ކުއާލަ ލަމްޕޫރު (ނޮވެމްބަރު 28) - އިންޑިއާގެ އިލްމުވެެރިޔާ ޒާކިރު ނައިކް އަށް މެލޭޝިއާ އިން ރައްވެހިކަމާއި ހިމާޔަތް ދީފައިވާ ކަމަށް އާއްމުވި ރިޕޯޓްތައް އެ ގައުމުން ދޮގު ކޮށްފި އެވެ.
ހޯމް މިނިސްޓަރުގެ ނައިބް ނޫރު ޖަޒްލާން މުހައްމަދު ވިދާޅުވީ މެލޭޝިއާގެ ރައްޔިތަކަށް ވުމަކީ އެހާ ފަސޭހަ އިން ވާނެ ކަމެއް ނޫން ކަމަށާއި އެއީ އޮޓޮމެޓިކުން ވާ ކަމެއް ނޫން ކަމަށެވެ. މެލޭޝިއާގެ ރައްވެއްސަކަށް ވާނީ މެލޭޝިއާގެ ދެމަފިރިއަކަށް އުފަން މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ކަންކަން ފުރިހަމަ ވާން ޖެހޭ. އޭގެ ތެރޭގައި މެލޭޝިއާގައި ވަރަށް ދިގު މުއްދަތެއްގައި ދިރިއުޅެން ޖެހޭ. މީގެ އިތުރުން މެލޭޝިއާ އަކީ މެދު މިނުގެ އިސްލާމީ އުސްލޫތައް ހިފަހައްޓާ ގައުމަކަށް ވާތީ ޒާކިރު ނައިކް އަކީ އެހާ މުހިންމު ދީނީ ޝަޚުސިއްޔަތެއް ނޫން،" ސްޓާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނޫރް ވިދާޅުވި އެވެ.
އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީން ވަނީ ޒާކިރު ނައިކް ހިންގާ އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައިއާރުއެފް) ފަސް އަހަރަށް މަނާކޮށްފަ އެވެ. ޒާކިރު ނައިކް މިހާރު ދިރިއުޅުއްވަނީ އިންޑިއާ އިން ބޭރުގަ އެވެ.