ބޯޓުގެ ބައިތައް ހޯދަން އެމްއެޗް370 ގެ އާއިލާތައް މަޑަކަސްކާ އަށް

ކުއާލަ ލަމްޕޫރު (ޑިސެމްބަރު 3) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ މަތިންދާ ބޯޓުގެ ބައިތައް ފެނޭތޯ އެ ބޯޓުން ދަތުރުކުރި ބައެއް މީހުންގެ އާއިލާތައް މަޑަކަސްކާ އަށް ހިނގައްޖެ އެވެ.


އެމްއެޗް370ގެ ބައިތައް ކަމަށް ބެލެވޭ ހުރިހާ އެއްޗެއް ވެސް ފެނިފައި ވަނީ އިރުމަތީ އެފްރިކާގެ ގައުމުތަކުންނެވެ. އިރުމަތީ އެފްރިކާ އިން މިހާތަނަށް ވަނީ މަތިންދާ ބޯޓުގެ ހަ އެތިގަނޑު ފެނިފަ އެވެ. މި ހުރިހާ ބައިތަކަކީ ވެސް ގެއްލިފައިވާ ބޯޓުގެ ބައިތައް ކަމަށް ވަނީ ބެލެވިފަ އެވެ.

ކުއާލަ ލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރު ކުރަނިކޮށް 239 މީހުންނާ އެކު އެމްއެޗް370 ގެއްލުނީ މާޗް 2014 ގަ އެވެ. ތަޖްރިބާކާރުން ލަފާ ކުރަނީ އެ ބޯޓު އިންޑިއާ ކަނޑުގެ ދެކުނުގެ ހިސާބަކަށް ވެއްޓިފައިވާނެ ކަމަށެވެ.

މިހާތަނަށް ފެނުނު މަތިންދާ ބޯޓުގެ ހުރިހާ ބައެއް ވެސް ފެނިފައި ވަނީ އިރުމަތީ އެފްރިކާގެ ގައުމުތަކުން.

ބޯޓުން ދަތުރު ކުރި މީހެއްގެ ދަރިއެއް ކަމަށްވާ ގްރޭސް ސުބާތިރައި ނަތަން ބުނީ އަމިއްލަ އަށް ޚަރަދުކޮށްގެން ހަ މީހަކު މަޑަގަސްކާ އަށް ގޮސް ބޯޓުގެ ބައިތައް ހޯދުމުގެ މަސައްކަތް ފުޅާކުރާނެ ކަމަށެވެ. އަދި ބޯޓުގެ ބައިތައް ހޯދުމުގައި އަމަލީ ގޮތުން އެ މީހުން ބައިވެރިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މަޑަގަސްކާ އަށް ދިޔަ ޓީމުގައި ހިމެނެނީ މެލޭޝިއާގެ ތިން މީހުންނާއި ޗައިނާގެ ދެ މީހަކާއި ފްރާންސް މީހެކެވެ.

ބޯޓުން ދަތުރުކުރި ބައެއް މީހުންގެ އާއިލާތަކުން ބުނެފައި ވަނީ ބޯޓުގެ ބައިތައް ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށާއި އަދި ފެނިފައިވާ ހެކިތައް ވެސް އެކަށީގެންވާ ގޮތެއްގައި ދިރާސާ ކުރަމުން ނުދާ ކަމަށެވެ.

އެމްއެޗް370 ހޯދުމުގެ މަސައްކަތުގައި އިސްކަން ދީފައި ވަނީ އޮސްޓްރޭލިއާގެ ހުޅަނގުން ކަނޑުގެ ސަރަހައްދު ބެލުމަށެވެ. އެކަމަކު ކަނޑު އަޑިން ބޯޓުގެ އެއްވެސް ބައެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ. ބޯޓުގެ އެއްވެސް ބައެއް ނުފެނިއްޖެ ނަމަ އަންނަ އަހަރުގެ ކުރީކޮޅު ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލަން ވަނީ ނިންމައިފަ އެވެ.