ދުނިޔޭގެ ކުޅިވަރު / އާސެނަލް

އާސެނަލް ގަދަކުރަނީ، ފުރަތަމަ ގެންނާނީ ޒުބިމެންޑީ!

11 މެއި 2025 - 08:43

ތަށްޓެއްގައި އަތްލެވޭ ގޮތް ނުވިޔަސް، މިކޭލް އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން މިދިޔަ ތިން ސީޒަނެއްގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ އާސެނަލްއާ ތަށްޓަކާ ދެމެދު އޮތް ހުރަސް، މޮޅު ދެ ތިން ކުޅުންތެރިއެއްގެ ސޮޔާ އެކު ނައްތާލެވިދާނެ ކަމަށެވެ. އާޓެޓާ ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ކްލަބުން ބޮޑު ހަރަދުތަކެއް ކުރާނެ ކަމަށް ބުނެ، ސަޕޯޓަރުންނަށް އުއްމީދު ދީފަ އެވެ.

އެގޮތުން އާ ސީޒަނަށް އެ ޓީމަށް ސޮއިކުރުވާނެ ފުރަތަމަ ކުޅުންތެރިޔާ މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއީ ރެއާލް ސޮސިއެޑާޑުގެ ސްޕެއިން މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އެވެ. މަޝްހޫރު ފުޓްބޯޅަ ރިޕޯޓަރު ފަބްރީޒިއޯ ރޮމާނޯ އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އާސެނަލާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ޒުބިމެންޑީ އެއްބަސްވެއްޖެ ކަމަށެވެ.

ސޮސިއެޑާޑާ އެކު ޒުބިމެންޑީ ހަދާފައިވާ ކޮންޓްރެކްޓުގެ މާއްދާއެއް ބުނާ ގޮތުން އެހެން ކްލަބަކުން 60 މިލިއަން ޔޫރޯ ހުށަހަޅައިފި ނަމަ އޭނާ ވިއްކާލަން ޖެހޭނެ އެވެ. އާސެނަލް އޮތީ އެ އަދަދު ދައްކަން ތައްޔާރަށެވެ. ބެލެވޭ ގޮތުގައި ސީޒަން ނިމުމާ އެކު، އާސެނަލުން އެކަންކަން ފުރިހަމަކޮށް ޒުބިމެންޑީއާ އެކު ސޮއިކުރާނެ އެވެ.

އުމުރުން 26 އަހަރުގެ ޒުބިމެންޑީ އަކީ، އާސެނަލުގެ މެދުތެރޭގެ މައި ތަނބަށް ވާނެ ބެލެވޭ ކުޅުންތެރިޔާ އެވެ. މިހާރު އެ ޓީމުގެ ސެންޓްރަލް/ ޑިފެންސިވް މިޑްފީލްޑަރުންގެ ގޮތުގައި ތިބި ޖޯޖީނިއޯ މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. ތޯމަސް ޕާޓޭގެ މުސްތަގުބަލާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އެހެންކަމުން ޒުބިމެންޑީ އަކީ އާޓެޓާ ކުރާ ދިގު މުއްދަތުގެ އިންވެސްޓްމަންޓެކެވެ.

ޒުބިމެންޑަކީ އޭނާ އަކީ ބޯޅަ ލިބިގަނެ، ކޮންޓްރޯލް ނަގައި، ހުސް ޖާގަތައް ދިނުމުގެ ހުނަރު ހުރި ކުޅުންތެރިއެކެވެ. އަދި ފަހަތުން ބޯޅަ ހޯދައި، އެޓޭކްތައް އުފެއްދުމުގެ ޓެކްނިކަލް ހުނަރު ވެސް އޭނާގެ ކިބައިން ފާހަގަކުރެވެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސްޕެއިނުގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ ޒަބީ އޮލޮންސޯ އާއި، ސާޖިއޯ ބުސްކެޓްސް ފަދަ ކުޅުންތެރިންގެ ކޮލިޓީސްތައް ޒުބިމެންޑީގެ ކުޅުމުން ފެނެ އެވެ. އެނަލިސްޓުން ދެކޭ ގޮތުގައި ޒުބިމެންޑީ ފަދަ ކުޅުންތެރިޔަކު އާސެނަލްގެ މެދުތެރެ ބަލަހައްޓަން ފެށުމުން ޑެކްލަން ރައިސް އާއި، މާޓިން އޮޑެގާޑަށް މިހާރަށް ވުރެ ބޮޑަށް އެޓޭކުގައި ބައިވެރިވާން ފުރުސަތު ލިބޭނެ އެވެ.

ސްޕެއިނާ އެކު މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޒުބިމެންޑީ އަކީ ފައިނަލް މެޗުގައި އެ ޓީމުގެ އެއް ވަނަ މިޑްފީލްޑަރު ރޮޑްރީ އަށް އަނިޔާވުމުން، އޭނާ ނެތްތަން ފޫބައްދަން އެރި ކުޅުންތެރިޔާ އެވެ. ކްލަބް ކެރިއަރަށް ބަލާއިރު އޭނާ ވަނީ 2019 އިން ފެށިގެން ސޮސިއެޑާޑުގެ ސީނިއާ ޓީމަށް 232 މެޗު ކުޅެދީފަ އެވެ. އެހެންކަމުން އޭނާ އަކީ މަތީ ފެންވަރުގެ ގިނަ މެޗުތަކެއް ތަޖުރިބާ ލިބިފައިވާ ކުޅުންތެރިޔެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454