ގުދުސްއާ ކައިރީގައި އޮންނަ ނަތާފްގައި ފަލަސްތީނުގެ އަލިފާން ނިއްވާ ޓީމުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
27 ނޮވެމްބަރ 2016 - 13:28
ތެލް އަވީވް (ނޮވެމްބަރު 27) - އިޒްރޭލުގެ ޖަންގަލިތަކުގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުގައި 23 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން ލުބާ ސަމްރީ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ބައެއް ހިސާބުތަކުގައި އަލިފާން ރޯކޮށްފައި ވަނީ ގަސްދުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަލިފާން ރޯކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ކުރި ބަޔަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލުގައި ރޯވި އަލިފާން ނިއްވާލުމަށް އަލިފާން ނިއްވަން ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު އެމެރިކާގެ "ސުޕަޓޭންކަރު" ބޭނުން ކުރަނީ. --ފޮޓޯ:އޭއެފްޕީ
މިދިޔަ ހަފުތާ އިން ފެށިގެން އިޒްރޭލުގެ އެކި ހިސާބުތަކުގެ ޖަންގަލިތަކުގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލުމަށް އެކި ގައުމުތަކުގެ އަލިފާން ނިއްވާ ޓީމުތަކުން ވަނީ އެހީތެރިވެދީފަ އެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ އަލިފާން ނިއްވާ ޓީމުތައް ވެސް ހިމެނެ އެވެ. ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ގުޅުއްވާ، އަލިފާން ނިއްވާ ޓީމުތައް ފޮނުވައިދިނީތީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
އިޒްރޭލުގެ ހުށަހެޅުމަކާ ގުޅިގެން ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ވަނީ އަލިފާން ނިއްވާ 41 މީހުންނާއި އަށް ޓްރަކް ފޮނުވައިފަ އެވެ.
އިޒްރޭލުގައި ރޯވި އަލިފާން ނިއްވާލުމަށް ރަޝިޔާގެ އަލިފާން ނިއްވާ ބޯޓަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
އެންމެ ގަދައަށް އަލިފާން ރޯވި އިޒްރޭލުގެ ބަނދަރުމަތީގެ ސިޓީއެއް ކަމަށްވާ ހައިފާ އިން ރައްކާތެރިކަމުގެ ހިސާބުތަކަށް ގެންދިޔަ 60،000 މީހުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ހައިފާ އިން 700 އަށް ވުރެ ގިނަ ގެ ވަނީ އަނދައިފަ އެވެ.
އިޒްރޭލުގައި އަލިފާން ރޯވުމާ ގުޅިގެން ފަލަސްތީނުގެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެކި ގޮތް ގޮތަށް ޚިޔާލު ފާޅުކުރަން ފަށައިފަ އެވެ. ބައެއް މީހުން ޓްވިޓާގައި ބުނި ގޮތުގައި އެއީ ފަލަސްތީނުގެ މިސްކިތްތަކުގައި ބަންގީގެ އަޑު މަޑުކުރަން އުޅޭތީ އިޒްރޭލަށް ކުރިމަތިވި "ކޯފާއެއް" ކަމަށެވެ. އަނެއް ބަޔަކު ދަނީ އަލިފާން ރޯކުރީ ފަލަސްތީނުގެ ބައެއް ކަމަށް ބުނާތީ އެކަން ކުށްވެރި ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތަންޔާހޫ
27 November 2016
ފަލަސްތީނުގެ އެހީ އަލިފާން ނިއްވުމުގައި ލިބުމުންވެސް އެ ދެޤައުމު އެއްގަލަކަށް އަރާ ޞުލްޙަ ވާންވެއްޖެއްނު !