މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
30 މާޗް 2017 - 11:30
މެންޗެސްޓާ (މާޗް 30) - ސީޒަން މެދުތެރެއިން ބައިނަލްއަގްވާމީ ރަހުމަތްރިކަމުގެ މެޗުތައް ކުޅުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ ހިތްހަމަ ނުޖެހުނީ އިންގްލެންޑަށް ދޫކޮށްފައިވަނިކޮށް ޔުނައިޓެޑްގެ ދެ ޑިފެންޑަރުން ކަމަށްވާ ފިލް ޖޯންސް އާއި ކްރިސް ސްމޯލިން އަށް އަނިޔާވުމުންނެވެ. ޖޯންސްގެ ފައިތިލަ އަށް އަނިޔާވީ އިންގްލެންޑް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އަދި ސްމޯލިން އަށް އަނިޔާވީ ޖަރުމަނާ ދެކޮޅަށް އިންގްލެންޑް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިންނެވެ.
"ކޮލިފައިން މެޗުތައް ކުޅުނަސް މައްސަލައެއް ނެތް. އެކަމަކު ސީޒަންގެ މެދުތެރެއިން ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗު ކުޅުމާ އަހަރެން ދެކޮޅު. އަހަރެން ދެކޭ ގޮތުގައި ރަހުމަތްތެރިކަމުގެ މެޗު ކުޅެންވީ މުބާރާތްތައް ފެށެން ގާތްވީމަ،" ސްކައިސްޕޯޓްސްގެ ސޮކާ ސެޓަޑޭ ޕްރޮގްރާމްގައި މޮރީނިއޯ ބުންޏެވެ.
"ޔޫރޯ އާއި ވޯލްޑް ކަޕް ފަދަ މުބާރާތްތައް ފެށެން ކައިރިވުމުން ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗުތައް ކުޅެގެން ޓީމުތަކަށް ކުރާ ފައިދާ ބޮޑުވާނެ. އެކަމަކު އޭގެ ބަދަލުގައި ސީޒަން މެދުތެރެއިން ކުޅެގެން ކުޅުންތެރިންނަށް ހަމައެކަނި މެޗެއް ލިބޭކަން. އޭގެ ހުރިހާ ގެއްލުން ކްލަބްތަކަށް،" އޭނާ ބުންޏެވެ.
މީގެ ކުރިން ވެސް ޔޫރަޕްގެ ގިނަ ކްލަބްތަކުގެ ކޯޗުން ވަނީ ސީޒަން މެދުތެރެއިން ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާ ދެކޮޅު ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ބަޔާން މިއުނިކްގެ ކޯޗު ކާލޯ އަންޗެލޮޓީ އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ ހިމެނެ އެވެ.
ބައިނަލްއަގްވާމީ މެޗުތަކަށް ޔުނައިޓެޑްގެ 13 ކުޅުންތެރިން ވަނީ ވީއްލައިފަ އެވެ. އޭގެ ތެރެއިން ޔުނައިޓެޑާ އެންމެ ފަހުން ގުޅޭނީ ދެކުނު އެމެރިކާގެ ކޮލިފައިން މެޗުތަކަށް ދިޔަ އާޖެންޓީނާގެ ކީޕަރު ސާޖިއޯ ރޮމޭރޯ އާއި ޑިފެންޑަރު މާކޯސް ރޯހޯގެ އިތުރުން އެކުއެޑޯގެ އެންޓޯނިއޯ ވެލެންސިއާ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ވަނައިގައި މި ވަގުތު އޮތް ޔުނައިޓެޑް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ނުކުންނާނީ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްވިޗް އެލްބިއަންއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަ ރަދީފް
31 March 2017
ގާޑިޔޯލާ ވަރެއްނެތް....