތަކަށް މަޝްހޫރު ޗައިނާގެ ގުއަންގްޑޮން އިންނެވެ. އެހެން ގައުމުތަކުގެ މީހުން ކާން ބޭނުންނުކުރާ އެތައް ވައްތަރެއްގެ ޖަނަވާރު، ވަގުތުން ހަދާލައިގެން، ރެސްޓޯރަންޓްތަކުގެ ކާމޭޒުތަކަށް ގެެނެސްދެ އެވެ. ބަލިމަޑުކަމުގެ ފުރަތަމަ ދުވަސްކޮޅު ނަމަވެސް، ސާސްއަކީ ކިހިނެއް އުފެދުނު އެއްޗެއްކަން، އެ ސަރަހައްދުގެ ހަގީގަތްތަކުން އެނގޭހާ ވެ އެވެ.

ދެ އަހަރުގެ ތެރޭގައި 8،096 މީހުންނަށް ބަލިޖެހި، 774 މީހުން މަރުވި އެވެ. އެކަމަކު އެއަށް ވުރެ ބަލީގެ ހާލަތު މާ ގޯސްވުމުގެ ފުރުސަތު ވެސް އޮތެވެ.

ސާސް ފެތުރުނު އިރު ނިއުސްވީކްގެ ބޭރުގަނޑުގައި އެކަމާ ބެހޭ ގޮތުން ޖެހި ފޮޓޯއަކާ ދިމާއަށް މީހަކު ބަލަހައްޓައިގެން: ސާސް ހުއްޓުމުގައި ވައިރަސްއަށް އައި ބަދަލުތައް ވެސް މުހިންމު ރޯލެއް ކުޅުނު

ކޮވިޑް-19 ޖައްސާ ވައިރަސްއާ ދާދި އެއްގޮތް ސިފަތަކެއް ހުރި ސާސްގެ ވައިރަސްއަކީ ވެސް، އާރުއެންއޭ ގްރޫޕްގެ އެއްޗެކެވެ. މި ބައިގެ ވައިރަސްތަކަށް ވަރަށް ފަސޭހައިން ފެތުރި އަދި ބަދަލުވުމުގެ ގާބިލްކަން ލިބެ އެވެ. ސާސްގެ ކުރީކޮޅު ސައިންސްވެރިން އިންޒާރު ދެމުން ދިޔައީ، އެޗުއައިވީ ނުވަތަ 1918ގެ ރޯގާ ފަދަ ގެއްލުން ބޮޑު އެއްޗަކަށް އެ ވެދާނެ ކަމެވެ. މީގެ ގަރުނެއް ކުރިން ކުރިމަތިވި ރޯގާ ދުނިޔޭގެ އޭރުގެ އާބާދީގެ ތިން ބައި ކުޅަ އެއްބަޔަށް ޖެހި، ގާތްގަނޑަކަށް 50 މިލިއަން މީހުން މަރުވި އެވެ.

އެކަމަކު އެ ފެނުނުހާ ފަސޭހަކޮށް ސާސް ނެތިގެން ވެސް ދިޔަ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟

އަހަރެމެންގެ ނަސީބު ރަނގަޅީ އެވެ.

ޔުނިވަސިޓީ އޮފް ޝިކާގޯގެ އެޕިޑެމިއޮލޮޖިސްޓް ސާރާ ކޮބޭ ވިދާޅުވި ގޮތުގައި ސާސް އިން ސަލާމަތްވެވުނީ ދެ ކަމެއް ފުރިހަމަވެގެންނެވެ. އެއް ކަމަކީ ކޮންޓެކްޓް ޓްރޭސިން އެވެ. އަނެއް ސަބަބަކީ ވައިރަސް އޭގެ ޒާތުގައި މަސައްކަތްކުރި ގޮތެވެ.

ސާސް ޖެހޭ މީހުން ވަރަށް ބޮޑަށް ބަލިވެ އެވެ. އޭގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު މަރުވެ އެވެ. އެހެންކަމުން ބަލިމީހާ ދެނެގަނެވި، ކަރަންޓީންކުރަން ފަސޭހަވެ އެވެ. އެއްވެސް އަލާމާތެއް ނެތި، އެހެން މީހަކަށް ބަލި ފެތުރުމުގެ ފުރުސަތެއް ނޯވެ އެވެ. އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް ފެތުރެން ނަގާ ދުވަސް ވެސް، ސާސްގައި ގިނަކަމުން، ކޮންޓެކްޓް ޓްރެސިން ފަސޭހަވެ، ހާލަތު ގޯސްވުމުގެ ކުރިން އެ ބަޔަކު ދެނެގަނެވެ އެވެ.

"އެކަމަކު ސަރުކާރުތަކާއި ކަމާ ގުޅޭ އިދާރާތަކުން އެއާ ދެކޮޅަށް ވަރަށް އަވަހަށް ފިޔަވަޅުތައް ވެސް އަޅަން ފެށި،" ކޮބޭ ވިދާޅުވި އެވެ.

ސައިންސްވެރން ބުނާ ގޮތުގައި ވައިރަސްގައި ހިމެނޭ ބައެއް ސިފަތަކުގެ އިތުރުން ކަމާ ބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތައް ނޭޅި ނަމަ، ސާސްގެ ނުރައްކާ އެއަށް ވުރެ މާ ބޮޑުވީހެވެ.

ކޮންމެ ފަހަރަކު އަހަރެމެންގެ ނަސީބު އެހާ ރަނގަޅެއް ވެސް ނޫނެވެ. އެހެންކަމުން އެގޮތަށް އަަވަހަށް ނެތިދާ ވައިރަސްތައް ނިސްބަތުން ވަރަށް ތަދެވެ. ސާސް ގޮތަށް މިހާތަނަށް ނައްތާލެވުނީ އެންމެ ދެ ވައިރަސް އެވެ. އެއީ ކަށިވިދުރި އާއި ތާޒާ ކިރާއި މަސް ހޯދުމުގެ ބޭނުމުގައި ގެންގުޅޭ ޖަނަވާރުތަކަށް ބަލިޖައްސާ ރިންޑާޕެސްޓް ވައިރަސް އެވެ.

"އެއީ އެހާ އާންމު ކަމެއް ނޫން. ރަނގަޅަށް އަށަގެންފި ވައިރަސްއެއް ފިލުވާލަން ވަރަށް އުނދަގޫވާނެ،" ޔުނިވަސިޓީ އޮފް އައިވާގެ މައިކްރޮބައިލޮޖިސްޓް ސްޓޭންލީ ޕާލްމަން ވިދާޅުވި އެވެ.

އެ ދެ ވައިރަސް ނައްތާލެވުނީ ވެކްސިންގެ ސަބަބުންނެވެ.

އިންސާނުންނަށް މި ފަހުން ކުރިމަތިވި ނުރައްކާތެރި ބަލިތައް ޖެއްސި އެހެން ވައިރަސްތަކުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ އެބޯލާ ނައްތާލެވޭނެ ހެއްޔެވެ؟ ސްވައިން ފުލޫ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟

ބައެއް ވައިރަސްތައް އެގޮތަށް ނެތިދިއުން އެކަށީގެންނެއް ނުވެ އެވެ. ސަބަބަކީ އެ ވައިރަސްތައް ދެމިއޮތުމުގެ ހަމައެކަނި މެހެމާނަކީ އިންސާނުން ނޫން ކަމެވެ.

އެބޯލާ ފެތުރި އަނެއްކާ ނިމުމަކަށް އާދެ އެވެ. އަނެއްކާ ވެސް އަލުން ފެނެ އެވެ. އަދި މިހާރު ވެސް ވާލުގައި އެބޯލާ ވައިރަސް އުޅެ އެވެ. އެހެންކަމުން އަނެއްކާވެސް އިންސާނުންގެ ތެރެއަށް ފުންމާލާނީ ކޮން އިރަކުކަމެއް ނޭނގެ އެވެ.

