ލަނޑު ޖެހުމަށް ފަހު ކަވާނީ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
27 ފެބުރުއަރީ 2017 - 07:49
މާސޭ، ފްރާންސް (ފެބްރުއަރީ 27) – އޮލިމްޕިކް މާސޭގެ ދަނޑުގައި އެ ޓީމު 5-1 އިން ބަލިކޮށް ފްރާންސް ލީގުގެ ދެ ވަނަ މަގާމަށް ޕީއެސްޖީ އަލުން އަރައިފި އެވެ.
ޗެމްޕިއަންސް ލީގުގައި ދާދި ފަހުން ސްޕެއިނުގެ ބާސެލޯނާ 4-0 އިން ބަލިކޮށް ރަނގަޅު ފޯމެއްގައި އޮތް ޕީއެސްޖީ ދެ ވަނަ އަށް އެރީ 59 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 62 ޕޮއިންޓާ އެކު އޮތީ މޮނާކޯ އެވެ. ތިން ވަނައިގައި 59 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ނީސް އެވެ. ހަތަރު ވަނަ ލިބެނީ 46 ޕޮއިންޓް ހޯދާފައިވާ އޮލިމްޕިކް ލިޔޯން އަށެވެ. މާސޭ އޮތީ 39 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މާކީނިއޯސް އާއި އެޑިސަން ކަވާނީގެ ލަނޑުގެ ޕީއެސްޖީން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު އެ ޓީމުގެ ލޫކަސް މޯރާ އާއި ހޫލިއަން ޑްރެޒްލާ އަނެއްކާ ވެސް ތަފާތު ބޮޑުކޮށްދިނެވެ. އޭގެ ފަހުން މާސޭގެ ހަމައެކަނި ލަނޑު 70 ވަނަ މިނެޓުގައި ޖެހީ ރޮޑް ފެނީ އެވެ. ޕީއެސްޖީގެ ފަސް ވަނަ ލަނޑު އޭގެ ދެ މިނެޓު ފަހުން ވައްދާލީ ބްލައިސް މަޓުއިޑީ އެވެ.
ޕީއެސްޖީގެ ކޯޗު އުނާއީ އެމެރީ ބުނީ މި މޮޅަކީ ކުޅުންތެރިންގެ އިތުބާރު ބޮޑުކުރަން މުހިއްމު މޮޅެއް ކަމަށާއި އެކަމަކު މުހިއްމީ އެއް ފެންވަރެއްގައި ހިފެހެއްޓުން ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެ އަދި އެއް މެޗުން މޮޅުވީ ފަހު ވަގުތު ކަމަށާއި އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އެމެރީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސް.އެޗް.އެން
28 February 2017
އުންމީދު ކުރަނީ ހަމަ ތިފޯމުގަ އޮވެ ދެވަނަ ލެގްގައި ބާސާއާ ދެކޮޅަށް ކުޅޭނެކަމަށް...