ބާސެލޯނާގެ ކުރީގެ ކޯޗު އެންރީކޭ (ވ) މިހާރުގެ ކޯޗު ވަލްވޭޑޭއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
05 ޖުލައި 2017 - 10:26
ބާސެލޯނާ (ޖުލައި 5) - ބާސެލޯނާގެ އާ ކޯޗު އާނަސްޓޯ ވަލްވޭޑޭ އަށް އެންމެ ފަހުން އެ ޓީމުގައި ހުރި ލުއިސް އެންރީކޭ ހޯދި ކާމިޔާބީ ތަކުރާރުކުރެވޭނެ ކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ އަދި ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ތިން އަހަރަށް ފަހު ލުއިސް އެންރީކޭ ބާސެލޯނާ އިން ދިޔައިރު އޭނާ ވަނީ ނުވަ ތަށި އެ ޓީމަށް ހޯދައިދީފަ އެވެ. އެތުލެޓިކް ބިލްބާއޯ ދޫކޮށް ކުރިން ބާސެލޯނާ އަށް ކުޅުނު ވަލްވޭޑޭ އެ ޓީމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ސްޕެއިނުގެ ކުރީގެ ކުޅުންތެރިންނާއި ބާސެލޯނާގެ ލެޖެންޑުން އަންނަނީ ވަލްވޭޑޭ އަކީ ބާސެލޯނާ އަށް އެންމެ ރަނގަޅު ކޯޗެއް ނޫން ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ގާޑިއޯލާ ވަނީ ވަލްވޭޑޭގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
"ބާސެލޯނާ އަށް މި ވަގުތު ބޭނުންވަނީ މި ކްލަބް ދަންނަ މީހެއް. ވަލްވޭޑޭ އަކީ ބާސެލޯނާ އަށް ކުޅުނު ކުޅުންތެރިއެއް. އޭނާ އަށް ކްލަބްގެ އިހުސާސްތައް އެނގޭނެ. އަހަރެންގެ ނަޒަރުގައި އޭނާ އަށް އެންރީކޭ ހޯދިފަދަ ކާމިޔާބީއެއް ބާސެލޯނާގައި ތަކުރާރު ކުރެވޭނެ،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ބާސެލޯނާގައި ގިނަ މަޝްހޫރު ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިން ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ވަލްވޭޑޭގެ އެބަހުރި ކަމަށެވެ.
"މި ސްކޮޑު ގޮވައިގެން ކުރިއަށް ދިއުމުގެ ގާބިލުކަން ވަލްވޭޑޭގެ އެބަހުރި. އޭނާ އަކީ ކުޅުންތެރިން ކޮންޓްރޯލް ކުރަން ވެސް އެނގޭ މޮޅު ކޯޗެއް،" ގާޑިއޯލާ ބުންޏެވެ.
ވަލްވޭޑޭ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ބިލްބާއޯ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޮލިމްޕިއާކޯސް އަށް ދެ ފަހަރު އަދި ވިޔަރެއާލާއި ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ބިލްބާއޯއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ.
އަންނަ ސީޒަނަށް ޓީމުތަކުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ބާސެލޯނާ އިން ވެސް އަންނަނީ ގިނަ ކުޅުންތެރިންނަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އާއި ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަދި އާސެނަލްގެ ފުލްބެކް ހެކްޓަ ބެލެރިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy