އާޖެންޓީނާ އާއި ޕޮލެންޑްގެ ކެޕްޓަން، މެސީ (ކ) އަދި ލެވަންޑޯސްކީ (ވ).-- ފޮޓޯ: އޭއެފްޕީ
30 ނޮވެމްބަރ 2022 - 12:15
ދޯހާ (ނޮވެމްބަރު 30) - ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދަން އާޖެންޓީނާ އާއި ޕޮލެންޑް ނަތީޖާ ނެރެން މަޖުބޫރު މެޗަކަށް ނުކުންނައިރު ދެ ގައުމުގެ އުއްމީދުތައް ވެސް ގުޅިފައި ފޯވާޑުންނާ އެވެ. އާޖެންޓީނާގެ އުއްމީދުތައް ލިއޮނެލް މެސީއާ ގުޅިފައިވާއިރު ޕޮލެންޑުގެ ހިތްވަރަކީ ރޮބާޓް ލެވަންޑޯސްކީ އާ އެވެ.
ކްލަބް ފުޓުބޯޅައިގައި ވިދުން ގަދަ ދެ ތަރިން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުރިމަތިލާން ޖެހިފައި ވާއިރު، ގުރޫޕް ސީ ގައި އަދި މެޗަކުން ބަލިނުވެ އެއްވަނައިގައި އޮތީ ޕޮލެންޑެވެ. ޕޮލެންޑް އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އާޖެންޓީނާ އަށް އުނދަގޫ ފެށުމަކާ ކުރިމަތިލާން ޖެހުނަސް ދެ ވަނަ މެޗު ކާމިޔާބުކޮށްގެން ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ.
މިި ގުރޫޕްގެ ތިން ވަނައިގައި އޮތް ސައުދީ އަރަބިއްޔާ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އާޖެންޓީނާ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެންމެ ޕޮއިންޓަކާ އެކު ފުލުގައި އޮތް މެކްސިކޯ އަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު މުޅިއަކުން ނުގެއްލެ އެވެ.
ޕޮލެންޑް އެންމެ ފަހުން ވޯލްޑް ކަޕް ގެ ނޮކައުޓް ބުރަށް ދަތުރު ކުރީ 1986 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމު ވޯލްޑް ކަޕް ގައި ކުޅުނު ތިން ފަހަރު ވެސް ގުރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނެވެ.
ދެ ޓީމުގެ ކުރިމަތިލުމެއް ނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވަނީ މި ދެ ކުޅުންތެރިންނަށެވެ. މެސީ އާއި ލެވަންޑޯސްކީ އަށެވެ. އެހެން ނަމަވެސް ޕޮލެންޑްގެ ކޯޗު ޗެސްލޯ މިޗްނެވިޗް ވަނީ މިރޭގެ މެޗަކީ މެސީ އާއި ލެވަންޑޯސްކީ އެކަނި ކުޅޭ މެޗެއް ނޫން ކަން މީޑިއާ އަށް ހަނދާން ކޮށްދީފަ އެވެ.
"މި ކުޅެނީ މެސީ އާއި ލެވަންޑޯސްކީގެ މެޗެއް ނޫން. މިއީ ޓެނިހެއް ނޫން، ވަން އޮން ވަން މެޗެއް ނޫން މިއީ. އެކަކު އަނެކަކަށް ބޯޅަ ސާވް ކޮށްގެނެއް ނޫން ކުޅޭނީ،" ޕޮލެންޑްގެ ކޯޗު ބުންޏެވެ.
"ރޮބާޓް (ލެވަންޑޯސްކީ) އޭނާގެ ޓީމްމޭޓުން ބޭނުންވޭ، ލިއޯ (މެސީ) އެކޭ އެއްފަދައިން. ދެ ކުޅުންތެރިންވެސް ބަރޯސާ ވަނީ ޓީމް މޭޓުންނަށް. އިންޑިވިޖުއަލީ ދެ ކުޅުންތެރިންނަށް ގިނަ ކަންކަމެއް ކުރެވުނަސް، އެމީހުންނަށް އެކަނި މިކަމެއް ނުވާނެ."
ލެވަންޑޯސްކީ، ސައުދީ ކޮޅަށް ލަނޑު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ
މީގެ އިތުރުން މެސީ ހުއްޓުވާނެ ގޮތަކާމެދު ވާހަކަ ދައްކަމުން ޕޮލެންޑްގެ ކޯޗު ވަނީ މެސީ އާއި އިޓަލީގެ ކުރީގެ މަޝްހޫރު ސްކީ ކުރުންތެރިޔާ އަލްބާޓޯ ޓޮމްބާއާ އެއްފަދަ ކޮށްފަ އެވެ. ޓޮމްބާ އަކީ ތިން ފަހަރު އޮލިމްޕިކްސް ރަން މެޑަލް ކާމިޔާބު ކޮށްފައިވާ އެތުލީޓެކެވެ.
"މެސީ ދަނޑުމަތީގައި އުޅެނީ އަލްބާޓޯ ޓޮމްބާ އުޅޭ ގޮތަށް. އަލްބާޓޯ ޓޮމްބާ ބޭނުންހާ ގޮތަކަށް އެނބުރިފައި އުޅޭހެން މެސީ އަކީ ވެސް ހުރިހާ ކުޅުންތެރިން ނައްޓާފައި އުޅެވޭ. އެހެންވެ މެސީ ވަށައިގެން ކުޅުންތެރިން ބައިތިއްބަން ޖެހޭ. އެންމެން ތެރެއިން އޭނާ އަށް ދެމިގަނެވިއްޖެ ނަމަ އަހަރެމެންނަށް އޭނާ ނުހުއްޓުވޭނެ،" މެސީ ހުއްޓުވާނެ ގޮތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕޮލެންޑްގެ ކޯޗު ބުންޏެވެ.
މެސީ އެކޭ އެއްގޮތަށް، 34 އަހަރުގެ ލެވަންޑޯސްކީ އަކީ އޭނާ ނިސްބަތްވާ ގައުމުގެ ވެސް ޓޮޕް ސްކޯރާ އެވެ. އަދި މިއީ އޭނާ ކުޅޭ ފަހު ވޯލްޑް ކަޕް މުބާރާތަށް ވެސް ވެދާނެ އެވެ. ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅެމުން ވޯލްޑް ކަޕް ގައި ފުރަތަމަ ގޯލު ޖެހުމުގެ ކުރިން، އެންމެ ފުރަތަމަ ގުރޫޕް ސްޓޭޖް މެޗުގައި ލެވަންޑޯސްކީ ވަނީ މެކްސިކޯއާ ދެކޮޅަށް ޕެނަލްޓީއެއް ނާކާމިޔާބު ކޮށްލައިފަ އެވެ.
މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރުމަށް ފަހު މެސީ. -- ފޮޓޯ: އޭއެފްޕީ
އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނީ، ލެވަންޑޯސްކީ އަކީ އެންމެ މަތީ ލެވެލްގެ ކުޅުންތެރިއެއް ކަމަށާއި، ގާތުން އޭނާގެ ކުޅުން ދެކިލުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ. އަދި މެސީ އާއި ލެވަންޑޯސްކީ އަޅާކިޔުމަކުން ފައިދާއެއް ނުކުރާނެ ކަމަށް ވެސް ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާ ވޯލްޑް ކަޕާ ކުރިމަތިލީ 36 މެޗުން ބަލި ނުވުމުގެ ރެކޯޑަކާ އެކު އެވެ. ނަމަވެސް އެ ރެކޯޑް ދިޔައީ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވެގެންނެވެ. ނަމަވެސް ސްކަލޯނީ ބުނީ ވެދިޔަ ކަންތައް ނިމުނީ ކަމަށާއި، މިހާރު ހުރިހާ ފޯކަސް އެއް ވެސް އޮތީ ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ގަދަ 16 އިން ޖާގަ ހޯދުން ކަމަށެވެ.
"އަހަރެމެންނަށް އެންމެ މުހިއްމީ ކުރިއަށް ކުޅެން އޮތް މެޗު، ކުރިން ވެދިޔަ ކަންތަކާ މެދު މިހާރު ވާހަކަދެއްކުން މުހިއްމެއް ނޫން،" ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ބުނީ، އާޖެންޓީނާގެ އެންމެ މަތީ ލެވެލް ގައި އަދި ނުކުޅެވުނު ނަމަވެސް ޓީމުން އެ ލެވެލްގައި ޕާފޯމް ކުރަން މަސައްކަތް ކުރާ ކަމަށެވެ. އަަދި ލެވަންޑޯސްކީ ހުއްޓުވުމަށް، ޕޮލެންޑްގެ ކައުންޓާ އެޓޭކްތައް ހުއްޓުވުން މުހިއްމު ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
އާޖެންޓީނާ އާއި ޕޮލެންޑް ބައްދަލުކުރާ ގުރޫޕްގެ ފަހު މެޗް އޮންނާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރެވެ. މެކްސިކޯ އާއި ސައުދީ އަރަބިއްޔާ ކުޅޭ މެޗު ވެސް ފަށާނީ ހަމަ އެ ވަގުތު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީބަލިވީއޯލްރެޑީ
30 November 2022
މިރެއަކީ މުހިއްމު މެޗެއްގެ ނަތީޖާ ފެންނާނެ ރެއެއް. ރޮނާލްޑޯ މެސީއަށްވުރެ ކުރިއަރައި ދާނެ ރެއެއް. އާޖެންޓީނާ ބަލިވާނެ 3 (ތިނެއް) 1 (އެކެއް) ގެ ނަތީޖާއަކުން. ތިން ލަނޑު އެއް ލަނޑުން އާޖެންޓީނާ ބަލިވާނެ. އިން އިންގްލިޝް ތްރީ ޓު ވަން އިޒް ދަ ސްކޯރ. #ރަދީފްއޮފިޝަލް މެޗް ނިމެންދެން މަޑުން އިންނާނީ.
ރަދީފްއޮފިޝަލް
01 December 2022
ކޮބާ ބްރަދާ ކަލޭގެ ޕްރެޑިކްޝަން ފެއިލްވީ ދޯ!!! ހެހެހެހެހެހެހެހެ