އާސެނަލްގެ ޓްރޮސާޑް (ވ) އަތުން ބޯޅަ ހޯދަން ފުލަމްގެ ހެރިސަން ރީޑް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
13 މާޗް 2023 - 09:59
ފުލަމް އަތުން 3-0 އިން މޮޅުވެ އާސެނަލުން ޕްރިމިއާ ލީގުގެ އެއް ވަނައިގައި މަގާމް ވަރުގަދަކުރި މެޗުގައި، ތިން ގޯލް ޖަހަން މަގުފަހިކޮށްދިން ލެއަންދްރޯ ޓްރޮސާޑް އަށް ކޯޗު މިކޭލް އާޓެޓާ ތައުރީފުކޮށްފި އެވެ.
ތާވަލުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ހޮނިހިރު ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެ 61 ޕޮއިންޓް ހަމަކޮށް، އާސެނަލްއާ ދެ ޕޮއިންޓަށް ގާތްކުރި ނަމަވެސް، ރޭގެ މޮޅާ އެކު އާސެނަލް ވަނީ 66 ޕޮއިންޓް ހަމަކޮށް އެއް ވަނައިގައި އަނެއްކާ ވެސް ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.
ފުލަމްގެ ކްރޭވަން ކޮޓެޖުގައި ރޭ ކުޅުނު މެޗުގައި އާސެނަލުން ފުރަތަމަ ގޯލް ޖެހީ 21 ވަނަ މިނެޓުގައި ގެބްރިއަލް މަގަޅޭސް އެވެ. އެ ޓީމުގެ ދެ ވަނަ ގޯލް އޭގެ ފަސް މިނެޓު ފަހުން ކާމިޔާބުކުރީ ގެބްރިއަލް މާޓިނެލީ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ތިން ވަނަ ގޯލް ޖެހީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.
މި ތިން ގޯލް ޖަހަން މަގުފަހިކޮށްދިން ޓްރޮސާޑް އަކީ މި ޖެނުއަރީ މަހު ޕްރިމިއާ ލީގުގެ ބްރައިޓަން އިން އާސެނަލްއާ ގުޅުނު ބެލްޖިއަމްގެ އެޓޭކަރެކެވެ. ރޭގެ މެޗަކީ އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ އާސެނަލްއާ ގުޅުނު ފަހުން އެންމެ މޮޅަށް ކުޅުނު މެޗެވެ.
"އޭނާ ތިން އެސިސްޓްކުރި އަދި ދެ ގޯލް ޖެހުމާ ގާތަށް ދިޔަ. އަހަރެން ދެކޭ ގޮތުގައި އޭނާ ރޭ ކުޅުނީ އެންމެންނަށް ކަމުދާނެ ފަދަ ކުޅުމެއް،" އާޓެޓާ ބުންޏެވެ.
"ހަމައެކަނި އެއެއް ނޫން. މީގެ ތިން ދުވަސް ކުރިން އޭނާ އަށް އަނިޔާވި. އޭގެ ސަބަބުން ތިން ދުވަސް ނުވަތަ 10 ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ފުރުސަތު އޮތް. އެކަމަކު އޭނާ ބޭނުންވީ އަވަހަށް ކުޅެން ނުކުންނަން. ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުން ވެސް ވަރަށް ރަނގަޅަށް މަސައްކަތްކޮށްދިން އޭނާ ފިޓުކުރަން."
އާޓެޓާ ބުނީ ޓްރޮސާޑް މި މެޗަށް ވަރަށް މުހިއްމުވި ކަމަށާއި އޭނާގެ ސަބަބުން ޓީމުން ތަފާތު ފެނުނު ކަމަށެވެ.
"އޭނާގެ ފަރާތުން ފެނުނީ ވިސްނުންތޫނު ކުޅުމެއް. އޭނާ އަށް އެނގޭ އަހަރެމެން ބޭނުންވަނީ ކޮން ކަންތައްތަކެއްކަން. އެކަންކަން އޭނާ ފުރިހަމަކޮށްދިން،" އާޓެޓާ ބުންޏެވެ.
އާސެނަލް އާއި ސިޓީގެ ފަހަތުން ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ ރޭ ސައުތުހެމްޓަންއާ އަމިއްލަ ދަނޑުގައި 0-0 އިން އެއްވަރުވެފަ އެވެ. މި މެޗުގައި ޔުނައިޓެޑަށް މައްސަލަ ދިމާވީ 34 ވަނަ މިނެޓުގައި މިޑްފީލްޑަރު ކަސެމީރޯ އަށް ރަތްކާޑު ދެއްކުމުންނެވެ. ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ މިއީ، ތިން މެޗުން ހޯދި ދެ ވަނަ ރަތްކާޑެވެ.
މިދިޔަ ހަފުތާގައި ވާދަވެރި ލިވަޕޫލް އަތުން 7-0 އިން ބަލިވި ޔުނައިޓެޑް ތިން ވަނައިގައި އޮތީ 50 ޕޮއިންޓާ އެކު އެވެ. އެ ޓީމާ އެންމެ ގާތުގައި އޮތީ 48 ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެނީ
13 March 2023
ރިކޯޑެއް ޕުރިމިއަރ ލީގު ތާރީޙްގައި ފުރަތަމަ ހާފް އެސިސްޓް ހެޓްރިކް
ރަދީފްއޮފިޝަލް
13 March 2023
މަރުހަބާ ބްރޯސް.އިރާދަކުރެއްވިޔާ ކާމިޔާބީގެ އައްސޭރިއަށް ވާސިލްވެވޭނެ.އިންޝާﷲ.