އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަން ކުރާ ކޯނޭ ބެރެޓް ސެނެޓުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
14 އޮކްޓޯބަރ 2020 - 10:28
ވޮޝިންޓަން (އޮކްޓޯބަރު 14) - އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި އެމީ ކޯނޭ ބެރެޓުގެ ނަން ފާސްކުރުމުގެ ކުރިން އޭނާއާ ސެނެޓުން ވަރުގަދަ ސުވާލުތަކެއް ކުރަން ފަށައިފި އެވެ.
ނަމަވެސް ސެނެޓުގެ ބައެއް ސުވާލުތަކަށް އެކަމަނާ ވަނީ ޖަވާބު ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ. އޭގެ ތެރޭގައި އެބޯޝަން އާއި އެމެރިކާގައި އެއްޖިންސުން ކައިވެނިކުރަން ބާރުއަޅާ މީހުންގެ ހައްގުތަކާއި ހެލްތުކެއާއާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ދެއްވަން ކޮންޒަވެޓިވް ފަނޑިޔާރު ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ސެނެޓުގައި ބެރެޓް ވިދާޅުވީ އެކަމަނާގެ އެއްވެސް "އެޖެންޑާއެއް ނެތް ކަމަށާއި އަމަލު ކުރާނީ ގާނޫނުގައި" އޮތް ގޮތަށް ކަމަށެވެ.
ސެނެޓުގެ ކޮމިޓީން ނަން ފާސްކޮށްފި ނަމަ އުމުރުން 48 އަހަރުގެ ބެރެޓުގެ ނަން ދެން ހުށަހަޅާނީ މުޅި ސެނެޓުގެ ވޯޓަށެވެ. ސެނެޓުން ފާސްކޮށްފި ނަމަ މުޅި އުމުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި އެކަމަނާ އަށް ހުންނެވޭނެ އެވެ.
ރިޕަބްލިކަން ޕާޓީގެ މެންބަރުން ބޭނުން ވަނީ ނޮވެމްބަރު 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން ބެރެޓުގެ ނަން ފާސްކޮށް އެމެރިކާގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް ހަމަޖެއްސުމަށެވެ. ބަރެޓުގެ ނަން ފާސްކޮށްފި ނަމަ ނުވަ ފަނޑިޔާރުން ހިމެނޭ ކޯޓުގައި 6-3 އިން ކޮންޒަވެޓިވުންނަށް އަޣުލަބިއްޔަތު ލިބޭނެ އެވެ. ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް ވިދާޅުވެފައި ވަނީ އިންތިޚާބުގެ ކުރިން ބެރެޓުގެ ނަން ފާސްކުރާނެ ކަމަށެވެ.
އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަން ކުރާ ކޯނޭ ބެރެޓް ސެނެޓުގެ ޖުޑިޝަރީ ކޮމިޓީގައި. --ފޮޓޯ:އޭއެފްޕީ
ޑިމޮކްރެޓިކް ޕާޓީން ބުނަމުން ދަނީ ސުޕްރީމް ކޯޓަށް ބެރެޓް ހަމަޖައްސައިފި ނަމަ ސިޔާސީ ގޮތުން ނާޒުކް މައްސަލަތަކުގައި ރިޕަބްލިކަން ކޮޅަށް އެކަމަނާ ބުރަވެވަޑައިގަންނަވާނެ ކަމަށެވެ.
ސުޕްރީމް ކޯޓަށް ބެރެޓުގެ ނަން ޓްރަމްޕް ހުށަހެޅުއްވީ 87 އަހަރުގައި އަވަހާރަވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރޫތު ގިންސްބާގުގެ ބަދަލުގަ އެވެ.
ސެނެޓުގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން އަދި ރިޕަބްލިކަން މެންބަރު ލިންޑްސޭ ގްރަހަމް ވިދާޅުވީ ބެރެޓަކީ ސުޕްރީމް ކޯޓަށް ރައީސް ޓްރަމްޕަށް އިޚްތިޔާރު ކުރެވޭނެ އެންމެ ރަނގަޅު ފަރާތް ކަމަށެވެ. ރިޕަބްލިކަން އެހެން މެންބަރެއް ކަމަށްވާ ޗަކް ގްރޭސްލީ ވިދާޅުވީ ބެރެޓުގެ ރެކޯޑަށް ބަލާއިރު އެކަމަނާ މައްސަލަތައް ނިންމަވާފައި ވަނީ ވަކިކޮޅަކަށް ނުޖެހި ކަމަށެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައަޅާނީ ސެނެޓުންނެވެ. ސެނެޓުގެ އަޣުލަބިއްޔަތު މި ވަގުތު އޮތީ ރިޕަބްލިކަން ޕާޓީއަށެވެ. އެހެންވެ ބެރެޓުގެ ނަން ސުޕްރީމް ކޯޓަށް ފާސްވުމުގެ ފުރުސަތު ބޮޑެވެ.
ޑިމޮކްރެޓިކުން ބުނަނީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ފާސްކުރި ހެލްތުކެއާ ނިޒާމް ފަދަ މައްސަލަތަކަށް ބެރެޓަކީ ބިރަކަށް ވާނެ ކަމަށެވެ. އިންތިޚާބުގެ ކުރިން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހަމަޖައްސާތީ ވެސް ޑިމޮކްރެޓިކުން ދަނީ ފާޑު ކިޔަމުންނެވެ. ރިޕަބްލިކަން ޕާޓީގެ އިޚްލާސްތެރިކަމާ މެދު ވެސް ޑިމޮކްރެޓިކުން ވަނީ ސުވާލު އުފައްދައިފަ އެވެ. މާޗް 2016 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަވަހާރަވުމުން ރައީސް ބަރަކް އޮބާމާ ނަމެއް ހުށަހެޅުއްވުމުން ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮތް ސެނެޓުން އޭރު އެ ނަން ފާސްނުކޮށް ހިފެހެއްޓީ، ރިޔާސީ އިންތިހާބުގެ އަހަރު އެ ފުރުސަތު އިންތިހާބު ކާމިޔާބުކުރައްވާ ކެންޑިޑޭޓަކަށް ދޭން ޖެހޭނެ ކަމަށް ބުނެ އެވެ. ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބު އެހާ ކައިރިވެފައި އޮއްވާ ވެސް، ސެނެޓްގެ ހަމަ އެ މެމްބަރުން ވަނީ ކުރީގެ ސިޔާސަތު ބަދަލުކޮށް، ނޮވެމްބަރު 3 ގައި އޮންނަ ވޯޓުގެ ކުރިން، ފަނޑިޔާރަކު އައްޔަންކުރަން ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy