ބާސެލޯނާގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު ރަކިޓިޗް.-- ފޮޓޯ: އޭއެފްޕީ
09 ޖެނުއަރީ 2017 - 19:36
ބާސެލޯނާ (ޖެނުއަރީ 9) - ބާސެލޯނާ އަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް މެންޗެސްޓާ ސިޓީ އަށް ބަދަލުނުވާނެ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ލީގުގައި ރޭ ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ބާސެލޯނާ ސްކޮޑުން ރަކިޓިޗް ވަނީ ބާކީ ކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ ސިޓީން އަންނަނީ ރަކިޓިޗަށް ފާރަލަމުންނެވެ.
"މީޑިއާގައި ދައްކަނީ ހަގީގަތާ ހިލާފު ވާހަކަ. ރަކިޓިޗް ބާސެލޯނާ ދޫކޮށް ސިޓީ އަށް ބަދަލެއް ނުވާނެ. ކްރޮއޭޝިއާ އާއި ސްޕެއިނުގެ މީޑިއާ ތަކުން ވަނީ ހަގީގަތް އޮޅުވާލާފައި،" އެންރީކޭ ބުންޏެވެ.
އޭނާ ބުނީ ކޮންމެ މެޗަކަށް ޓީމަށް ސްކޮޑު ނެގުމުގެ ޒިންމާ ނަގަނީ ކޯޗު ކަމަށާއި ބާކީވާ ކޮންމެ ކުޅުންތެރިޔަކީ ކްލަބުން ބޭނުންނުވާ ކުޅުންތެރިޔަކަށް ނުވާ ކަމަށެވެ.
"މެޗަށް ބޭނުންވާ ސްކޮޑު ނަގަނީ ކޯޗު. އެއީ ކޯޗުގެ ޕްލޭނެއް އޮންނާތީ. ސްކޮޑުން ބާކީވާ ހުރިހާ ކުޅުންތެރިންނަކީ ކްލަބް ދޫކޮށްދާނެ ކުޅުންތެރިންނެއް ނޫން،" އެންރީކޭ ބުންޏެވެ.
ބާސެލޯނާ އިން އަންނަނީ އުމުރުން 28 އަހަރުގެ ރަކިޓިޗްއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް އޭނާއާ މަޝްވަރާ ކުރަމުންނެވެ. އެ ކްލަބުގެ ނައިބު ރައީސް ޖޯޑީ މެސްޓްރޭ ވިދާޅުވީ ކައިރި މުސްތަގުބަލެއްގެ ތެރޭގައި ރަކިޓިޗްއާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.
ކުރިން ބަސެލް އާއި ޝާލްކާ އަށް ކުޅުނު ރަކިޓިޗް 2014 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ ސެވިއްޔާ ދޫކޮށެވެ. ބާސެލޯނާ އަށް މިހާތަނަށް ކުޅެދިން 80 އަށް ވުރެ ގިނަ މެޗުން ރަކިޓިޗް ވަނީ 14 ލަނޑު ޖަހައިފަ އެވެ. އަދި އެ ޓީމާ އެކު އޭނާ ވަނީ އަށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޑް
09 January 2017
ބާސާއިން ބޭރުކުރަންވީ މަސަރާނޯ އަދި ބުސްކެޓް މިދެކުޅުންތެރިންގެ ކުޅުން ކުރިއާ އަޅާބަލާއިރު ވ ދައް. ހާއްސަކޮށް ބާސާގެ ޑިފެންސް އެބަޖެހޭ ވ ވަރުގަދަކުރަން މިހާރު ކޮންމެ މެޗެއްގަވެސް ކުރީކޮޅު ބާސާކޮޅައް އޮންނަނީ ގޯލްވަދެފަ މިކަން ނިމުމަކައް ގެނެސްގެން ނޫނީ ކުރިއަކައް ނުދެވޭނެ..