ޕެންސިލްވޭނިއާގެ ކޮންވެންޝަން ސެންޓަރުގެ ބޭރުގައި ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުން އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ
22 ނޮވެމްބަރ 2020 - 13:05
ވޮޝިންޓަން (ނޮވެމްބަރު 22) - ޕޯސްޓުން ހުށަހެޅި އެތައް މިލިއަން ވޯޓެއް ބާތިލްކަމަށް ކަނޑައެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކޭމްޕުން ހުށަހެޅި މައްސަލަ ޕެންސިލްވޭނިއާގެ ފަނޑިޔާރަކު ބޭރުކޮށްލައިފި އެވެ.
ފަނޑިޔާރު މެތިއު ބްރޭންގެ ނިންމެވުމާ ގުޅިގެން ޕެންސިލްވޭނިއާގެ ވޯޓުން ކުރި ހޯއްދެވީ ބައިޑަން ކަމަށް ކަނޑައަޅަން މިހާރު ވަނީ ފުރުސަތު ބޮޑުވެފަ އެވެ. ފަނޑިޔާރުގެ ނިންމުމުގައި ވަނީ އެންމެ މީހެއްގެ ކިބައިން ވެސް ވޯޓުލުމުގެ ހައްގު ނުގުޅައި ނުގަނެވޭނެ ކަމަށެވެ. ޕެންސިލްވޭނިއާ އިން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ވަނީ 80،000 ވޯޓު ހޯއްދަވައިފަ އެވެ. އަނެއްކޮޅުން މިއީ ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތް ކުރައްވާ ޓްރަމްޕަށް ކުރިމަތިވެވަޑައިގަތް އިތުރު ގޮންޖެހުމެކެވެ. އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި ޓްރަމްޕް ގެންދަވަނީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވަމުންނެވެ.
އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ.
އިންތިޚާބުގެ ނަތީޖާތައް ބާތިލް ކުރުމަށް ޓްރަމްޕުގެ ކޭމްޕުން ހުށަހެޅި ގާނޫނީ މައްސަލަތަކަށް އަލި މަގެއް ނުފެނުމުން މިހާރު ގެންދަވަނީ ސްވިންގް ސްޓޭޓްތަކުގެ ނަތީޖާ ސެޓިފައި ކުރަން ހުރަސް އަޅަމުންނެވެ.
ޓްރަމްޕުގެ ކޭމްޕުން ބުނެފައި ވަނީ ފަނޑިޔާރުގެ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ.
ފަނޑިޔާރުގެ ނިންމުމާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ އިސް މެންބަރުން މިހާރު ގެންދަވަނީ ޓްރަމްޕް ބަލި ގަބޫލް ކުރައްވަން ގޮވާލަމުންނެވެ. ޕެންސިލްވޭނިއާ ސެނެޓަރު ޕެޓް ޓޫމޭ ވަނީ އެ ސްޓޭޓުގައި ގާނޫނީ ގޮތުން ޓްރަމްޕަށް ހުރި ހުރިހާ ދޮރުތަކެއް ބަންދުވުމާ އެކު ބަލި ގަބޫލް ކުރައްވަން ގޮވާލައްވައިފަ އެވެ.
ޖޯޖިއާގެ ވޯޓު އަލުން ގުނާފައި ވަނިކޮށް، ޓްރަމްޕުގެ ކޭމްޕުން ހޮނިހިރު ދުވަހު ވަނީ އަނެއްކާވެސް އެ ސްޓޭޓުގެ ވޯޓު ގުނުމަށް އެދިފަ އެވެ. ޖޯޖިއާ އިން ކުރި ހޯއްދެވީ ބައިޑަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy