އެތުލެޓިކޯގެ ކޯޗު ސިމިއޯނީ.-- ފޮޓޯ: އޭއެފްޕީ
13 ޑިސެމްބަރ 2016 - 13:41
ބާސެލޯނާ (ޑިސެމްބަރު 13) - މި ސީޒަނުގައި އެތުލެޓިކޯ މެޑްރިޑަށް ލީގުގައި ބައިވަރު މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި މިއީ އެ ޓީމުގެ ފެންވަރެއް ނޫން ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
ރޭ ރަށުން ބޭރުގައި އެތުލެޓިކޯ ވަނީ 3-0 އިން ވިޔަރެއާލް އަތުން ބަލިވެފަ އެވެ. ރޭގެ ބައްޔާ އެކު އެތުލެޓިކޯ ވަނީ ލީގުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 15 މެޗުން ލިބުނީ 25 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލާއި އެތުލެޓިކޯއާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
"ހަގީގަތް ގަބޫލުކުރަން އެބަޖެހޭ. މިއީ އެތުލެޓިކޯގެ ފެންވަރެއް ނޫން. ފުރަތަމަ އެބަޖެހޭ މި ޓީމުގައި ހުރި މައްސަލަތައް ހައްލުކުރަން. ދެން އޮތީ ބުރަކޮށް މަސައްކަތްކޮށްގެން ކުރިއަށް ދިއުން،" ސިމިއޯނީ ބުންޏެވެ.
ރޭގެ މެޗުގައި އެތުލެޓިކޯ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ކީޕަރު ޔަން އޮބްލަކް އާއި މިޑްފީލްޑަރު ޓިއާގޯ ބަދަލުކުރަން ޖެހުމެވެ.
ސްލޮވީނިއާ ގައުމީ ޓީމުގެ ކީޕަރު އޮބްލަކްގެ ކޮޑުހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހޭނެ ކަމަށް ބެލެވެ އެވެ.
"އޮބްލަކް އަކީ އަހަރެމެންގެ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިޔެއް. މި މެޗުންވި ބައްޔަށް ވުރެން އޭނާ އަށް ލިބުނު އަނިޔާގެ ގެއްލުން ޓީމަށް މާ ބޮޑު. އެއީ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު އޮބްލަކްގެ މުހިއްމުކަން ވަރަށް ބޮޑު،" ސިމިއޯނީ ބުންޏެވެ.
އެތުލެޓިކޯގެ ފޯވާޑް އެންޓޮއިން ގްރީޒްމާންގެ ފޯމު މި ސީޒަނުގައި ދަށްވުމަކީ އެ ޓީމަށް މި ސީޒަނުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. ގްރީޒްމަންގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި ތަފާތު ވާހަކަ ދެކެވޭއިރު، އެކަމުގެ ސަބަބުން އޭނާގެ ކުޅުމަށް އަސަރުކުރާ ކަމަށް ސިމިއޯނީ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy