ކްރޮއޭޝިއާގެ ޕެރިސިޗް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
06 ޖޫން 2017 - 12:15
މިލާން (ޖޫން 6) – އިންޓަ މިލާނުގެ ކްރޮއޭޝިއާ ވިންގާ އިވާން ޕެރިސިޗް ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ކިޔާ އަގު މާ ކުޑަވުމުން އޭނާ ބަހައްޓަން އިންޓަ އިން ނިންމަފާނެ ކަމަށް ސްކައި އިޓާލިއާ އިން ރިޕޯޓްކޮށްފި އެވެ.
ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ މިންގަނޑުގެ ތެރެއިން އިންޓަ އަށް ހަރަދުކުރެވެން އަންނަނީ ޖޫން 30 ވަނަ ދުވަހުގެ ކުރިން އެ ކްލަބުން ފައިސާ އެއްކޮށްގެންނެވެ. އެހެންވެ އެ ކްލަބުން ޕެރިސިޗް ވިއްކާލަން ކުރިން ނިންމި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ އިން އޭނާ ވިއްކާލަން ބޭނުންވަނީ 55 މިލިއަން ޔޫރޯ އާއި 60 މިލިއަން ޔޫރޯއާ ދެމެދުގެ އަގަކަށެވެ. އެކަމަކު ޔުނައިޓެޑުން އޮފާކުރީ 40 މިލިއަން ޔޫރޯ އެވެ. އަނެއްކޮޅުން އިންޓަ އިން ގެންނާނެ ކަމަށް ބެލެވޭ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ވެސް، ޕެރިސިޗް ބޭނުންވެ އެވެ. އެހެންވުމާ ވެސް އެކު ޕެރިސިޗް ނުވިއްކާ ގޮތަށް އިންޓަ އިން ނިންމަފާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ވުލްފްސްބާގަށް ކުޅެފައިވާ ޕެރިސިޗަކީ ދުވެލި ބާރު އަދި ވަރުގަދަ ކުޅުމެއް އަރިމަތިން ކުޅޭ ގޯލާ ރަށްޓެހި ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕެރިސިޗަކީ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އެ ޓީމަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ މުހިއްމު ކުޅުންތެރިއެކެވެ.
އިންޓަގެ ކްރެއޭޝިއާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗަށް ރަޝިއާގެ ޒެނިތުން ޝައުގުވެރިވާއިރު ސްޕެއިނުގެ ވިޔަރެއާލާއި އިންގްލެންޑުގެ އެވަޓަން އާއި ކްރިސްޓަލް ޕެލަސް އަދި ސްޓޯކް ސިޓީން އިންޓަގެ ޖެއިސޮން މުރީލޯ ބޭނުންވެ އެވެ. މީގެ އިތުރުން އިންޓަގެ އާޖެންޓީނާ މިޑްފީލްޑަރު އެވާ ބަނޭގާ ޗައިނާގެ ކްލަބަކަށް ވިއްކާލާނެ ކަމަށް ބެލެވޭއިރު އިޓަލީ ޑިފެންޑަރު އަންދްރޭ ރަނޯކިއާ އަކީ ވެސް ވިއްކާ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އޭނާ ލޯނެއްގެ ދަށުން ކުޅުނު ހަލް ސިޓީ ވަނީ ރެލިގޭޓްވެފަ އެވެ.
ޗައިނާގެ ސުނިން ގްރޫޕުން ހިންގާ އިންޓަ އިން މިދިޔަ ސީޒަނަށް ބޮޑު ހަރަދުތަކެއް ކުރި ނަމަވެސް ލީގު ނިންމާލީ ހަތް ވަނައިގަ އެވެ. އެހެންވެ ޔޫރަޕުން ފުރުސަތެއް ނެތެވެ. އެއާ އެކު އެ ޓީމަށް ބޮޑު ހޭދައެއް ކުރެވެން އަންނަނީ ފައިސާ އެއްކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންގާނު
06 June 2017
ޕެރިސިޗް އަކީ 50މިލިއަން ނުވަތަ 60މިލިއަން ދީފަ ގަންނަވަރުގެ ކުޅުންތެރިއެއް ނޫން، ޕެރިސިޗް އަށް 40މިލިއަން ވެސް އަސްލު ބޮޑު