24 މެއި 2025 - 09:02
އަންނަ މަހު އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުގައި ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ރޮނާލްޑޯ، 40، މިހާރު ކުޅެމުން އަންނަ ސައޫދީ އަރަބިޔާގެ އައް-ނަސްރު އެ މުބާރާތަށް ކޮލިފައިނުވެ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އިންފަންޓީނޯ އެ އިޝާރާތްކުރެއްވީ، މުބާރާތުގައި ވާދަކުރާ ކްލަބަކަށް ރޮނާލްޑޯ ލޯން އުސޫލުން ބަދަލުވުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ދިއުމަށެވެ.
އެކަމަކު އިންފަންޓީނޯގެ އެ ވާހަކަތަކާ މެދު ރޮނާލްޑޯގެ ފަރާތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ރޮނާލްޑޯ މި ދުވަސްވަރު އަންނަނީ އަސްރުގެ ކޮންޓްރެކްޓް އާކުރަން މަޝްވަރާކުރަމުންނެވެ.
މަޝްހޫރު ޔޫޓިއުބާ 'އައި-ޝޯ-ސްޕީޑް' ގެ ޗެނަލުގައި ވާހަކަދައްކަމުން އިންފަންޓީނޯ ވިދާޅުވީ "ކްލަބް ވޯލްޑް ކަޕުގެ ކޮންމެވެސް ޓީމަކަށް ރޮނާލްޑޯ ކުޅެފާނެ" ކަމަށެވެ.
"މަޝްވަރާތަކެއް އެބަ ކުރިއަށްދޭ،"
އިންފަންޓީނޯގެ ވާހަކަތަކުން ބޮޑަށް ދޭހަވީ، ކްލަބް ވޯލްޑް ކަޕުގައި ކުޅޭ ޓީމަކަށް ރޮނާލްޑޯ ގެންނަން ބޭނުންވަނީ ފީފާ އިން ކަމަށެވެ. އަދި ފީފާ އިން ބައެއް ކްލަބްތަކާ އެކަމުގެ މަޝްވަރާ ކުރިއަށްދާ ކަމަށް މާނަވާ ގޮތަކަށް ވެސް އޭނާ ވާހަކަދެއްކެވި އެވެ.
ވޯލްޑް ކަޕުގެ ފޯމެޓަށް ފީފާ އިން އަލަށް ބާއްވާ ކްލަބް ވޯލްޑް ކަޕް މަގުބޫލުކުރުމަށް ފީފާ އިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. މުބާރާތުގައި ޔޫރަޕުގެ ވަރުގަދަ ޓީމުތައް ކަމަށްވާ ރެއާލް މެޑްރިޑް، ބާސެލޯނާ، މެންޗެސްޓާ ސިޓީ، ޗެލްސީ، ބެޔާން މިއުނިކް، އަދި އިންޓަ މިލާން ވާދަކުރާނެ އެވެ. އަދި ލިއޮނަލް މެސީ ކުޅޭ އެމެރިކާގެ އިންޓަ މަޔާމީ ވެސް ވާދަކުރެ އެވެ.
އެކަމަކު ބައެއް މެޗުތަކުގެ ޓިކެޓު ވިކޭވަރު މަދުވުމުން ފީފާ އިން ދާދި ފަހުން ވަނީ ބައެއް ޓިކެޓު އަގުހެޔޮ ވެސް ކޮށްފަ އެވެ. ރޮނާލްޑޯ މުބާރާތުން ފެންނާނެ ގޮތް ހެދުމަކީ ވެސް އެކަމުގައި ފީފާ އިން ގެންގުޅޭ އުކުޅެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.
ޖޫން 14 އިން ޖުލައި 13 އަށް އޮންނަ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ފައިސާގެ ބޮޑު އިނާމުތަކެއް ލިބެ އެވެ. އެގޮތުން ޗެމްޕިއަން ޓީމަށް އެކަނި ވެސް 40 މިލިއަން ޑޮލަރު ފީފާ އިން ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy