ނޯތު ކެރޮލީނާގައި އިއްޔެ ބޭއްވި އާލީ ވޯޓިންގައި އިލެކްޝަން އޮފިޝަލަކު (ކ) ވޯޓުލާން ދިޔަ މީހަކަށް އެހީވަނީ. --ފޮޓޯ:އޭއެފްޕީ
16 އޮކްޓޯބަރ 2020 - 12:19
ވޮޝިންޓަން (އޮކްޓޯބަރު 16) - ނޮވެމްބަރު 3 ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި "އާލީ ވޯޓިން" ގެ ގޮތުގައި މިހާތަނަށް 17.8 މިލިއަން މީހުން ވޯޓުލައިފި އެވެ.
ތަޖްރިބާކާރުން ބުނާގޮތުގައި އާލީ ވޯޓިންގެ އަދަދު މިފަހަރު އިތުރުވުމުގެ އެއް ސަބަބަކީ ކޮރޯނާވައިރަހުގެ ބިރަށް، ގައިގޯޅިވެގެން ވޯޓުލާން، އިންތިޚާބު އޮންނަ ދުވަހު، ދާން ބައެއް މީހުން ބޭނުން ނުވުމެވެ. އަނެއް ސަބަބަކީ ޕޯސްޓަލް ވޯޓިންގެ މުއްދަތު ދިގުވުމެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އާލީ ވޯޓިންގެ ގޮތުގައި 47 މިލިއަން ވޯޓުލާފައިވެ އެވެ.
ޕޯސްޓުގެ ޒަރިއްޔާ އިން ވޯޓުލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެމަނިކުފާން ވިދާޅުވަނީ އެއީ ވޯޓު އޮޅުވާލަން މަގު ފަހިވާނެ ކަމެއް ކަމަށެވެ. ނަމަވެސް މީގެ ކުރިން ބޭއްވި އެއްވެސް އިންތިޚާބެއްގައި ޕޯސްޓަލް ވޯޓިންގައި މަކަރު ހަދާފައިވާކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
ނޯތު ކެރޮލީނާގައި އިއްޔެ ބޭއްވި އާލީ ވޯޓިންގައި އިލެކްޝަން އޮފިޝަލަކު ވޯޓުލާން ދިޔަ މީހަކަށް އެހީވަނީ. --ފޮޓޯ:އޭއެފްޕީ
ތަޖްރިބާކާރުން ބުނަނީ އާލީ ވޯޓިންގެ އަދަދު އިތުރުވުމަކީ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ރަނގަޅެކެވެ. ޓްރަމްޕުގެ ކެމްޕޭން ތަރުޖަމާނަކު ވިދާޅުވީ އިންތިޚާބު އޮންނަ ދުވަހު ޓްރަމްޕަށް ލާ ވޯޓު އިތުރުވާނެ ކަމަށެވެ.
އާލީ ވޯޓިންގައި ވޯޓުލާ މަރުކަޒަށް ގޮސް ވޯޓުލުން ޓެކްސާސްގައި ވަނީ އަންގާރަ ދުވަހު ބާއްވައިފަ އެވެ. އެއީ 38 އިލެކްޓޯރަލް ކޮލެޖް ވޯޓު ހިއްސާ ކުރާ ސްޓޭޓެކެވެ. ޓެކްސަސްގައި މިހާތަނަށް ވަނީ 1.62 މިލިއަން މީހުން ވޯޓުލައިފަ އެވެ. ފްލޮރިޑާގައި ވަނީ 2.09 މިލިއަން މީހުން ވޯޓުލައިފަ އެވެ.
އާލީ ވޯޓިން ނުވަތަ އެޑްވާންސް ޕޯލިން ނުވަތަ ޕްރި-ޕޯލް ވޯޓިން އަކީ އިންތިޚާބު އޮންނަ ދުވަހު ވޯޓު ނުލެވޭ މީހުން ކުރިން ވޯޓުލާން ދޭ ފުރުސަތެކެވެ. އާލީ ވޯޓިންގައި ކަނޑައަޅާފައިވާ ވޯޓިން ސްޓޭޝަންތަކަށް ގޮސް ނުވަތަ ޕޯސްޓުގެ ޒަރީއާ އިން ވެސް ވޯޓުލެވޭނެ އެވެ. އާލީ ވޯޓިންގައި ވޯޓުލާ މީހުންގެ ތެރޭގައި އިންތިޚާބު އޮންނަ ދުވަހު އިންތިޚާބީ އޭރިއާގައި ނުތިބެވޭ މީހުންނާއި އިންތިޚާބުގެ މަސައްކަތް ކުރާ އޮފިޝަލުންނާއި ކެމްޕޭން ހަރަކާތްތެރިން އަދި އިންތިޚާބު އޮންނަ ދުވަހު މެޑިކަލް ޕްރޮސީޗާއެއް ޝެޑިއުލްކޮށްފައިވާ މީހުން ހިމެނެ އެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުގައި އާލީ ވޯޓިން އަށް އޮންނަ މުއްދަތު ތަފާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy