ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ.-- ފޮޓޯ: އޭއެފްޕީ
07 ޖޫން 2016 - 09:37
ބާސެލޯނާ (ޖޫން 7) - ސްޕެއިނުގެ ނޫސްވެރިޔަކާ ދެކޮޅަށް އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކުރި އަބުރުގެ ދައުވާ އޭނާ ކާމިޔާބުކޮށްފި އެވެ.
ސްޕެއިނުގެ "ލަ ރޭޒޯން" ގެ ނޫސްވެރިޔާ އަލްފޮންސޯ އުސިއާއާ ދެކޮޅަށް މެސީ އަބުރުގެ ދައުވާކުރީ މަނާބޭސް ބޭނުންކުރޭތޯ ބެލުމަށް ކުރާ ޓެސްޓްތަކަށް މެސީ ނުފޫޒު ބޭނުންކޮށްގެން މަކަރުހަދާ ކަމަށް އޭނާ ލިޔެފައިވާތީ އެވެ. އޭނާ އެ ގޮތަށް ލިޔުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުން އާޖެންޓީނާ ބަލިވި މެޗު ކުޅުނުތާ ދެ ދުވަސް ފަހުންނެވެ.
މި މައްސަލަ ބާސެލޯނާގެ ކޯޓަކުން ބެލުމަށް ފަހު ނިންމީ "ލަ ރޭޒޯން"ގެ ޑިރެކްޓަރު ފްރާންސިސްކޯ މަހުންޑާ އާއި ނޫސްވެރިޔާ އަލްފޮންސޯ، މެސީގެ އަބުރަށް އަރައިގަނެފައިވާ ކަމަށާއި އެ ކަމުގެ ބަދަލެއްގެ ގޮތުގައި 64,590.79 ޔޫރޯ މެސީ އަށް ދިނުމަށެވެ. އަދި މުސްތަގުބަލުގައި އެ ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ "ލަ ރެޒޯން" އާ މެދު ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދިނެވެ.
މެސީ ވަނީ މި މައްސަލައިގައި ލިބުނު ފައިސާ "ޑޮކްޓާސް ވިތައުޓް ބޯޑާސް" އަށް ހައިރާތުކޮށްފަ އެވެ. އެއީ ގުދުރަތީ އަދި އެ ނޫން ވެސް ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތެކެވެ.
ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށް ބުނެ ސްޕެއިނުގެ ސަރުކާރުން މެސީ އާއި އޭނާ ބައްޕަ ހޮރާސިއޯގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލާފައިވާއިރު މި ހަފްތާގައި ހުކުމް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy