ބާސެލޯނާގެ ތުރާން (ކ) އާއޮ އަލްސެސާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
22 ޑިސެމްބަރ 2016 - 09:45
ބާސެލޯނާ (ޑިސެމްބަރު 22) – އާޑާ ތުރާންގެ ހެޓްރިކާ އެކު ތިން ވަނަ ޑިވިޝަނުގެ ހާކިއުލަސް އަތުން 7-0 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުން ޗެމްޕިއަން ބާސެލޯނާ ޖާގަ ހޯދައިފި އެވެ.
އަނެއް ބުރުގައި ބާސެލޯނާ ބައްދަލުކުރާނީ ގްރާނާޑާ 2-0 އިން ބަލިކޮށް ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދި އޮސަސޫނާއާ ދެކޮޅަށެވެ.
ބާސެލޯނާ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދީ ދެ ލެގުގެ އެގްރިގޭޓުން 8-1 އިން ކުރި ހޯދައިގެންނެވެ. ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒާއި ނޭމާ އާއި އަންދްރޭ އިނިއެސްޓާ ފަދަ މުހިއްމު ގިނަ ކުޅުންތެރިން ނުލާ ބާސެލޯނާ އިން ކުޅުނު މެޗުގައި ތުރާން ހެޓްރިކް ހެދިއިރު އަނެއް ހަތަރު ގޯލް ޖެހީ ލޫކަސް ޑީނޭ އާއި ރަފީނިއާ އާއި ޕަކޯ އަލްސޭސާ އަދި އިވާން ރަކިޓިޗެވެ.
އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާއާ ގުޅި މިހާތަނަށް ވެސް މާގިނަ ފުރުސަތުތަކެއް ލިބިފައިނުވާ ތުރާން ވަނީ ޗެމްޕިއަންސް ލީގުގައި ދާދި ފަހުން ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް ކޮޅަށް ވެސް ހެޓްރިކެއް ހަދައިފި އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ފަހު ސެވިއްޔާ އާއި އެއިބާ އާއި ވެލެންސިއާ އަދި ޑިޕޯޓިވޯ ލަ ކޮރޫނާ ވަނީ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދައިފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy