ކްރިސް ކްރެބްސް އަކީ ޓްރަމްޕް އައްޔަން ކުރެއްވި ބޭފުޅެއް. --ފޮޓޯ:ރޮއިޓާސް
18 ނޮވެމްބަރ 2020 - 12:45
ވޮޝިންޓަން (ނޮވެމްބަރު 18) - އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ތުހުމަތަށް ޚިޔާލު ތަފާތުވި އިންތިޚާބާ ބެހޭ އިސް އޮފިޝަލަކު މަގާމުން ދުރުކޮށްފި އެވެ.
ޓްރަމްޕް ވިދާޅުވީ ވޯޓުގެ ސައްހަކަމާ މެދު އެމަނިކުފާން ސުވާލު އުފައްދާފައިވަނިކޮށް އެކަމާ ޚިޔާލު ތަފާތުވެ "އެކަށީގެން ނުވާ ގޮތެއްގައި" ވާހަކަ ދައްކަވާފައިވާތީ ސައިބަ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީގެ ވެރިޔާ ކްރިސް ކްރެބްސް މަގާމުން ދުރުކޮށްފައިވާ ކަމަށެވެ.
އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ޓްރަމްޕް އަދިވެސް ގެންދަވަނީ ބަލި ގަބޫލް ނުކުރައްވައި، ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ވިދާޅުވަމުންނެވެ. އިންތިޚާބާ ބެހޭ އޮފިޝަލުން ބުނެފައި ވަނީ މި ފަހަރު ބާއްވާފައި ވަނީ އެމެރިކާގެ ތާރީޚުގައި ވެސް ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އިންތިޚާބު ކަމަށެވެ.
ޓްރަމްޕް ކުރިން ވަނީ އިތުބާރު ނުކުރެވޭ ކަމަށް ވިދާޅުވެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ މަގާމުން ދުރުކޮށްފަ އެވެ. އަދި ޖެނުއަރީ މަހު މަގާމުން ވަޑައިގަތުމުގެ ކުރިން ސީއައިއޭގެ ޑިރެކްޓަރު ގިނާ ހަސްޕެލް އާއި އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ވްރޭ ވެސް މަގާމުން ދުރުކުރާނެ ކަމަށްވެ އެވެ.
ސައިބަ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީ މީގެ ހަތަރު އަހަރު ކުރިން އުފެއްދީ އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވި ކަމަށް ކުރި ތުހުމަތުތަކާ ގުޅިގެންނެވެ. އެ އެޖެންސީ އުފެއްދި ފަހުން މިއަދާ ހަމައަށް އެ ތަނުގެ ވެރިކަމަށް ހުންނެވީ ކްރެބްސް އެވެ. އެޖެންސީން ވަނީ އިންތިޚާބުތަކުގައި ސައިބަ ހަމަލާއެއް ދީފާނެތީ ސަލާމަތީ ކަންކަން ކަށަވަރުކޮށްފަ އެވެ.
ކްރެބްސް މަގާމުން ދުރުކުރުމުން ޑިމޮކްރެޓިކް ޕާޓީން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭނާ މަގާމުން ދުރުކުރީ އިންތިޚާބުގެ އިތުބާރު ކަށަވަރުކޮށް، ތެދު ހާމަ ކުރުމުން ކަމަށް ބުނެފައިވެ އެވެ.
އިންތިޚާބާ ގުޅޭ ގޮތުން އުފެދިފައިވާ ހުރިހާ ޚިޔާލުތަފާތުވުމެއް ޑިސެމްބަރު 8 ގެ ނިޔަލަށް ހައްލު ކުރަން ޖެހެ އެވެ. ރަސްމީ ނަތީޖާ އިއުލާންކުރާނީ ޑިސެމްބަރު 14 ގައި އިލެކްޓޯރަލް ކޮލެޖުން ބައްދަލު ކުރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy