އެއިބާގެ ގޯލަށް ބާސެލޯނާގެ މެސީ (ވ) ހަމަލައެއް ފޮނުވާލަނީ. --ފޮޓޯ: އޭއެފްޕީ
23 ޖެނުއަރީ 2017 - 09:07
ބާސެލޯނާ (ޖެނުއަރީ 23) - ސްޕެނިޝް ލީގުގައި ރޭ އެއިބާ އަތުން 4-0 އިން ބާސެލޯނާ ފަސޭހަ މޮޅެއް ހޯދައިފި އެވެ.
މި މޮޅާ އެކު ބާސެލޯނާ ލީގުގެ ތިން ވަނައިގައި އޮތީ 19 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް 19 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 18 މެޗުން 43 ޕޮއިންޓް ހަމަކޮށްގެންނެވެ.
ލަލީގާގައި މި ވަގުތު އޮތް އެންމެ ކުޑަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސެލޯނާ އަށް އެންމެ ބޮޑު މައްސަލަތަކެއް ދިމާވީ މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަށް އަނިޔާވެގެން އޭނާ ބަދަލުކުރަން ޖެހުމެވެ. ބުސްކެޓްސްގެ ކުޑަހުޅު ލިގަމެންޓް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މަދުވެގެން ތިން ހަފްތާ ކުޅުމާ ދުރަށްދާން ޖެހޭނެ ކަމަށް ބެލެވެ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޑެނިސް ސުއަރޭޒް އެވެ. މިއީ އޭނާ ބާސެލޯނާ އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ދެ ވަނަ ހާފްގައި ބާސެލޯނާގެ އަނެއް ތިން ލަނޑު ކާމިޔާބުކުރީ ލިއޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒް އެވެ. ސުއަރޭޒާއި މެސީގެ މި މެޗުގައި ޖެހި ލަނޑާ އެކު ދެ ކުޅުންތެރިން ވެސް ވަނީ މި ސީޒަނު ލީގުގައި 15 ލަނޑު ޖަހައިފަ އެވެ.
ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ ސީޒަނުގެ ފަހުކޮޅަށްދާއިރު ގާތްގާތުގައި މެޗުތަކުން މޮޅުވުމަކީ ޓީމަށް ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"މި ޓީމުގެ ފެންވަރުގައި ކުޅެފިނަމަ ކޮންމެ މެޗަކުން ވެސް މޮޅުވެވިދާނެ. އެކަމަކު އެއީ ވާދަވެރި ލީގެއްގައި ވުން ގާތްކަމެއް ނޫން. ސީޒަންގެ ފަހުކޮޅަށްދާއިރު ގިނަ މެޗުތަކުން ގާތްގާތުގައި މޮޅުވުމަކީ ކުޅުންތެރިންނަށް ކާމިޔާބު ހޯދަން ބަލާއިރު ލިބޭ އުފަލެއް،" އެންރީކޭ ބުންޏެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ސެވިއްޔާ ވަނީ 4-3 އިން އޮސަސޫނާ ބަލިކޮށްފަ އެވެ. އަދި އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy