ބުއެނޯޒް އެރީޒް، އާޖެންޓީނާ (މާޗް 29) - ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމުމުން އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބޯޒާ ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޗިލީ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ލަައިންސްމަނަކަށް މެސީ ހުތުރު ބަހުން މުހާތަބުކުރިކަން ސާބިތުވުމުން ފީފާއިން މެސީ ސަސްޕެންްޑް ކުރިކަން އިއުލާން ކުރީ ރޭ ވޯލްޑް ކަޕް ކޮލިފައިންގައި ބޮލިވިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު ފަށަން ފަސް ގަޑިއިރަށް ވެފައި ވަނިކޮށެވެ.
ރޭގެ މެޗުން ބޮލިވިއާ އަތުން އާޖެންޓީނާ ބަލިވީ 2-0 އިންނެވެ.
ބޯޒާ ބުނީ މެޗުގެ އެހާ ގާތުގައި އޮއްވައި ފީފާއިން އެކަން އިއުލާން ކުރުމަކީ ބަލައިގަންނަން އުނދަގޫކަމެއް ކަމަށެވެ.
"އަހަރެމެން ޓީމު ވެސް މެސީ އަރުވައިގެން ކުޅެން ރާވާފައި އޮއްވައި އޭނާ އަށް ސަސްޕެންޝަން މިއައީ މެޗު ފެށެން ކުޑަތަން ވެފައި ވަނިކޮށް. މިއީ ފީފާ އަށް އެއް ދުވަހުން ވެސް ކުރެވޭނެ ކަމެއް. ބުރާސްތި ދުވަހު ކުޅުނު މެޗެއްގައި ހިނގާދިޔަ ކަމެއް މި ނިމުނީ އަންގާރަ ދުވަހު. އެޕީލް ކޮށްލަން ފުރުސަތެއް ވެސް ނުލިބޭ ފަދަ ގޮތަކަށް،" ބޯޒާ ބުންޏެވެ.
ރޭގެ މެޗުން ބަލިވެ އާޖެންޓީނާ ވަނީ ކޮލިފައިން ތާވަލްގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ދެކުނު އެމެރިކާ ފަޅިން އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭނީ ގަދަ ހަތަރަކަށެވެ. ފަސް ވަަނަ އަށްދާ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.
ބޯޒާ ބުނީ މެސީގެ ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލްކުރާނެ ކަމަށެވެ.
"މެސީ ނެތުމަކީ ޓީމަށް ލިބޭނެ އުނިކަމެއް. އެކަމަށް ދެކޮޅު ހެދޭކަށެއް ނެތް. އަހަރެމެން މެސީގެ ސަސްޕެންޝަން އެޕީލްކުރާނަން،" ބޯޒާ ބުންޏެވެ.
މެސީގެ އެޕީލް ކާމިޔާބު ނުވެއްޖެނަމަ އޭނާ އަށް ދެން ކޮލިފައިންގައި އާޖެންޓީނާ ކުޅޭ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ގެއްލޭނެ އެވެ. އެ ތިން މެޗަކީ ރަށުން ބޭރުގައި އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވެނެޒުއޭލާ އާއި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗެވެ.