ލިވަޕޫލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ.-- ފޮޓޯ: އޭއެފްޕީ
20 ޖެނުއަރީ 2017 - 07:53
ލަންޑަން (ޖެނުއަރީ 20) - ބާސެލޯނާ އަށް ތަފާތެއް ގެނެވެން ތިބީ މަދު ކުޅުންތެރިންތަކެއް ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ޓީމުން އެންމެ ބޮޑަށް ފާރަލަނީ ލިވަޕޫލްގެ ފިލިޕޭ ކޯޓީނިއޯ އަށް ކަމަށް ބާސެލޯނާ އާއި ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފި އެވެ.
މި ސީޒަނުގެ މިހާތަނަށް ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރުންގެ ތެރޭގައި ކޯޓީނިއޯ ހިމެނެ އެވެ. ލިވަޕޫލްގައި ކޯޓީނިއޯ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ބްރެޒިލް ގައުމީ ޓީމު ފަހަކަށް އައިސް ކުޅުނު ގިނަ މެޗުތަކުގެ ފުރަތަމަ އެގާރައިން އޭނާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ.
"ބާސެލޯނާގައި މިވަގުތު މަދީ އިނިއެސްޓާ ނެތްތަން ފޫބެއްދޭވަރުގެ މިޑްފީލްޑަރެއް. ދުރު މުސްތަގުބަލަށް ބަލާއިރު ކޯޓީނިއޯ އަށް އެކަން ވެދާނެ. ކޯޓީނިއޯ އަކީ ޔޫތު ލެވެލްގައި ބްރެޒިލްގައި ނޭމާއާ އެކު ކުޅެފައިހުރި ކުޅުންތެރިޔެއް. ކޯޓީނިއޯ ބާސެލޯނާއާ ގުޅިއްޖެނަމަ އެ ކްލަބަށް ކުރާނެ ފައިދާ ބޮޑު،" ރިވާލްޑޯ ބުންޏެވެ.
ރޮނާލްޑޯ 1999 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
ރިވާލްޑޯ ބުނީ ފަހަކަށް އައިސް ޔޫރަޕްގައި ބްރެޒިލް ކުޅުންތެރިންގެ ވިދުން ކުޑަވެފައިވުމަކީ ލިބުނު ހައިރާންކަމެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ބްރެޒިލްގެ ގައުމީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަކީ މުސްތަގުބަލުގައި ޔޫރަޕް ޑޮމިނޭޓްކުރާނެ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ.
"އެބަތިބި ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން. ކޯޓީނިއޯ، ގަބްރިއެލް ބާބޯސާ، ގަބްރިއެލް ޖީސަސް އަދި މާކުއީނިއޯސް ފަދަ ކުޅުންތެރިންގެ ޑިމާންޑް މިހާރު ވެސް ބޮޑު. މުސްތަގުބަލުގައި މި ކުޅުންތެރިން ތަފާތު ދައްކާނެ." 1999 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރި ރިވާލްޑޯ ބުންޏެވެ.
ދެކުނު އެމެރިކާގެ ގިނަ ކުޅުންތެރިންނެއް ފަހަކަށް އައިސް ވަނީ ޗައިނާގެ ކްލަބްތަކަށް ބޮޑު މުސާރަ އަށް ބަދަލުވެފަ އެވެ. ރިވާލްޑޯ ބުނީ މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މުސާރަ އަކީ ވެސް ކުޅުމުގެ މުހިއްމު ބައެއް. އެކަމަކު ހަމައެކަނި އެއަށް ބަލައިގެން ކްލަބް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ކެރިއަރަށް ވެސް ވިސްނަންޖެހޭ. މޮޅު ކުޅުންތެރިންގެ މުސްތަގުބަލު އޮތީ ޔޫރަޕްގައި. ޗައިނާ އަށް ޒުވާން އުމުރުގައި ބަދަލުވުމަކީ އަދި އެންމެ ރަނގަޅު ނިންމުމެއް ނޫން،" ރިވާލްޑޯ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބބސ
20 January 2017
ބާސާއައް ކޫޓީނިއޯ ބަދަލުވާން ޖެހެއެވެ.