އެއާ ހިލާފަށް އެހެން ޖަނާވަރެއްގެ ފަރާތުން އިންސާނުންނަށް އެރި ސާސް ވައިރަސް، އަނެއްކާ ޖަނަވާރަކަށް އަރައި، ސަލާމަތުން ދެމިގެން ހިނގައިދާނެކަމުގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ އެހެންކަމުން ސާސް އެ އޮތީ ގާތްގަނޑަކަށް ނައްތާލެވިފަ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ވެސް އިންސާނުންނަށް އެރީ ޖަނަވާރެއްގެ ސަބަބުން ކަމަށް، ސައިންސްވެރިން ބުނެ އެވެ. އެކަމަކު މިހާރު މި ވައިރަސް ސަލާމަތުން އެ އޮތީ، އެތައް މިލިއަން އިންސާނުންގެ ސަބަބުންނެވެ. އެ މީހުންގެ ހަށިގަނޑުގައި އެ ގިނަވެ، އަނެއް އިންސާނެއްގެ ހަށިގަނޑު ތެރެއަށް ފޮނުވަމުން ގެންދަނީ އެވެ. އެހެންކަމުން ކޮވިޑްގެ ވައިރަސް ނައްތާލަން މިވަނީ ވަރަށް އުނދަގޫ ކަމަކަށް ވެފަ އެވެ.

އެކަމަކު އިންސާނުންގެ ތެރޭގައި އުޅޭ ބައެއް ވައިރަސްތަކުގެ އެކި ވައްތަރުތައް ވަރަށް ބޮޑަށް މަދުކުރެވެ އެވެ.

އަހަރެމެންނަށް އާންމުކޮށް ކުރިމަތިވާ ހުމުގެ ރޯގާއަކީ އޭގެ މިސާލެކެވެ. އޭގެ މައިގަނޑު އަސްލަކީ ދެ ބާވަތެކެވެ.

ފުރަތަމަ އިންފުލުއެންޒާ އޭ އެވެ. އިންސާނުންގެ އިތުރުން މި ރޯގާ ޖެހޭ އެއްޗެހީގެ ތެރޭގައި ފެނުގައި އުޅޭ ނުވަތަ ފެން އޮންނަ ސަރަހައްދާ ކައިރީގައި އުޅޭ ދޫނި ހިމެނެ އެވެ. މި ރޯގާ ކޮންމެވެސް ސިފައެއްގައި އަބަދުވެސް ފެނެ އެވެ. ބައެއް ފަހަރަށް މޫސުމީ ގޮތަކަށެވެ. އަނެއް ބައި ފަހަރަށް ބަލިމަޑުކަމެއްގެ ގޮތުގަ އެވެ.

ދެން އިންފުލުއެންޒާ ބީ އެވެ. މިއީ ހަމައެކަނި އިންސާނުންނަށް އާންމުކޮށް ޖެހޭ ރޯގާއެކެވެ. އިންސާނުން ފިޔަވައި ދެން މި ވައިރަހުން ރޯގާ ޖެހެނީ، ސީލްއަށެވެ. އެކަމަކު ދުވަހަކު ވެސް އެ ރޯގާ ބަލިމަޑުކަމަކަށް ބަދަލުވެފައެއް ނުވެ އެވެ.

އިންސާނުންނަށް ފަސޭހައިން ރޯގާ ޖައްސައިދޭ އެއްޗަކަށް އިންފުލުއެންޒާ އޭގެ ވައިރަސް އަބަދުވެސް ބަދަލުވާކަމަށް، އެތައް އަހަރެއް ވަންދެން ގަބޫލުކުރެވުނެވެ. އެކަމަކު ފަހުގެ ދިރާސާތަކުން ދައްކަނީ އެއީ އަދި ރަނގަޅު ވިސްނުމެއް ނޫން ކަމެވެ.

"ވައިރަސްތައް ކިތައްމެ ތަނަކަށް ވެސް ނިސްބަތްވެދާނެ. އެ ފިލާ އޮވެދާނެ އިންސާނުންގެ ހަށިގަނޑުގައި، އެ ފިލާ އޮވެދާނެ ފިނިކޮށްފައި ހުރި އެއްޗެހިތަކެއްގެ ތެރޭގައި، ޖަނަވާރުންގެ ތެރޭގައި ވެސް އެ ފިލާ އޮވެދާނެ. އެހެންކަމުން ވައިރަސްތައް މުޅިން ނެތި ދިއުމޭ ބުނެވޭކަށް ނެތް."

ދިރާސާއިން ކަށަވަރުވި ގޮތުގައި 1893ގެ ކުރިން މަރުވި އެކަކަށް ވެސް މިހާރު މި ފެންނަ އިންފުލުއެންޒާ އޭގެ ސަބަބުން ރޯގާ ޖެހިފައެއްނުވާނެ އެވެ. އޭގެ ސަބަބަކީ މީގެ 120 އަހަރު ކުރިން އިންސާނުންނަށް ހުމުގެ ރޯގާ ޖެއްސި ކޮންމެ ވައިރަސްއެއް ވެސް މިހާރު ނެތި ގޮސްފައި ވާތީ އެވެ. އަނެއްކޮޅުން 1918ގައި އިންސާނުންނަށް ބޮޑު ބިރަކަށް ވި ރޯގާގެ ވައިރަސް ވެސް ވަނީ ނެތިގޮސްފަ އެވެ. ހަމައެހެން 1957 ގައި އެމެރިކާގައި 116،000 މީހުން މަރުވި ދޫނި ރޯގާގެ ވައިރަސް ވެސް ގެއްލިއްޖެ އެވެ.

ރޯގާ ޖައްސާ ވައިރަސްތައް އޭގެ ޒާތުގައި ތަފާތު ގޮތްގޮތަށް ބަދަލުވާ އިރު އޭގެ ތެރެއިން ގިނަ އެއްޗެހި ނެތި ވެސް ދެ އެވެ. ގާތްގަނޑަކަށް ކޮންމެ ތިރީހަކަށް އަހަރުން އެއް ފަހަރު ކަހަލަ ގޮތަކަށް، އެ ވައިރަސްތައް މުޅިން ބަދަލުވެ، ރޯގާގެ އާ ވައްތަރެއްގެ ވައިރަސްތަކަކަށް ވެދެ އެވެ. އެއީ ކުރިން ވެސް އުޅޭ މުސްކުޅި ވައިރަސްތަކަށް އަންނަ ބަދަލަކުންނެވެ. ނުވަތަ ޖަނަވާރަކުން މުޅިން އަލަށް އިންސާނުންގެ ތެރެއަށް އާ ވައިރަސްއެއް ފުންމާލައިގެންނެވެ.

އިންސާނުންނަށް ގެއްލުންދޭ އެއްޗެއްގެ ގޮތުގައި ބައެއް ވައިރަސްތަކަށް މާ ގިނަ ދުވަހަކު ދެމިއެއް ނޯވެވެ އެވެ. މިސާލަކަށް 1918ގެ ރޯގާ ޖެއްސި އެން1އެން1 ވައިރަސް ބަދަލުވަމުން ދިޔައީ އެ ދެމިއޮތުމަށް އޭގެ ޒާތުގައި ވެސް ހުރަސްއެޅޭ ގޮތަކަށެވެ.

މިހާރު ސައިންސްވެރިން މަސައްކަތްކުރަނީ ވައިރަސްގެ ހަލާކު ވައިރަސްގެ ތެރެއިން ނުކުންނަ ގޮތް ބޭނުންކޮށްގެން ހުމުގެ ރޯގާ އާއި އާންމު އަރިދަސްފުސް ރޯގާ ފަދަ ބަލިތައް ނައްތާލެވޭތޯ އެވެ. ކޮވިޑް-19އާ ދެކޮޅަށް ބައެއް ވެކްސިން ހަދަމުން އެ ގެންދަނީ އެ ވިސްނުމުގެ އެހީގަ އެވެ.

އެ މަސައްކަތުގެ މައިގަނޑު ރޭވުން ބިނާކޮށްފައި ވަނީ "އާރުއެންއާރު" ވައިރަސްތަކުގެ އާދައަށެވެ. އެޗުއައިވީ އާއި އެބޯލާ އާއި ކޮރޯނާވައިރަސް ނިސްބަތްވަނީ އެ ގްރޫޕަށެވެ. އެ ވައިރަސްތަކުގެ ޖެނެޓިކް ބައި އުފެދިފައި ވަނީ، ޑީއެންއޭއާ ހިލާފަށް، އާރުއެންއާރުންނެވެ. މި ވައިރަސްތައް އެހެން ދިރުމެއްގެ ހަށިގަނޑު ތެރެއަށް ވަދެ އޭގެ ކޮޕީތައް އުފައްދަނީ، ކުށެއް ޖެހިދާނެކަން ކަށަވަރުކުރަން "އަޅާކިއުމެއް ނެތި" އެވެ.

ކުރިން ނަމަ ބެލެވުނީ މި ވައިރަސްތަކުން އިންސާނުންނަށް ސަލާމަތްވެވޭ ވަރަށް ވުރެ ގިނައިން ހަށިގަނޑު ތެރޭގައި ތަފާތު އެތައް ވައްތަރަކަށް ބަދަލުވަމުން ދާނެ ކަމެވެ. އަދި އެއީ އެއާ ދެކޮޅަށް އުފައްދާ ވެކްސިންތަކާއި ބޭސްތަކުން އަސަރެއް ނުފޯރުވޭނެހާ ގިނަ ބަދަލުތަކެއް ކަމަށް ވެސް އޮތީ ވިސްނިފަ އެވެ.

ކޮވިޑް-19އާ ދެކޮޅަށް ހަދާ ވެކްސިނެއް: ވައިރަސް އޭގެ ޒާތުގައި ހަލާކުވާން މެދުވެރިވާ ގޮތަށް ބިނާކޮށް ވެސް ވެކްސިން އަންނަނީ ތައްޔާރުކުރަމުން

އެކަމަކު އެހާ ގިނައިން ބަދަލުވުމަކީ ދެ މިޔަ ލީ ކަނޑިއެއް ފަދަ ކަމެކެވެ. ބަދަލުވަމުން ދާ ރޭޓް ވަކި މިންވަރަކަށް ވުރެ މަތި ވެއްޖެ ނަމަ، އޭގައި ޖެނެޓިކް ކުށްތައް ގިނަވެ، އެ ފެތުރުމުގެ ހަލުއިމިން ދަށްކޮށްލަ އެވެ. އޭގެ ސަބަބުން ވައިރަސް ނެތިދިއުމާ ކުރިމަތިވެ އެވެ.

ވައިރަސްތައް ބަދަލުވުމުގެ ސްޕީޑް އެއަށް ގެއްލުންވާ ވަރަށް ބާރުކޮށްދޭ ބޭހެއް ތައްޔާރުކުރެވިއްޖެ ނަމަ އޭގެ ފައިދާ ފެންނާނެ އެވެ. އެއް ފައިދާއަކީ ބަލިމީހާގެ ހަށިގަނޑުގައި ވައިރަސް އިތުރުވާ މިންވަރު ދަށްކުރެވުމެވެ.

ބައެއް ކަހަލަ ވައިރަސްތައް - އޭގެ ތެރޭގައި ކޮވިޑް-19 ޖައްސާ ވައިރަސް ވެސް ހިމެނޭ- އޭގެ ޒާތުގައި ނެތިދާ ވަރަށް އަމިއްލައަށް ބަދަލުވަމުން ދެ އެވެ. ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސްގެ ހަ ވައްތަރެއް މިހާތަނަށް ވަނީ ފާހަގަވެފަ އެވެ. އިންޑިއާއިން ފެނުނު ބައެއް ހެކިތަކުން އެނގެނީ ގުދުރަތީ ގޮތުން ވެސް އެ މަރުހަލާ ފެށިއްޖެ ކަމެވެ. ވައިރަސް ބަދަލުވަމުން ދަނީ، އޭގެ ޒާތުގައި ނެތިދިއުމުގެ ވަޅުގަނޑަކަށް ވެއްޓޭހާ ބާރަށް ކަމަށް ބައެއް ސައިންސްވެރިން ލަފާކުރެ އެވެ.

އެކަމަކު ކިތައްމެ ބުރަކޮށް އަހަރެމެން މަސައްކަތްކުރިޔަސް އެއްވެސް ވައިރަސްއެއް ދާއިމަށް ނައްތާލެވިދާނެ ކަމާ މެދު ޝައްކުކުރާ ސައިންސްވެރިން ވެސް އުޅެ އެވެ.

"މުޅިން ނެތިދިއުމޭ ބުނުމަކީ އެހާ ރަނގަޅު ބަހެއް ނޫން،" ނިއު ޔޯކްގައި ހުންނަ ކޮލަމްބިއާ ޔުނިވަސިޓީގެ އެޕިޑެމިއޮލޮޖިސްޓް އިއާން ލިޕްކިން ވިދާޅުވި އެވެ.

"ވައިރަސްތައް ކިތައްމެ ތަނަކަށް ވެސް ނިސްބަތްވެދާނެ. އެ ފިލާ އޮވެދާނެ އިންސާނުންގެ ހަށިގަނޑުގައި، އެ ފިލާ އޮވެދާނެ ފިނިކޮށްފައި ހުރި އެއްޗެހިތަކެއްގެ ތެރޭގައި، ޖަނަވާރުންގެ ތެރޭގައި ވެސް އެ ފިލާ އޮވެދާނެ. އެހެންކަމުން ވައިރަސްތައް މުޅިން ނެތި ދިއުމޭ ބުނެވޭކަށް ނެތް."

އޭނާ އިޝާރަތްކުރެއްވި އެކައްޗަކީ ކަށިވިދުރި ޖައްސާ ވައިރަސް އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވައިރަސް ހުރި ދެ ފުޅިއެއް ދުނިޔޭގެ ދެ ތަނެއްގައި މިހާރު ވެސް ގަނޑުކޮށްފައި އެބަ އޮތެވެ. އެ ވައިރަސް މުޅިން ނައްތާލުމާ މެދު މިހާރު ވެސް ބަހުސްތައް ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.

ދެން އޮތް އަނެއް ކަމަކީ ނެތިފައިވާ ކަމަށް ބެލެވޭ ވައިރަސްތައް އަލުން "އީޖާދުކުރުމު"ގެ ވާހަކަ އެވެ. އެފަދަ ވައިރަސްތަކުގެ ޖެނެޓިކް ކޯޑުތައް ބޭނުންކޮށްގެން އަލުން ހެދިދާނެ ގާބިލްކަން މިހާރުގެ ސައިންސްވެރިން އަންނަނީ ހޯދަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ސައިންސްގެ މުޅިން އާ އިންގިލާބީ ބަދަލުތަކެއް ފެނުން އެކަށީގެންވެ އެވެ. އާންމު ރޯގާ އާއި ހުމުގެ ރޯގާ ޖެހުމަކީ ނާދިރު ނުވަތަ އަހަރެމެންގެ ހަނދާނުން ވެސް ފޮހެވޭ ފަދަ ބަލިތަކަކަށް ހެދޭ ފަދަ އުފެއްދުންތަކެއް ވެސް އަތުވެދާނެ އެވެ.

އެޑިޓަރުގެ ނޯޓު

ބީބީސީގެ "ފިއުޗާ" ބައިގައި ޒާރިއާ ގޯވެޓް ލިއުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެއް

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާރަގެމަ

23 September 2020

މާތްﷲ ގެ ކުޅަދުންވަންތަ ކަން އެއީ .އެކަލާންގެއީ ހުރިހާކަމެއް މޮޅައްދެނެވޮޑިގެންވާ ރަސްކަލާނގެ.ދެންވެސް އިސްލާހުވެ އާހިރަތައް މަސައްކަތް ކުރަމާ.މާތް ﷲ މި ބަލިމަޑުކަމުން ދުނިޔެ ސަލާމަތް ކުރައްވަާނދޭވެ.އާމިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454