ބާސެލޯނާ (ޑިސެމްބަރު 31) - ޗައިނާ ކްލަބްތަކުން ފައިސާ އޮއްސިޔަސް ބާސެލޯނާގެ ކުޅުންތެރިޔަކު އެ ގައުމަށް ނުދާނެ ކަަމަށް ބާސެލޯނާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ ބުނެފި އެވެ.
ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޗައިނީސް ސުޕަ ލީގުގެ ކްލަބްތަކަށް ބަދަލުވަމުން އަންނައިރު، އެހެން ކުޅުންތެރިންނަށް ބޮޑު ހުށަހެޅުންތައް އަންނަނީ ލިބެމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ ހިމެނެ އެވެ.
އިނިއެސްޓާ ބުނީ ބާސެލޯނާ ފެންވަރުގެ ޓީމެއް ދޫކޮށްފައި ކުޅުންތެރިޔަކު ޗައިނާ އަށް ދާންވީ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
"ޗައިނާ އިން ބޮޑު ހުށަހެޅުމެއް ލިބުނަސް ބާސެލޯނާ ކުޅުންތެރިޔަކު ކްލަބް ދޫކޮށްލާނެ ކަމަށް ނުދެކެން. މި ޓީމު ދޫކޮށްލާ ކުޅުންތެރިންނަށް ޔޫރަޕްގެ ބޮޑެތި މަޝްހޫރު ކްލަބްތަކުން ފާރަލާނެ،" އިނިއެސްޓާ ބުންޏެވެ.
"ފައިސާ އަކީ ފުޓްބޯޅައިގެ އެއްބައި. އެކަމަކު އެއީ ހުރިހާ އެއްޗެއް ނޫން. ކުޅުންތެރިންގެ މުސްތަގުބަލަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް މި ވަގުތު އޮތީ ޔޫރަޕްގައި. އެކަން ބަދަލުވާނެ ހެނެއް ހިޔެއް ނުވޭ."
އިިނިއެސްޓާ އަށް ޗައިނާގެ ޝަންހާއި ޝެންހުއާ އިން 87 މިލިއަން ޕައުންޑް ހުށަހަޅާފައިވާ ކަމަށް ޗައިނާގެ މީިޑިއާ އިން ވަނީ ރިޕޯޓް ކޮށްފަ އެވެ. އެހެން ނަމަވެސް އިނިއެސްޓާ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"އަހަންނަށް ޗައިނާގެ ކްލަބަކުން ހުށަހެޅުމެއް ނުލިބޭ. ހުށަހެޅުމެއް އަޔަސް އަހަރެންގެ ވިސްނުމެއް ނެތް ބާސެލޯނާ ދޫކޮށްދިއުމަށް،" ސްޕެއިން ގައުމީ ޓީމަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިނިއެސްޓާ ބުންޏެވެ.
ޔޫރަޕްގެ ފުޓްބޯޅައިގައި ބައެއް ކޯޗުން ބުނަނީ ޗައިނާ އިން ބޮޑު އަގުގައި ކުޅުންތެރިން ގެންދިޔުމަކީ ޔޫރަޕްގެ ކްލަބްތަކަށް އޮތް ބިރެއް ކަމަށެވެ. އޭގެ ތެރޭގައި ޕީއެސްޖީގެ ކޯޗު އުނައި އެމެރީ އާއި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަދި ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ހިމެނެ އެވެ.