ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ
21 ނޮވެމްބަރ 2020 - 12:39
މިޝިގަން (ނޮވެމްބަރު 21) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީ އަނބުރާ ލެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތަށް އަނެއްކާވެސް އިތުރު ހުއްޓުމެއް އަތުވެއްޖެ އެވެ.
ޖޯޖިއާގެ ވޯޓު އަލުން ގުނުމުން ވެސް ޖޯ ބައިޑަން ކުރި ހޯއްދަވާފައި ވަނިކޮށް، މިޝިގަންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ އެ ސްޓޭޓުން ވެސް ބައިޑަން ހޯއްދެވި ކާމިޔާބީއާ ދެކޮޅަށް މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ. ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަކަށް ފަހު ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރަކު ވަނީ ވޯޓު ކަށަވަރު ކުރުމުގައި އެ މީހުން ތަބާވާނީ އޮންނަ އުސޫލަށް ކަމަށް ބުނެފަ އެވެ.
ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން، 46 ވަނަ ރައީސްގެ ގޮތުގައި ޖެނުއަރީ 20 ގައި މަގާމާ ހަވާލުވެވަޑައިގަންނަވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެކަމަކު ޓްރަމްޕް އަދިވެސް ގެންދަވަނީ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމަނިކުފާން ކަމަށް ވިދާޅުވަމުންނެވެ. އެންމެ ފަހުން އިއްޔެ ވެސް ވިދާޅުވެފައި ވަނީ ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބުން މޮޅުވީ އެމަނިކުފާން ކަމަށެވެ. އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.
އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ.
ޓްރަމްޕުގެ ޕްރެސް ސެކްރެޓަރީ ކޭލެއި މެކްއެނާނީ ވަނީ މީޑިއާ އާއި ޑިމޮކްރެޓިކުންނަކީ ވަރަށް ދެފުށްދެގޮތް ބައެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"ދެހާސް ސޯޅަ ވަނަ އަހަރު ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެކަން ގަބޫލް ނުކުރަން ވަރަށް ގިނަ މީހުން މަސައްކަތް ކުރި. އޭރަކު ނެތް ގައުމީ އެއްބައިވަންތަކަމަށް ގޮވާލި މީހުންނެއް،" އެކަމަނާ ވިދާޅުވި އެވެ.
ޓްރަމްޕް މިހާރު ގެންދަވަނީ ޕެންސިލްވޭނިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުނަންނަށް ވެސް ވައިޓް ހައުސް އަށް ދައުވަތު ދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޑިމޮކްރެޓިކުން ތުހުމަތުކޮށްފައިވާ ގޮތުގައި ޓްރަމްޕް ގެންދަވަނީ ވައިޓް ހައުސްގެ ނާޖާއިޒް ފައިދާ ނަންގަވައި، ނަތީޖާ އަނބުރާލުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ޕްރެޝަރު ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
22 November 2020
ވޯޓު މައްސަލައިގައި ކޯޓަށް ދިއުން ޔާމީނާ އެއްގޮތް. އެހެން ހުރިހާ ކަމެއް ނަޝީދާ އެއްގޮތް.
އެކްޓިވިސްޓް
21 November 2020
ހަމަ ޔާމީނެކޭ ތި ޓްރަމްޕެކޭ ނެތެއްނުން ތަފާތެއް، ހަމަ ޔާމީން ކުޅުނު ކުޅިގަނޑު އެކުޅެނީ، އަނެއްކާ ޔާމީންކާރީން ދަސްކޮށްގެން ހުރި ޔާމީންގެ އަޚެއްތަ އެއީ، އަނެއްކާ ޕީ ޕީ އެމް ސޮރެއްދޯ؟
ޙަބީބު
21 November 2020
މިހިރީހަމަ އަންނި ތަފާތެއްވެސްނެތް ބޯހަރު ގޮތްދޫނުކުރާ ކޯޓައް ވަންނަމުން ވެއްޓިގަނެ ބޮޑުމަންޒަރު ނަގަން އުޅުނީ
ލުތުފީ
21 November 2020
ކޯޓަށްގޮސްގެން ވޯޓް ބާޠިލް ކުރީ އަންނި ދޯ!
ނަހޫ
21 November 2020
ނުވާނެ ތިކަމެއް