މެންޗެސްޓާ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފަހު ޕާކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
21 ފެބުރުއަރީ 2017 - 09:20
ލަންޑަން (ފެބްރުއަރީ 21) - އޭޝިއާ ފުޓްބޯޅަ އަށް އެހީވުމަށްޓަކައި، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ދެކުނު ކޮރެއާގެ ޕާކް ޖީ ސަން އިންގްލެންޑްގައި ތައުލީމް ހާސިލްކުރަން ފަށައިފި އެވެ.
ހަތް އަހަރު ޔުނައިޓެޑަށް ކުޅުމަށް ފަހު އުމުރުން 35 ޕާކް ފުޓްބޯޅަ ކުޅުން ހުއްޓާލީ 2014 ވަނަ އަހަރު އެވެ. ނެދަލެންޑްސްގެ މަޝްހޫރު ކްލަބް ޕީއެސްވީ އެއިންދޯވަން އިން ޔޫރަޕް ފުޓްބޯޅަ އަށް ތައާރަފްވި ޕާކް ޔުނައިޓެޑާ ގުޅުނީ 2005 ވަނަ އަހަރު އެވެ.
ހަތް އަހަރު ޔުނައިޓެޑަށް ކުޅުމަށް ފަހު ޕާކް ދެން ބަދަލުވީ 2012 ވަނަ އަހަރު ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އަށެވެ. އޭނާ ކެރިއަރު ނިންމާލީ ޕީއެސްވީ އަށް ކުޅުމަށް ފަހު އެވެ.
ޕާކް މިހާރު އަންނަނީ އިންގްލެންޑުގެ ލެސްޓާގެ ޑެމޮންޓްފޯޓް ޔުނިވާސިޓީ އިން ފުޓްބޯލް މެނޭޖްމަންޓް އެންޑް ފައިނޭންސް ކިޔަވަމުންނެވެ. ދެން އޭނާ އިތުރު ތައުލީމް ހޯދުމަށް ދިއުމަށް ނިންމާފައިވަނީ އިޓަލީގެ މިލާނާއި ސްވިޒަލެންޑުގެ ޒިއުރިކަށެވެ. އެ ދެ ގައުމަށް އޭނާ ދިއުމަށް ނިންމާފައިވަނީ ސްޕޯޓްސް ޕޮލިޓިކްސް އެންޑް ސްޓްރެޓީޖިކް މެނޭޖްމަންޓް އިން ތައުލީމް ހޯދުމަށެވެ.
"އަހަރެންގެ ވިސްނުމެއް ނެތް ކޯޗިން އަށް ދާން. އެއީ ފުޓްބޯޅަ އަށް ހިދުމަތްކޮށްދެވޭނެ އެކި ގޮތްތަށް އެބަހުރި. ޕޮލިސީ ލެވެލްގައި ވެސް މަސައްކަތް ކުރެވިދާނެ. އަހަރެންގެ އަމާޒަކީ ތައުލީމް ހާސިލްކޮށް އޭޝިއާ ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކޮށްދިނުން،" ޔުނައިޓެޑްގެ އެމްބަސަޑަރެއްގެ ރޯލު އަދާކުރަމުން ކުރަމުން އަންނަ ޕާކް މަޝްހޫރު ކުޅިވަރު މީޑިއާ ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އޭނާ ބުނީ އޭޝިއާ ފުޓްބޯޅަ އަށް ވެސް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެނަމަ ދުނިޔޭގެ މަތީ ފެންވަރު މުބާރާތްތަކުގައި އޭޝިއާ އަށް ވެސް ބޮޑެތި ކާމިޔާބީތައް ހޯދޭނެ ކަމަށެވެ.
ދެކުނު ކޮރެއާ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެމީ ފައިނަލަށް ގެންދިއުމުގައި ޕާކްގެ ދައުރު ބޮޑެވެ. އޭނާ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް އެ ޓީމަށް 100 މެޗު ކުޅެދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy