ހިތްޕުޅުގެ އޮޕަރޭޝަނަށް ފަހު ނަވާޒް ޝަރީފް ހޮސްޕިޓަލުގައި.
02 ޖޫން 2016 - 10:56
ލަންޑަން (ޖޫން 2) - ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ ހިތްޕުޅުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އެ މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް ވިދާޅުވެއްޖެ އެވެ.
މިއީ އުމުރުފުޅުން 66 އަހަރުގެ ނަވާޒް ޝަރީފު، ފަސް އަހަރު ތެރޭ ކުރެއްވި ހިތްޕުޅުގެ ދެ ވަނަ އޮޕަރޭޝަނެވެ.
"އޮޕަރޭޝަން ވެސް ކާމިޔާބު. އަދި ބައްޕާފުޅުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން،" މަރިޔަމް ނަވާޒް ޝަރީފް ޓްވީޓް ކުރެއްވި އެވެ.
މަރިޔަމް ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ލަންޑަނުގައި ކުރި އޮޕަރޭޝަނަށް ވަނީ ހަތަރު ގަޑިއިރު ހޭދަވެފަ އެވެ. އަދި ހޮސްޕިޓަލުގައި ހަފުތާއެއްހާ ދުވަހު އޮންނަވާނެ އެވެ.
May Allah give good health to our loved PM..@MaryamNSharif pic.twitter.com/CVZyJrlewE
— #GetWellSoonPMSharif (@zahidkhan1111) June 1, 2016
ނަވާޒް ޝަރީފުގެ ދަރިކަނބަލުންގެ ޓްވީޓް
ޕާކިސްތާނުގެ އޮފިޝަލަކު އޭއެފްޕީ އަށް މި ހަފުތާގައި ވިދާޅުވެފައި ވަނީ ނަވާޒް ޝަރީފުގެ އޮޕަރޭޝަނުގެ ހުރިހާ ޚަރަދެއް ކުރައްވަނީ އަމިއްލަފުޅު ޖީބުން ކަމަށެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ މަގާމު ނަވާޒް ޝަރީފް ތިން ވަނަ ފަހަރަށް ކާމިޔާބު ކުރެއްވީ 2013 ވަނަ އަހަރު ބޭއްވި އިންތިޚާބުން ކުރި ހޯއްދަވައިގެންނެވެ. ނަމަވެސް ދާދި ފަހުން ލީކުވި ޕެނަމާ ޕޭޕާސްގައި ނަވާޒް ޝަރީފުގެ ނަންފުޅު އޮތުމުން އެމަނިކުފާނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ޕެނަމާ ޕޭޕާސްގައި ބުނެފައިވާ ގޮތުގައި ނަވާޒް ޝަރީފުގެ ބޭފުޅުން ވަނީ ލަންޑަނުން ގެ ވެސް ބައްލަވައިގެންފަ އެވެ. ނަވާޒް ޝަރީފް ވިދާޅުވެފައި ވަނީ އެމަނިކުފާނާ ބެހޭ ގޮތުން ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދީފި ނަމަ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy