ދަތިކުރުމުގެ ފިޔަވަޅުތައް އާ ނުކުރުމަށް އީރާނުން އެމެރިކާ އަށް އިންޒާރުކޮށްފި

ތެހެރާން (ނޮވެމްބަރު 24) - އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެމެެރިކާ އިން އާ ކޮށްފި ނަމަ ރައްދުގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވައިފި އެވެ.


"އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ އެއީ ޝައްކެއް ނެތް ގޮތުގައި އެއްބަސްވުމާ ޚިލާފު ކަމެއް. އަދި އެއަށް އީރާނުން ރައްދު ދޭނެކަން އެމެރިކާ އިން ދަންނަންވާނެ،" ގައުމީ ޓީވީން ދުރަށް ދެއްކި ތަގްރީރެއްގައި ޚާމަނާއީ ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާ ގާނޫނު 10 އަހަރަށް އިތުރު ކުރުމަށް ކޮންގްރެސް އިން މިދިޔަ ހަފުތާގައި ވަނީ ފާސް ކޮށްފަ އެވެ. ނަމަވެސް ބަރަކް އޮބާމާގެ ސަރުކާރުން ގެންދަވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅެއް ނޭޅުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެމެރިކާގެ ކުންފުނިތަކުން އީރާނާ އެކު ވިޔަފާރި ކުރުމަށް ވެސް އޮބާމާ ސަރުކާރުން ވަނީ ހިތްވަރު ދީފަ އެވެ.

ދުނިޔޭގެ ބާރުގަދަ ފަސް ގައުމާ އެކު އީރާނުން ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ. އަދި އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލިކަމުގެ ޔަގީންކަން ދީފަ އެވެ.