ބާސެލޯނާގެ ކޯޗު އެންރީކޭ (ކ) އެ ޓީމުގެ ބުސްކެޓްސް އަށް ބުނެދެނީ.--- ފޮޓޯ: އޭއެފްޕީ
19 ޖެނުއަރީ 2017 - 12:15
ބާސެލޯނާ (ޖެނުއަރީ 19) - ރެއާލް ސޮސިއެޑާޑަކީ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ގޮތް ނޭނގޭ ޓީމެއް ކަމަށް އެ ޓީމާ ދެކޮޅަށް ސްޕެނިޝް ކަޕުގައި މިރޭ ނުކުންނަ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ސޮސިއެޑާޑް ދަނޑުގައި އެންމެ ފަހުން ބާސެލޯނާ މޮޅުވެފައިވަނީ 2007 ވަނަ އަހަރު އެވެ. ސޮސެއިޑާޑް ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ބާސެލޯނާ ވަނީ ފަސް މެޗުން ބަލިވެފަ އެވެ. މި ސީޒަނުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
"އަހަރެމެންނާ ދެކޮޅަށް ނުކުންނައިރު ސޮސިއެޑާޑް އޮންނަނީ މުޅިން ތަފާތު ރޫހެއްގައި. ބާސެލޯނާއާ ދެކޮޅަށް ސޮސިއެޑާޑަކީ ގޮތް ނޭނގޭ ޓީމެއް. ހުރިހާ ގޮތަކުން ވެސް ތައްޔާރުވެގެން ނުކުންނަން ޖެހޭ މެޗެއް މިއީ،" އެންރީކޭ ބުންޏެވެ.
"އަހަރެންނަކީ މާޒީ އަށް ވިސްނާ ކޯޗެއް ނޫން. އަހަރެން އަބަދުވެސް ވިސްނާނީ ކުރިއަށް. ސޮސިއެޑާޑާ ދެކޮޅަށް ވެސް ވިސްނުމަކީ ކުރިން މެޗުތަކުގެ ނަތީޖާ އަށް ނުވިސްނުން."
ފަހަކަށް އައިސް ބާސެލޯނާގެ މެޗުތަކުން ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ފެންނަނީ މަދުންނެވެ. ރަކިޓިޗްގެ ބަދަލުގައި އެންރީކޭގެ ޓީމުން ފުރުސަތު ލިބެނީ ޕޯޗުގަލްގެ މިޑްފީލްޑަރު އަންދްރޭ ގޯމެސް އަށެވެ. ރަކިޓިޗް ހޯދުމަށް ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެންރިކޭ ބުނީ ރަކިޓިޗް ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށެެވެ.
"ރަކިޓިޗް އަކީ ބާސެލޯނާގެ މުހިއްމު ކުޅުންތެރިޔެއް. ބައެއް ފަހަރު އަންނާނެ ކުޅުންތެރިން ފޯމު ގެއްލޭ ދުވަސްތައް. އެއީ ފުޓްބޯޅައިގައި އާންމުކަމެއް ނޫން،"
މިރޭގެ މެޗަށް އިސްކަން ދިނުމުގެ ގޮތުން ބާސެލޯނާ އިން ވަނީ ލީގުގައި އެންމެ ފަހުން ލަސް ޕަލްމަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ޖެރާޑް ޕީކޭ އާއި އަންދްރެސް އިނިއެސްޓާ އަދި ނޭމާ ހިމެނެ އެވެ.
ސޮސިއެޑާޑާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:15 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy