ރައީސް ޓްރަމްޕް ފްލޮރިޑާގައި ހުކުރު ދުވަހު ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
18 އޮކްޓޯބަރ 2020 - 12:32
ވޮޝިންޓަން (އޮކްޓޯބަރު 18) - އެމެރިކާގެ ރައީސް ކަމަށް ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ޖޯ ބައިޑަން އަކީ މާޒީގައި ބޮޑެތި ކުށްތައް ކުރައްވާފައި ހުރި މުޖްރިމެއްގެ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަ ކުރައްވައިފި އެވެ.
މިޝިގަންގައި އިއްޔެ ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވިދާޅުވީ ޑިމޮކްރެޓިކުން އުޅެނީ އެމެރިކާގެ ތާރީޚް ފޮހެލަން ކަމަށާއި އެއީ އެމެރިކާގެ ރައްޔިތުންނާ ދެކޮޅު ޕާޓީއެއް ކަމަށެވެ.
"ބައިޑަން އަކީ ވަރަށް ކޮރަޕްޓް ސިޔާސީ މީހެއް. އޭނާގެ އާއިލާ އިން ވަނީ ވިޔަފާރީގެ ޖަރީމާތައް ހިންގާފައި،" ސަޕޯޓަރުންނާ މުޚާތަބް ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ. "ބައިޑަން އަކީ ގައުމީ ސަލާމަތަށް ވެސް ހުރި ނުރައްކަލެއް."
ޓްރަމްޕް އިމްޕީޗް ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާފައި ވަނީ ބައިޑަންގެ މައްސަލައެއް ބަލަން ޔުކްރޭންގެ ރައީސް އަށް ނުފޫޒް ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށެވެ. އިމްޕީޗްމަންޓުން ޓްރަމްޕް ވަނީ ސަލާމަތްވެފަ އެވެ.
ރައީސް ޓްރަމްޕް ވިސްކޮންސިންގައި އިއްޔެ ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ ހަތަރު ސިޓީއެއްގައި ޓްރަމްޕް އިއްޔެ ކެމްޕޭން ކުރެއްވި އިރު ބައިޑަން ހުންނެވީ ގެކޮޅުގަ އެވެ. ބައިޑަންގެ ކެމްޕޭން ހަރަކާތްތައް އާދިއްތަ ދުވަހު ފަށާނީ ނޯތު ކެރޮލީނާ އިންނެވެ. ބައިޑަންގެ ކެމްޕޭން ހަރަކާތްތައް މަޑުމައިތިރިކަމާ އެކު ކުރިއަށް ގެންދިޔަ ނަމަވެސް އިންތިޚާބަށް 17 ދުވަހަށްވެފައިވާ އިރު އަދިވެސް ކުރީގައި އުޅުއްވަނީ އެމަނިކުފާނެވެ. ބައިޑަންގެ ކެމްޕޭން އަމާޒުކޮށްފައިވާ އެއް ދާއިރާ އަކީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސިޔާސަތު ފެއިލްވެފައިވާކަން ސާބިތުކޮށްދިނުމަށެވެ. އެމެރިކާގެ ގިނަ މީހުން ގަބޫލް ކުރަނީ ވެސް އެގޮތަށެވެ.
ބައިޑަން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ޓްރަމްޕް ވަނީ ކޮރޯނާވައިރަހުގެ މައްސަލަ އަށް ގަސްދުގައި އިހުމާލްވެފައި ކަމަށެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ކުރިން "އާލީ ވޯޓިން" ގެ ގޮތުގައި މިހާތަނަށް ވަނީ 22 މިލިއަން މީހުން ވޯޓުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy