ދުނިޔޭގެ ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޗެލްސީ ތަފާތު ބޮޑުކޮށްފި: "ސިއްރަކީ އެކުވެރިކަމުގެ ރޫހު"

ޗެލްސީގެ ކޮސްޓާ (ކ) އާއި މޮސެސް އަދި އެހެން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 23) – ޓީމާ މައްސަލަ ޖެހުނު ކަމަށް ވާހަކަ ދެކެވުނު ފޯވާޑް ޑިއޭގޯ ކޮސްޓާގެ ލަނޑާ އެކު ރޭ ހަލް ސިޓީ އަތުން 2-0 އިން މޮޅުވެ ޕްރިމިއާ ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ޗެލްސީން ނެގިއިރު މީގެން ސާބިތުވަނީ އެ ޓީމުގެ ތެރޭގައި އޮތް އެކުވެރިކަން ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޗައިނާ އިން އޮފާއެއް އައިސްފައިވާތީ ކްލަބާ އުފެދުނު ހިތްހަމަނުޖެހުމެއްގައި، ސްކޮޑުން ބާކީކުރުވުމުން އެންމެ ފަހުން ކުޅުނު މެޗުގައި ބައިވެރިނުވެވުނު ކޮސްޓާ އެނބުރި އައިސް ޖެހި ލަނޑަށް ފަހު އުފާފާޅުކުރިއިރު ވަނީ ނޫސްވެރިންނަށް އަމާޒުކޮށް ހިތްހަމަނުޖެހުން ފާޅުޅުކޮށްފަ އެވެ. އޭނާ ވަނީ "ހުއްޓާނުލާ ވާހަކަދައްކާ" ފަދަ އިޝާރާތެއް އިނގިލިތަކުން ކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެއީ އޭނާއާ ގުޅުވައިގެން މީޑިއާގައި ދެކެވުނު ވާހަކަތަކަށް ދިން ރައްދެކެވެ.

"އަހަރެން ނުދެކެން ތި މަންޒަރެއް އޭރު އަހަރެން އުޅުނީ އުފާފާޅުކުރުމުގައި. މީގައި މުހިއްމީ އޭނާ މޮޅަށް ކުޅުނުކަން. އަހަރެން އުއްމީދުކުރަނީ މި މެޗާ އެކު، އޭނާއާ ބެހޭގޮތުންނާއި އަހަންނާ އޭނާއާ ގުޅުވައިގެން އަދި ޗެލްސީއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް ނިމުމެއް އަންނާނެ ކަމަށް،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ މި މެޗުން ސާބިތުކޮށްދިނީ ޗެލްސީގެ ތެރޭގައި އޮތް އެކުވެރިކަމުގެ ވަރުގަދަ ރޫހު ކަމަށާއި އެ ޓީމު އެއް ވަނައިގައި އޮތުމުގެ އެންމެ ބޮޑު ސިއްރަކީ އެއީ ކަމަށެވެ.

"އަހަރެން ތަކުރާރުކުރަން، ކޮސްޓާ ހުރީ ވަރަށް އުފަލުން މި ކްލަބުގައި ކުޅެވޭތީ އަދި މި ކްލަބުގައި ހުރެވޭތީ. މިވަގުތު މުހިއްމީ މިވަގުތަށް ސަމާލުކަން ދިނުން، ކުރިއަށް އޮތްތަނުގައި ވާނެ ގޮތަކާ މެދު ވިސްނޭކަށް ނެތް،" ކޮންޓޭ ބުންޏެވެ.

ތާވަލުގެ އެއް ވަނައިގައި 55 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ދެ ވަނައިގައި އޮތީ އެ ޓީމަށް ވުރެ އަށް ޕޮއިންޓް މަދުން ހޯދައިގެން 47 ޕޮއިންޓާ އެކު އާސެނަލެވެ. އެ ޓީމު ދެ ވަނަ އަށް އެރީ ރޭ ބާންލީ އަތުން 2-1 އިން މޮޅުވެގެންނެވެ. މެންޗެސްޓާ ސިޓީއާ 2-2 އިން އެއްވަރުވެ، 46 ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާސް ތިން ވަނަ އަށް ވެއްޓިފައިވާއިރު ހަތަރު ވަނައިގައި 45 ޕޮއިންޓާ އެކު އޮތީ ސްވަންސީ ސިޓީ އަތުން 3-2 އިން ބަލިވި ލިވަޕޫލެވެ. ފަސް ވަނައިގައި 43 ޕޮއިންޓާ އެކު ސިޓީ އޮތްއިރު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އޮތީ 41 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ކޮސްޓާ ޗެލްސީ އަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. ވިކްޓަ މޮސެސް އަރިމަތިން ގޯލް ކުރި މައްޗަށް ހުރަސް ކުރި ބޯޅަ އޭރިއާ ތެރެއިން ކޮސްޓާ ޖެހުމުން ވަނީ ގޯލުގެ ކަނަށެވެ. ދެ ވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖެހީ އިނގިރޭސި ޑިފެންޑަރު ޓިމް ކޭހިލް އެވެ. ސެސް ފެބްރިގާސް ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ އޭނާ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.

ރޭގެ މެޗުގައި ކާހިލްއާ އެކު ބޯޅައަށް މަސައްްކަތްކުރަނިކޮށް ހަލްގެ ރިޔާން މޭސަންގެ ބޮލަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ބޮލުގެ ނާށިގަނޑަށް ވަނީ ގެއްލުން ވެފަ އެވެ.

ރޭ އަމިއްލަ ދަނޑުގައި ބާންލީ އަތުން އާސެނަލަށް މޮޅުވެވުނީ ކިރިޔާ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި އާސެނަލްގެ ޝޮރްދާން މުސްތާފީ ލީޑު ނަގައިދީފައިވަނިކޮށް 65 ވަނަ މިނެޓުގައި ގްރަނިޓް ޗަކާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އޭގެ ފަހުން 90 ވަނަ މިނެގައި ބާންލީން އެެއްވަރުކޮށްފައިވަނިކޮށް އާސެނަލް މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީއަކުން އެލެކްސިސް ސަންޗޭޒް ޖެހި ލަނޑުންނެވެ.

0 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454