ރައީސް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން. --ފޮޓޯ:އޭއެފްޕީ
20 އޮކްޓޯބަރ 2020 - 12:32
ވޮޝިންޓަން (އޮކްޓޯބަރު 20) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ އެންމެ ފަހުގެ ޓީވީ ބަހުސްގެ މައުޟޫއާ މެދު ދެ ކެންޑިޑޭޓުން ޚިޔާލުތަފާތުވެއްޖެ އެވެ.
ރިޕަބްލިކަން ކެމްޕޭން ޓީމުން ތުހުމަތު ކުރަނީ ބަހުސް އިންތިޒާމްކުރާ ފަރާތުން އުޅެނީ ޚާރިޖީ ސިޔާސަތާ ބެހޭ ބައި ދޫކޮށްލަން އުޅޭ ކަމަށެވެ. ބައިޑަންގެ ކޭމްޕުން ރައްދުގައި ބުނެފައި ވަނީ ޓްރަމްޕް އުޅުއްވަނީ ކޮރޯނާވައިރަހާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކުރާ ސުވާލުތައް އުނި ކުރަން ކަމަށެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބުގައި ވޯޓުލާން ދެ ހަފުތާ އަށްވީ އިރު، ޚިޔާލު ހޯދުންތަކުން ދައްކަނީ ބައިޑަން ކުރީގައި އުޅުއްވާ ކަމަށެވެ. ނަމަވެސް ފަހު ވަގުތު ނަތީޖާ ކަނޑައެޅުމުގައި މުހިންމު ދައުރެެއް އަދާކުރާ ބޮޑެތި ސްޓޭޓްތަކުގައި ބައިޑަންގެ ލީޑް ހަންޏެވެ.
ޓްރަމްޕުގެ ކެމްޕޭން މެނޭޖަރު ބިލް ސްޓެޕިއަން، ކޮމިޝަން އޮން ޕްރެޒިޑެންޝަލް ޑިގޭޓްސް އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު ފަހު ބަހުސްގެ މައިގަނޑު މައުޟޫއަކީ ޚާރިޖީ ސިޔާސަތު ކަމަށް ކުރިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ މައުޟޫ ދޫކޮށްލަން ބައިޑަން އުޅުއްވަނީ އޭނާގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވުމުން ކަމަށެވެ.
ބަހުސްގެ މައުޟޫތައް މިދިޔަ ހަފުތާގައި އިއުލާންކުރައްވާފައި ވަނީ މޮޑަރޭޓަރު އަދި އެންބީސީ ނިއުސްގެ ކޮރެސްޕޮންޑެންޓް ކްރިސްޓަން ވެލްކާ އެވެ. މައުޟޫތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެމެރިކާގެ އާއިލާތައް، މޫސުމަށް ބަދަލުއުން، ގައުމީ ސަލާމަތް އަދި ލީޑަޝިޕެވެ.
އެރިޒޯނާގައި ހޯމަ ދުވަހު ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ވެލްކާ އަކީ ސީދާ ޑިމޮކްރެޓިކް މެންބަރެއް ކަމަށެވެ.
ބައިޑަންގެ ޑިމޮކްރެޓިކް ކޭމްޕުން ބުނެފައި ވަނީ ބަހުސްގެ މައުޟޫތައް ކަނޑައެޅުމަކީ މޮޑަރޭޓަރު ކުރަން ޖެހޭ ކަމެއް ކަމަށް ދެ ފަރާތުން މާކުރިން އެއްބަސްވެފައިވާ ކަމަށެވެ.
"ޓްރަމްޕުގެ ކެމްޕޭން ޓީމުން ޖެހިލުންވެގެން އުޅޭ އެންމެ ބޮޑު ސަބަބކީ ކޮވިޑާ ގުޅޭ ކަންކަން ފެއިލްވެފައިވުމުން،" ބައިޑަންގެ ކޭމްޕުން ބުނެފައިވެ އެވެ.
ނުވަދިހަ މިނިޓުގެ ބަހުސް ރާވާފައި ވަނީ 15 މިނިޓުގެ ސެގްމެންޓްތަކަކަށެވެ. ކޮންމެ އާ ސެގްމެންޓެއް ފެށުމާ އެކު ކޮންމެ ކެންޑިޑޭޓަކަށް ވާހަކަ ދައްކަން ދެ މިނިޓް ލިބޭނެ އެވެ. ބާކީ ވަގުތު ހުޅުވާލާނީ ސުވާލުތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ބާއީ
20 October 2020
ތީ ބަހުސްކުރާން އަދި ކުޑަދެކުދީން.