ދުނިޔެ / އަފްޣާނިސްތާން

އަފްގާނުގެ އެއް މިލިއަން ކުޑަކުދިން ބަނޑަށް މަރުވެދާނެ: އދ

އަފްގާނިސްތާނުގެ ކުޑަކުދިންތަކެއް ޖިމްނާސްޓިކް ހޯލެއްގައި ކުޅިވަރު ކުޅޭއިރު، ތާލިބާންގެ ހަނގުރާމަވެރިން ހަތިޔާރާއެކު ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

15 ސެޕްޓެމްބަރ 2021 - 12:10

އަފްގާނިސްތާނަށް ކުރިމަތިވެފައިވާ ހައިހޫނުކަން ފިލުވައިދިނުމަށް މިހާރުން މިހާރަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްނުދެވިއްޖެ ނަމަ، އެ ގައުމުގެ މިލިއަނެއްހާ ކުޑަކުދިން މަރުވެދާނެ ކަމަށް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އިންޒާރު ކުރައްވައިފި އެވެ.

އަފްގާނިސްތާނަށް މައްސަލައާ ގުޅޭ ގޮތުން، އެހީދޭ ގައުމުތަކުގެ ހާރިޖީ ވަޒީރުން ބޭއްވި ބައްދަލުވުން ނިންމަވާލައްވަމުން، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް، މިދިޔަ ހޯމަ ދުވަހު ވިދާޅުވި ގޮތުގައި މިހާރުން މިހާރަށް އެހީގެ ސާމާނު ނުފޮނިވިއްޖެ ނަމަ، މި އަހަރުގެ ފިނިމޫސުން ފެށުމުގެ ކުރިން، އަފްގާނުގެ އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހޭނެ އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި މިދިޔަ އޮގަސްޓް 15 ގައި ތާލިބާނުން އަފްގާނިސްތާނު ހިފުމާ އެކު، އެ ގައުމުގެ ފަގީރުކަން ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ އެވެ. ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ދެވޭނެ ގޮތެއް ވެސް މިހާރަކު ނެތެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ތާލިބާނުންގެ ހަމަލާތައް ވަރުގަދަވާން ފެށުމުން، ގެދޮރުދޫކޮށް ދިޔުމުގެ ސަބަބުން އެތައް ލައްކަ ބަޔަކު ތިބީ ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފަ އެވެ.

"އެތައް އަހަރެއްގެ ހަނގުރާމައާއި، ވޭނާއި ނާމާންކަމަށް ފަހު، މިހާރު އެމީހުންނާ ކުރިމަތިވެފައި އެވަނީ އެމީހުންގެ ހަޔާތުގައި ވެސް ކުރިމަތިވާނެ އެންމެ ނުރައްކާތެރި ދަނޑިވަޅު. އަފްގާނުގެ ކޮންމެ ތިން މީހަކުން އެކަކު މިހާރު ތިބީ، އެމީހުންނަށް ދެން ކޮއްތެއް ލިބޭނީ ކޮން އިރަކުން ކޮން ތަނަކުންކަން ވެސް ނޭނގޭ ހާލަތުގައި،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް،

ވިހި އަހަރުގެ ހަނގުރާމަ އަށް ފަހު ވެރިކަމަށް އާދެވުނު އިރު، ތާލިބާނުންނާ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، އެ ގައުމުގެ އިގްތިސާދު ވީރާނާވެ، ރައްޔިތުން ބަނޑަށް ޖެހިފައި ތިބުމެވެ. މިދިޔަ އަހަރުތަކުގައި ކުރި ހަނގުރާމައިގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތައް އަފްގާނިސްތާނުގައި ގާއިމުނުވުމާއި، މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ދަނޑުވެރިކަން ހުއްޓިފައި އޮތުމާއި، ގައުމީ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ނެތުމުން، އަފްގާނިސްތާނުގެ ރައްޔިތުން މިހާރު ތިބީ ބިކަވެފަ އެވެ.

އޭގެ އިތުރުން އޮގަސްޓް 15، 2021 ގައި ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަނީ، އަފްގާނިސްތާނާ އެކުގައި ކުރަމުން އައި ހުރިހާ މުއާމަލާތެއް ހުއްޓާލައިފަ އެވެ. ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އަދި އެމެރިކާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް އެ ގައުމަށް ލިބެމުން އައި ބައިނަލްއަގުވާމީ އެހީތައް، އެ މުއައްސަސާތަކުން ވަނީ ހިފަހައްޓައިފަ އެވެ.

ބޭރުގެ މާލީ އެހީތެރިކަން ލިބުން ހުއްޓުމާ ގުޅިގެން، އަފްގާނިސްތާނުގެ ހުރިހާ ބޭންކެއް ހެން މިހާރު ހުރީ ބަންދުކޮށްފަ އެވެ. އަދި އާންމު ތަންތަނުގައި ހުރި އޭޓީއެމްތަކުން ވެސް މިހާރު ފައިސާއެއް ނުލިބެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ވަރަށް މަދު ބޭންކެއް ހުޅުވައިގެން މަސައްކަތް ކުރަމުން އަޔަސް، ހަފުތާއަކު މީހަކަށް ދޫކުރާ ފައިސާގެ އަދަދު ވަނީ 20،000 އަފްޣާނީ (232 ޑޮލަރު) އަށް ދަށްކޮށްފަ އެވެ. އަދި ކޮންމެ ދުވަހަކު ބޭންކުން ދޫކުރާނެ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

ތާލިބާނުން އެ ގައުމު ހިފުމާއެކު، އަވައްޓެރި ހުރިހާ ގައުމުތަކެއްގެ ބޯޑަރުތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންކަމުން ވެރިރަށް ކާބުލްއާ ދުރުގައި ހުރި ޕްރޮވިންސްތަކުގައި ދިރިއުޅޭ މީހުން އޭގެ ކުރިން އަވައްޓެރި ގައުމުތަކާ އެކުގައި، އެއްގަމު މަގުން ކުރަމުން އައި ވިޔަފާރިތައް ވެސް ހުއްޓި، ކާބޯތަކެއްޗާއި އެހެނިގެން ޒަރޫރީ ސާމާނު އެތެރެ ކުރެވޭނެ މަގު ވަނީ ބަންދުވެފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454