ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
10 ޖެނުއަރީ 2017 - 09:16
ބާސެލޯނާ (ޖެނުއަރީ 10) – ސްވިޒަލެންޑުގެ ވެރިރަށް ޒިއުރިކުގައި ރޭ ބޭއްވި ދަ ބެސްޓް ފީފާ އެވޯޑްސް ހަފުލާއަށް ސްޕެއިނުގެ ބާސެލޯނާގެ ކުޅުންތެރިން ހާޒިރުނުވީ ސްޕެނިޝް ކަޕުގައި މާދަމާރޭ މުހިއްމު މެޗެއް އޮތުމުން ކަމަށް އެ ކްލަބުން ބުނެފި އެވެ.
އެވޯޑްސްގައި ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ވާދަވެރި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދިއިރު ބާސެލޯނާގެ ލިއޮނަލް މެސީ ދިޔައީ ދެ ވަނަ އަށެވެ. ފިފްޕްރޯ ޑްރީމް ޓީމުގައި މެސީގެ އިތުރުން ބާސެލޯނާގެ ޖެރާޑް ޕީކޭ އާއި އަންދްރޭ އިނިއެސްޓާ އަދި ލުއިސް ސުއަރޭޒް ހިމެނެ އެވެ.
ފީފާ އިން އޮތީ އިއްޔެ މެންދުރުފަހު ޒިއުރިކަށް ގޮސް ރޭ ހަފުލާ ނިމުމުން އެނބުރި ބާސެލޯނާ އަށް ދެވޭނެ އިންތިޒާމް ބާސެލޯނާ ކުޅުންތެރިންނަށް ހަމަޖައްސައިދީފަ އެވެ. ބާސެލޯނާ އިން ޒިއުރިކަށް މަތިންދާބޯޓުގައި ދިއުމަށް ހޭދަވާނީ 1 ގަޑިއިރާއި 50 މިނެޓެވެ.
ބާސެލޯނާ އިން ބުނީ ކުޅުންތެރިން ހާޒިރުނުވީ ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގެ ދެ ވަނަ ލެގުގައި މާދަމާރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މުހިއްމު މެޗަށް ތައްޔާރުވުމަށްޓަކައި ކަމަށެވެ. ފުރަތަމަ ލެގުން 2-1 އިން ބާސެލޯނާ ބަލިވެފައިވާތީ އަމިއްލަ ދަނޑުގައި ކުޅޭ މި މެޗުގެ މުހިއްމުކަން ބާސެލޯނާ އަށް ވަރަށް ބޮޑެވެ.
ކުޅުންތެރިން ނުދިޔަ ނަމަވެސް ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫއާ އެކު ބާސެލޯނާގެ ހަތް މެމްބަރުންގެ ވަފުދެއް ހަފުލާގައި ބައިވެރިވި ކަމަށް ބާސެލޯނާ އިން ބުނެފައިވެ އެވެ.
ރޭ އެވޯޑް ހޯދުމަށް ފަހު ރޮނާލްޑޯ ބުނީ މެސީ އާއި ބާސެލޯނާގެ އެހެން ކުޅުންތެރިން އެވޯޑް ހަފުލާގައި ތިބި ނަމަ ވަރަށް އުފާވީސް ކަމަށާއި އެކަަމަކު މެޗެއް އޮތުމާ އެކު ބާސެލޯނާ ކުޅުންތެރިންނަށް ނާދެވުނު ސަބަބު ގަބޫލުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
11 January 2017
މަވެސް ތިއެވޯޑު ހަފުލާއަށް ނުދިޔައީ މެސީއަށް ބެސްޓްޕލޭޔާގެ އެވޯރޑު ނުދޭނެކަން އިނގޭތީ! ފީފާއެކޭ މިގައުމުގެ ކޯޓުތަކެކޭ އެއްގޮތް!
ދަގަނޑު މީހާ
10 January 2017
ބާސާ ކުޅުންތެރިން އުޅެނީ ކުޅެން... މަޓަ ބުރުވާކަށް ނޫން
ގޮޅާ މެސީ
10 January 2017
ހަޖަމު ނުވާނެތީ!
މެސީ
10 January 2017
ކަލޭގަ އަނގަ ހަޖަމު ނުވަނީ
ފީފާ
10 January 2017
ފީފާ ޑްރީމް ޓީމުގައި ބާސެލޯނާގެ ނޭމާ ހިމެނިގެން ދިޔަތަން ، ރޭގެ ހަފްލާ ފެށިގެން ނިމެންދެން ބަލަން އިން އިރުގައިވެސް އަޅުގަނޑަށް ނުފެނުނީ ކީއްވެބާ؟ އަޅުގަނޑަށް ފެނުނު ގޮތް ގޯހީބާ؟
ފުރޭތަ
10 January 2017
ޙަބަރުގެ ކޮންތާކު އޮތީ ނޭމާ ހިމެނުނު ވާހަކަ ޙަބަރު ކިޔާފަ ކޮމެންޓު ކުރާނަމަ
އަޖު
10 January 2017
ބިރުން