ކޮލަމްބޯ (އޮކްޓޯބަރު 30) - ކޮރޯނާވައިރަހުގެ ކޭސްތަައް އިތުރުވަމުންދާތީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ހުކުރު ދުވަހުން ފެށިގެން ލޮކްޑައުންކޮށްފި އެވެ.
އެކާވީސް މިލިއަން މީހުންގެ އާބާދީއެއް އޮތް ދެކުނު އޭޝިއާގެ ގައުމުން މިހާތަނަށް ވަނީ 9،791 މީހުން ޕޮޒިޓިވްވެ 19 މީހުން މަރުވެފަ އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން ޕޮޒިޓިވްވެފައި ވަނީ ވޭތުވެދިޔަ ތިން ހަފުތާއެއްހާ ދުވަސް ތެރޭގަ އެވެ. ބުރާސްފަތި ދުވަހު ވެސް ވަނީ 586 މީހުން ޕޮޒިޓިވްވެފަ އެވެ.
ލޮކްޑައުން ކުރުމުން ކޮލަމްބޯގައި ދިރިއުޅޭ 5.5 މިލިއަން މީހުން ބޭރަށް ނުކުމެވޭނީ ހަމައެކަނި އަސާސީ ބޭނުމެއްގައި ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ. ފުރަތަމަ ލޮކްޑައުން ކުރަނީ ތިން ދުވަހަށް ކަމަށް ވިޔަސް ކޭސްތައް ފެންނަ ރޭޓަށް ބަލައި ލޮކްޑައުންގެ މުއްދަތު އިތުރު ކުރަން ޖެހިދާނެ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
"ކާފިއު އިއުލާންކުރި ނަމަވެސް ހުކުރު ދުވަހުން ފެށިގެން ޕްރޮވިންސްތަކުގެ ބޯޑަރު ހުރަސްކޮށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރަން،" ފުލުހުންގެ ތަރުޖަމާން އަޖިތު ރޯހަނާ ވިދާޅުވި އެވެ.
ކޮލަމްބޯގެ މަގުތަކަށް ބުރާސްފަތި ދުވަހު ސިފައިން ނުކުމެ ވަނީ ހިނގާ މީހުންނާއި ދުއްވާތަކެތީގައި ދަތުރުކުރި ބައެއް މީހުންގެ ހުން ބަލައި ޗެކްކޮށްފަ އެވެ.
ކޮރޯނާވައިރަސް ފެތުރެން ފެށުމުން ލަންކާ އިން ވަނީ އެޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހަށް ގައުމު ލޮކްޑައުންކޮށްފަ އެވެ. ފިޔަވަޅުތަކަށް ޖޫން މަހު ފަހުކޮޅުން ފެށިގެން ލުއި ދޭން ފަށާފައި ވަނީ އެ ގައުމުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ބުނެ އެވެ.